ޚަބަރު

ބެޑްމިންޓަން އޭޝިއާގެ އެހީގައި އައު ކޯޗެއް ހޯދަނީ


  • ކުރީގެ ކޯޗު ދިޔައީ ޖިންސީ ފުރައްސާރައިގެ މައްސަލައެއް ބަލަނިކޮށް

  • އަންނަ މަހު އައު ކޯޗެއް ލިބޭނެކަމަށް ބެލެވޭ

ރާއްޖޭގެ ބެޑްމިންޓަން ޓީމުތަކަށް އިރުޝާދުދެމުން އައި ކޮރެއާ ކޯޗުގެ މައްސަލައެއް ފެންމަތިވެ، އޭނާގެ އެގްރީމެންޓު ނިމުމަކަށް ގެނައުމަށްފަހު، ފެންވަރު ރަނގަޅު ކޯޗެއް ހޯދުމަށް ބެޑްމިންޓަން އޭޝިއާ އާއި އެކު މަޝްވަރާކުރަމުން އަންނަ ކަމަށް ބެޑްމިންޓަން އެސޯސިއޭޝަނުން ބުނެފިއެވެ.

ބީއޭއެމްގައި ކުރިން ހުރި ގައުމީ ޓީމުގެ ކޯޗު، ކޮރެއާގެ ޖަންގް ކީ ޔަންގް ވަނީ އޭނާގެ އަހްލާގީ މައްސަލަތަކެއް ފެންމަތިވެ، ފުލުހުން އެ މައްސަލަ ބަލަމުންދަނިކޮށް އެސޯސިއޭޝަނަށް ނާންގާ އެނބުރި ގައުމަށް ގޮސްފައެވެ.

ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމް)ގެ ނައިބު ރައީސް އަހުމަދު ޝިހާމް ޕީއެސްއެމްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ކުރީގެ ކޯޗުގެ މައްސަލައަކީ ކުރީގެ މެނޭޖުމެންޓު އޮތް އިރު ދިމާވި މައްސަލައެއް ކަމަށެވެ.

"އެއީ އަޅުގަނޑުމެން ހަވާލުވުމުގެ ކުރިން ޖެހިފައި އޮތް މައްސަލައެއް. އަޅުގަނޑުމެން ހަވާލުވެފަ ދެން އެކަން ބަލަންވެގެން ބެލި ބެލުމުން ބައެއް ކަންކަން ފާހަގަވެފައި ހުރީމަ އަޅުގަނޑުމެންވެސް ދެން ނިންމީ ޓާމިނޭޓްކޮށްލަން ކޯޗުގެ ކޮންޓްރެކްޓް" ޝިހާމް ވިދާޅުވިއެވެ.

ޝިހާމް ވިދާޅުވީ، ބީއޭއެމްގެ ޖޫނިއާރ ޓީމާއި، ޔޫތް ޑިވެލޮޕްމެންޓް ޕްރޮގްރާމަށް މިމަހު ބަންގްލަދޭޝްގެ ދެ ކޯޗުން ގުޅޭނެ ކަމަށެވެ. އަދި ފެންވަރު ރަނގަޅު ގައުމީ ކޯޗެއް ހޯދުމަށް މަސައްކަތް ކުރަމުން އަންނަކަމަށެވެ.

"ބެޑްމިންޓަން އޭޝިއާގެ އެހީއާއިއެއްކޮށް ތަންކޮޅެއް ހައި ޕްރޮފައިލް ކޯޗަކަށް މިހާރުވާނީ އެޕްރޯޗް ކޮށްފައި. އުންމީދު ކުރަނީ ކުރިޔަށް އޮތް ދެ ތިން ހަފްތާތެރޭގައި ހަމަޖެހޭނެ ކަމަށް" ޝިހާމް ވިދާޅުވިއެވެ.

މީގެ އިތުރުން އެސޯސިއޭޝަނަށް ދިވެހި ކޯޗުން ހޯދުމަށްވެސް ވަރަށް އަވަހަށް އިއުލާނުކުރުމަށް ބީއޭއެމްއިން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ކުރީގެ ކޯޗުގެ މައްޗަށް ތުހުމަތު ކުރެވޭ ޖިންސީ ފުރައްސާރައިގެ މައްސަލަތަކެއް ވަނީ ފުލުހުންނަށް ހުށަހަޅާފައެވެ. އެހެންނަމަވެސް އޭނާ ވަނީ ދާދި ފަހަކާއި ޖެހެންދެން ޖޫނިއާ ގައުމީ ޓީމާއި އެކު މަސައްކަތްކޮށްފައެވެ.