މަސްވެރިކަމުގެ ޤާނޫނަށް ގެންނަ އިސްލާހުގެ ސަބަބުން ކަނޑުގެ ދިރުންތައް ރައްކާތެރިކުރެވޭނެ ނިޒާމެއް ގާއިމުކުރެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ ގިނަ މެންބަރުން މިހެން ވިދާޅުވީ ސަރުކާރުގެ ފަރާތުން މަސްވެރިކަމުގެ ޤާނޫނަށް އިސްލާހު ގެނައުމަށް ހުށަހަޅުއްވާފައިވާ ބިލުގެ ބަހުސްގައި ވާހަކަދައްކަވަމުންނެވެ.
މަސްވެރިކަމުގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅުއްވީ ތިނަދޫ ދެކުނު ދާއިރާގެ މެންބަރު މުޙައްމަދު އަލްސަން އަހުމަދެވެ. ބިލު ހުށަހަޅުއްވައިދެއްވައި ވާހަކަދައްކަވަމުން އަލްސަން ވިދާޅުވީ މި ބިލުގެ ސަބަބުން ރާއްޖޭގެ ކަނޑުގެ ވަސީލަތްތައް ހިމާޔަތް ކުރެވިގެންދާނެ ކަމަށެވެ. އަދި މަސްވެރިކަމުގެ ދާއިރާގައި ހަރުދަނާ އިދާރީ ނިޒާމެއް ޤާއިމުކުރެވި ޤާނޫނާ ޚިލާފަށް ހިންގާ މަސްވެރިކަމުގެ ހަރަކާތްތައް ހުއްޓުވޭނެ ކަމަށާއި މި ބިލުގައި މަސްވެރިކަމުގެ މެނޭޖްމަންޓް ޕްލޭންތައް އެކުލަވާލުމާއި އެކަންކަން ތަންފީޒުކުރެވޭނެ އިޖުރާޢަތްތައް ހިމެނިފައިވާނެ ކަމަށްވެސް ވިދާޅުވިއެވެ.
"މަސްތައް ދިރިއުޅޭ މާހައުލުގައި އުޅޭ އެހެން ބާވަތްތަކުގެ މަސްތަކަކީ ކޮބައިކަން، ނުވަތަ އެ މަސްތަކާ ގުޅިފައިވާ ނުވަތަ އެ މަސްތަކަށް ބަރޯސާވާ އެހެން ބާވަތުގެ މަސްތަކަކީ ކޮބައިކަން، އަދި އެ މަސްވެރިކަމުގެ ސަބަބުން އެ މާހައުލަށް ކޮށްފާނެ ނޭދެވޭ އަސަރުތައް ވަޒަންކުރަން ޖެހޭ ކަމަށް ބިލުގައި ބަޔާންކޮށްފައިވުމުގެ ސަބަބުން ކަނޑުގެ ދިރުންތައް ރައްކާތެރިކުރެވޭނެ ނިޒާމެއް މި ބިލުގައި ބަޔާންކޮށްފައިވުމީވެސް މި ބިލު މުހިންމުވާ ސަބަބެއް،" މެންބަރު އަލްސަން ވިދާޅުވިއެވެ.
ބިލަށް ބަހުސް ކުރައްވަމުން ތޮއްޑޫ ދާއިރާގެ މެންބަރު ހުސައިން ސަމީރު ވިދާޅުވީ މަސްވެރިކަމުގެ ޤާނޫނަށް ގެންނަން ހުށަހަޅުއްވާފައިވާ އިސްލާހުގައި މަސްވެރިކަމާއި ގުޅުންހުރި ވުޒާރާއަށް ގިނަ ބާރުތައް ދޭގޮތަށް ހިމަނާފައިއޮތުމުން ކަންބޮޑުވާ ކަމަށެވެ. މީގެ ސަބަބުން އެ ވުޒާރާއަށް ބޭނުންގޮތަށް ކަނޑުގެ ވަސީލަތްތައް ވިއްކުމުގެ ފުރުސަތު އޮންނާނެ ކަމަށާއި ކޮމިޓީ މަރުހަލާގައި އެކަންކަމާމެދު ވިސްނަންޖެހޭ ކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑުމެންނަށް އެބަފެނޭ މި ބިލުގެ ސަބަބުން ރާއްޖޭގެ ކަނޑުގެ ދިރުން ކަމުގައިވާ އެންދެރިއާއި މިޔަރާއި މިހެންގޮސް ކަނޑުގެ އަޑީގައިވާ އެތައް ބައިވަރު ކަންކަން، މީގެ ސަބަބުން މިނިސްޓްރީއަށް މިދެވޭ ބާރުގެ ސަބަބުން މުޅި ކަނޑުގެ ހަޒާނާ އެއްކޮށް ވިއްކާލެވިދާނެކަމުގެ ބިރުވެސް އޮތްކަމުގައި އަޅުގަނޑުމެންނަށް ފެންނާތީ މި ބިލު ޤާނޫނަކަށްވުމުގެ ކުރިން ކޮމިޓީ މަރުހަލާގައި މިކަންކަމާމެދު ފުންކޮށް ވިސްނައި، އިސްލާހުކުރާނެކަމަށް އުއްމީދުކުރަން،" ތޮއްޑޫ ދާއިރާގެ މެންބަރު ހުސައިން ޒަމީރު ވިދާޅުވިއެވެ.
ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު އައްބާސް ވިދާޅުވީ އެކި ސަރުކާރުތަކުން މަސްވެރިކަމުގެ ސިނާޢަތް ސިޔާސީ ކުރުމުގެ ސަބަބުން މުޅި ސިނާޢަތަށް އޭގެ ގެއްލުން ލިބިފައިވާ ކަމަށެވެ. އެހެންވެ އެކަންކަން އިސްލާހު ކުރަންޖެހޭ ކަމަށާއި ޤާނޫނަށް ހުށަހަޅުއްވާފައިވާ އިސްލާހުތަކުގެ ސަބަބުން ލިބޭ ފައިދާތަކުގެ އިތުރުން މަސްވެރިކަމުގެ ސިނާޢަތް އިތުރަށް ކުރިއަރުވަން ޒުވާން ޖީލު އަހުލުވެރިކުރުވަން ޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.
"އަބަދު ކޫއްޑޫ، ފެލިވަރު. ދެން ރާއްޖޭގެ އެކި ސަރަހައްދުތަކަށް ކީއްވެގެންތޯ މަސް ފެކްޓްރީތަކާ އެއްޗެހި ފަތުރާފައި ނެތީ. އަޅުގަނޑުމެންގެ ލޭނާރު. ދުލަށް ބާރުލާފައި ރައްޔިތު މީހާ އަޑުއަހާގޮތަށް މިބުނަނީ އަޅުގަނޑުމެންގެ ލޭނާރަކީ މަސްވެރިކަމޭ. މަސްވެރިކަމުގެ ސިނާޢަތުން ދައުލަތަށް ލިބެނީ ކޯއްޗެއްތޯ." ވެލިދޫ ދާއިރާގެ މެންބަރު ވިދާޅުވިއެވެ.
ޤާނޫނަށް ހުށަހަޅުއްވާފައިވާ އިސްލާހުތަކުގެ ސަބަބުން މަސްވެރިކަމުގެ ސިނާޢަތަށް ދިމާވެފައިވާ ގިނަ ކަންކަމަށް ހައްލު ލިބިގެންދާކަމަށް ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާޢު ވިދާޅުވިއެވެ. އެގޮތުން، ބިލުގައި މިހާރުވެސް މަސްވެރިންގެ ފަރާތުން ލިބިފައިވާ ޚިޔާލުތައް ހިމަނުއްވާފައިވާއިރު މަޖިލީހުން ބިލުގެ މަސައްކަތް ކުރިއަށްގެންދާނީ އެ ދާއިރާގެ ފަރާތްތަކާ ގުޅިގެން ކަމަށްވެސް ޝުޖާޢު ވިދާޅުވިއެވެ.
"ކޮމިޓީ މަރުހަލާއަށް މި ބިލު ދާއިރު މަސްވެރިންނާ ގުޅުންހުރި، މަސްވެރި ސިނާޢަތުގައި މަސައްކަތްކުރާ މަސްވެރިންގެ ސީދާ ބައިވެރިވުން މި އިސްލާހުގައި އޮތުމަކީ ވަރަށް މުހިންމު ކަމެއްކަމުގައި އަޅުގަނޑު ގަބޫލުކުރަން،" ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާޢު ވިދާޅުވިއެވެ.
ސަރުކާރުގެ ފަރާތުން މަސްވެރިކަމުގެ ޤާނޫނަށް ހުށަހެޅުއްވި އިސްލާހަށް ގިނަ މެންބަރުން ވަނީ ތާޢީދުކުރައްވާފައެވެ. އެގޮތުން، ދުނިޔޭގެ މަސްވެރިކަމުގެ ސިނާޢަތް ކުރިއަރާފައިވާ މިންވަރާއި މަސްވެރިކަން ކުރާ ވައްޓަފާޅިއަށް އަންނަ ބަދަލުތަކާއެގޮތަށް ރާއްޖޭގެ މަސްވެރިންނަށް އެ ފުރުސަތު ފަހިކޮށްދީ، އެ ސިނާޢަތް ފުޅާ ކުރަންޖެހޭކަން މެންބަރުން ވަނީ ފާހަގަކުރައްވާފައެވެ.