ޚަބަރު

ގުރައިދޫ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ %76 ނިމިއްޖެ


  • 13.8 ހެކްޓަރުގެ ބިން ހިއްކާ

  • މިހާރު ކުރަނީ ބޮޑުހިލަ ޖެހުމުގެ މަސައްކަތް

  • ބިން ހިއްކަނީ އެމްޓީސީސީން، އެއާޕޯޓް ތަރައްޤީކުރާނީ އެމްއޭސީއެލް

ތ. ގުރައިދޫގެ ބިން ހިއްކުމާއި، ހިއްކި ސަރަޙައްދު ޙިމާޔަތްކުރުމުގެ މަޝްރޫޢުގެ %76 މަސައްކަތް ނިމިއްޖެއެވެ.

ގުރައިދޫ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ފަށާފަވަނީ މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ. އެ މަސައްކަތަށް އެ ރަށުން 13.80 ހެކްޓަރުގެ ބިން ވަނީ ހިއްކާފައެވެ.

ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީން ކުރިއަށްގެންދާއިރު، އެއާޕޯޓް ތަރައްޤީކުރަން ހަވާލުކޮށްފަވަނީ އެމްއޭސީއެލްއާއެވެ.

އެމްޓީސީސީން ވިދާޅުވީ މުޅި މަޝްރޫޢުގެ %76 ގެ މަސައްކަތް ނިމިފައިވާކަމަށެވެ. ބިން ހިއްކަން ވެލި އަޅާ ނިމި، މިހާރު ކުރަމުންދަނީ ހިއްކި ސަރަޙައްދު ޙިމާޔަތްކުރަން ބޮޑު ހިލައިގެ ރިވެޓްމަންޓް ޖެހުމުގެ މަސައްކަތެވެ. އެގޮތުން 17،000ޓަނުގެ ބޮޑުހިލައިގެ އިތުރު ޝިޕްމަންޓެއް ވަނީ ގެންގޮސްފައެވެ.

979 މީޓަރުގެ ސަރަހައްދެއްގައި ހިލަ ރިވެޓްމެންޓެއް ޖެހުމާއި، 609 މީޓަރުގެ ސަރަހައްދެއްގައި ޖިއޯބޭގް ރިވެޓްމެންޓެއް ޖެހުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. މި މަސައްކަތް ވީހާވެސް އަވަހަށް ނިންމުމަށް މަސައްކަތް ކުރަމުންދާކަމަށް އެ ކުންފުނިން ވިދާޅުވެއެވެ.

ތ. ގުރައިދޫގެ އެއާޕޯޓް ތަރައްޤީކުރަން ސަރުކާރުން ހަވާލުކޮށްފައިވަނީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް އެމްއޭސީއެލްއާއެވެ. މި މަސައްކަތް އެމްއޭސީއެލްއާ ހަވާލުކުރީ މިދިޔަ ސެޕްޓެމްބަރު މަހުއެވެ.

ސެޕްޓެމްބަހު މަހު އެ ރަށަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ގުރައިދޫ އެއާޕޯޓްގެ މަސައްކަތް 22 މަސް ދުވަހުން ނިންމާ، 2027 ވަނަ އަހަރުގެ މިނިވަންދުވަހު ޚިދުމަތަށް ގެންނާނެކަމަށެވެ.

ތ. ގުރައިދުއަކީ 1300އެއްހާ މީހުންގެ އާބާދީއެއް އޮންނަ ރަށެކެވެ.

ގުރައިދޫގައި އެއާޕޯޓެއް ހުޅުވިގެންދިއުމަކީ، މުޅި ތ. އަތޮޅަށްވެސް އިޤްތިޞާދީ ގޮތުންނާއި އިޖްތިމާއީ ގޮތުން ގިނަގުނަ ފައިދާތަކަކާއި ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމެއްކަމަށް ސަރުކާރުން ވިދާޅުވެއެވެ. އަދި އެއާޕޯޓްގެ ސަބަބުން އެސަރަހައްދުގައި ފަތުރުވެރިކަން އިތުރަށް ތަރައްޤީވެ ރައްޔިތުންގެ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް އަންނާނެކަމަށް ސަރުކާރުން ގަބޫލުކުރެއެވެ.