އާރްޑީސީއިން ގެނައި ހެވީ ވެހިކަލް ފްލީޓަށް ގިނަ ޢަދަދެއްގެ ޓެކްނިކަލް މީހުން ތަމްރީނުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ވިދާޅުވެއްޖެއެވެ.
ހެވި ވެހިކަލް އޮޕަރޭޓް ކުރެވޭނީ އެކަމަށް ޚާއްސަ ތަމްރީނު ލިބި، ލައިސަންސް ލިބިފައިވާ މީހުންނަށެވެ.
ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ކުރިއަށްގެންދާ މަޝްރޫޢުތަކަށް ގިނަ ޢަދަދެއްގެ ހެވީ ވެހިކަލް އާރްޑީސީ މެދުވެރިކޮށް ރާއްޖެ ގެނައީ މިމަހުގެ ފުރަތަމަ ހަފްތާގައެވެ. އެގޮތުން 230 ވެހިކަލް ރާއްޖެ ގެނެސްފައިވެއެވެ.
އާރްޑީސީން މިހާރު ގެންދަނީ މި އުޅަނދުތައް ފޮނުވާނެ ރަށްތަކާ ޕްރޮޖެކްޓްތައް ކަނޑައަޅާމުންނެވެ. ފުރަތަމަ ބުރުގައި 20 ރަށަކަށް އުޅަނދުތައް ފޮނުވުމަށް ހަމަޖެހިފައިވާކަމަށް އާރްޑީސީން ވިދާޅުވެއެވެ.
އާރްޑީސީގެ މެނޭޖިން ޑިރެކްޓަރ އިބްރާޙިމް ނަޒީމް ވިދާޅުވީ މިވަގުތު އެންމެ އިސަކަމެއް ދީގެން ކުރަމުންދަނީ އުޅަނދުތައް ދުވުމާއި އޮޕަރޭޓް ކުރާނެ މީހުން ތަމްރީނުކުރުމަށްކަމަށެވެ. އެގޮތުން މާލޭގެއި މަސައްކަތް ކުރާ އާރްޑީސީގެ މުވައްޒަފުންނާއި އަދި އަތޮޅުތަކުގެ ރަށްތަކުގައި އާރްޑީސީގައި މަސައްކަތްކުރާ މުވައްޒަފުންގެ ޓީމެއް، ތަމްރީންކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. ތަމްރީންތަކުގައި ތިއަރީ އަދި ޕްރެކްޓިކަލް ބައިތައް ހިމެނެއެވެ. ޕްރެކްޓިކަލް ބައިތައް ގެންދަނީ ތިލަފުށީގައެވެ.
ނަޒީމް ވިދާޅުވީ ވެހިކަލް އޮޕަރޭޓަރުންނާއި މެއިންޓަނަންސް ޓީމެއް ތަމްރީނުކުރުމުގެ މަސައްކަތް ފަށައިގެން ކުރިއަށްދާކަމަށެވެ.
އޭގޮތުން ޖުމުލަ 108 މީހުން ތަމްރީންކުރަމުންދާކަމަށާއި، ތަމްރީންތައް އަންނަ ހަފްތާގެ ނިޔަލަށް ކުރިއަށްދާނެއެވެ.
ނަޒީމް ވިދާޅުވީ މިވަގުތު ދެން އެންމެ މުހިންމު ކަމަކަށް ކުރިއަށްދަނީ ވެހިކަލްތައް ރެޖިސްޓްރީކުރުމުގެ މަސައްކަތްތައްކަމަށެވެ. އެ މަސައްކަތްތައްވެސް ފަހުގެ މަރުހަލާތަކުގައި ކުރިއަށްދާއިރު. ވަރަށް އަވަހަށް އުޅަނދުތައް ފޮނުވުމުގެ މަސައްކަތްތައް ފަށާނެކަމަށް ވިދާޅުވިއެވެ.
މުޅި ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންއިން ސަރުކާރުގެ ޕްރޮޖެކްޓްތައް ދަނީ ހިންގަމުންނެވެ. ނަޒީމު ވިދާޅުވީ، މެޝިނަރީ އާއި އުޅަނދު ފޮނުވާ ރަށްތަކުގައި ކުރިއަށްގެންދާ އެހެނިހެން މަޝްރޫޢުތަކަށްވެސް، ބޭނުންވާ ޙާލަތުގައި މި އުޅަނދުތައް ބޭނުންކުރެވޭނެގޮތަށް އިންތިޒާމުތައް ހަމަޖައްސަވާނެކަމަށެވެ.
ހެވީ ވެހިކަލްގެ ގޮތުގައި އެސްކަވޭޓަރު، ފޯކްލިފްޓް އަދި ޑަމްޕް ލޮރީވެސް ގެނެސްފައިވެއެވެ.
މެޝިނަރީތަކުގެތެރޭގައި ތާރު އަޅައިގެން މަގުތައް ތަރައްޤީކުރުމަށްޓަކައި އަލަށް ވަނީ 4 ތާރު ޕްލާންޓެއް ގެނެސްފަވެއެވެ. އެއީ 80 ޓަނުގެ އެއް ޕްލާންޓާއި 40 ޓަނުގެ 3 ޕްލާންޓެވެ. މި އުޅަނދުތައް ރާއްޖެ އެތެރެކޮށްފައިވަނީ ޗައިނާގެ ތަޖުރިބާކާރު ކުންފުންޏެއް މެދުވެރިކޮށެވެ.
މި މަސައްކަތުގައި މާލެ ސަރަޙައްދުގައި އެންމެ ބޮޑު އިސްކަމެއްދޭނީ ގުޅިފަޅުގެ ޔުޓިލިޓީ ޚިދުމަތްތައް ޤާއިމުކުރުމުގެ މަސައްކަތްތަކަށެވެ. ގުޅިފަޅުގެ ޔުޓިލިޓީ ޚިދުމަތްތައް ފެށުމަށް ސަރުކާރުން ނިންމާފައިވަނީ އެމްޓީސީސީއާއި އާރްޑީސީއާއި ހަވާލުކޮށްގެންނެވެ. އެކަމަށް ބޭނުންވާ ތައްޔާރީތައް އިމާރާތްކުރުމާއި ބެހޭ ވުޒާރާއިން ދަނީ ކުރިއަށްގެންދަމުންނެވެ.
ގިނަ ޢަދަދެއްގެ ވެހިކަލް ރާއްޖެ ގެނެސްފައިވަނީ، ރާއްޖޭގައި ކުރިއަށްގެންދާ މަޝްރޫޢުތައް އަވަސްކޮށް، އެއްފަހަރާ ގިނަ މަޝްރޫޢުތަކެއް ކުރިއަށްގެންދިއުމަށެވެ.