ޗައިނާގެ ސަންޔާގައި މިއަދު ފެށި 6 ވަނަ އޭޝިއަން ބީޗް ގޭމްސްގެ، ބީޗް ހޭންޑް ބޯޅަ އިވެންޓުން ރާއްޖެއިން ފުރަތަމަ މޮޅު ހޯދައިފިއެވެ.
މި މެޗުގައި ރާއްޖެއިން ނިކުތީ ބަންގްލަދޭޝް އާއި ދެކޮޅަށެވެ. މި މެޗު ރާއްޖެއިން ކާމިޔާބު ކުރީ 2-1 ސެޓުންނެވެ.
ޗައިނާގެ ސަންޔާގައި ކުރިޔަށްދާ މި މުބާރާތުގައި ރާއްޖެ އާއި ބަންގްލަދޭޝް އިން ހެނދުނު ކުޅުނު މި މެޗުގެ ފުރަތަމަ ސެޓު 21-12 ން ކާމިޔާބު ކުރީ ބަންގްލަދޭޝްއިންނެވެ. ދެވަނަ ސެޓު 23-22 ން ގެންދިޔައީ ރާއްޖެއިންނެވެ. ޝޫޓްއައުޓްގައި ރާއްޖެއިން 7-4 ކުން ބަންގްލަދޭޝްގެ މައްޗަށް ކުރި ހޯދާ މި މެޗު 2-1 ސެޓުން ރާއްޖެއިން ވަނީ ކާމިޔާބުކޮށްފައެވެ.
ރާއްޖެ ޓީމުން މުބާރާތުގެ ދެވަނަ މެޗަށް ނިކުންނާނީ މިއަދު ރާއްޖެ ގަޑިން 1400 ގައެވެ. އެ މެޗުގައި ބައްދަލުކުރާނީ ޖޯޑަންއާއެވެ.
ރާއްޖެ ހިމެނެނީ ގުރޫޕް ބީގައެވެ. މި ގުރޫޕްގައި ދެން ހިމެނެނީ އޮމާން، ޕާކިސްތާން، ބަންގްލަދޭޝް، ތައިލޭންޑް، ޤަތަރު އަދި މޮންގޯލިއާއެވެ. ގުރޫޕް އޭގައި ހިމެނެނީ ހޯސްޓު ޗައިނާ، އިރާން، އިންޑިއާ، ބަހްރެއިން، ހޮންގްކޮންގ، ވިއެޓްނާމް އަދި ފިލިޕީންސްއެވެ.
މިއީ ބައިނަލްއަގްވާމީ ގޭމްސްއެއްގައި ރާއްޖޭގެ ބީޗް ހޭންޑްބޯޅަ ޓީމު ވާދަކުރާ ފުރަތަމަ ފަހަރެވެ. މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ވަނީ ތައިލޭންޑުގައި ކޭމްޕްކޮށްފައެވެ.