ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އަށްޓަކައި ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް ކާމިޔާބު ކުރަން ހުރިހާ މަސައްކަތެއް ކުރާނެ ކަމަށް އެ ގައުމުގެ މިޑްފީލްޑަރު ބުރޯނޯ ފެނާންޑޭޒް ބުނެފި އެވެ.
މެންޗެސްޓާ ޔުނައިޓެޑާއި އިނގިރޭސި ކުރީގެ ކެޕްޓަން ވޭން ރޫނީއާއެކު ބީބީސީގައި ވާހަކަ ދައްކަމުން ފެނާންޑޭޒް ބުނީ ރޮނާލްޑޯގެ ކެރިއަރު ޖަރީ ކޮށްލެވޭނީ ވޯލްޑް ކަޕް ތަށި ހޯދައިގެން ކަމަށެވެ.
"އަހަރެން މި މުބާރާތް ކާމިޔާބު ކުރަން މަސައްކަތް ކުރާނީ ހަމައެކަނި ޕޯޗުގަލް އަށްޓަކައެއްނޫން. ކްރިސްޓިއާނޯ ރޮނާލްޑޯ އަށްޓަކައި ވެސްމެ. އޭނާ ފުޓްބޯޅަ އަށް ކޮށްދިން ކަންތައްތަކަށް ވެސް އޭނާ އަށް ވޯލްޑް ކަޕެއް ލިބެން ޖެހޭ. އަދި މިއީ އޭނާގެ ފަހު މުބާރާތަށް ވެސް ވެދާނެ. އެހެންވީމާ އޭނާއާއެކު މި ތަށި ހޯދުމަކީ ވަރަށް ހާއްސަ ކަމަކަށްވާނެ،" ފެނާންޑޭޒް ބުންޏެވެ.
މެންޗެސްޓާ ޔުނައިޓެޑްގެ ކެޕްޓަން ވެސް މިހާރު ކުރަމުން އަންނަ މިޑްފީލްޑަރު ބުނީ ޕޯޗުގަލްގައި އޮތީ ތަށި ހޯދޭ ފެންވަރުގެ ސްކޮޑެއް ކަމަށެވެ.
ޖޫން 11 ވަނަ ދުވަހު އެމެރިކާ އާއި މެކްސިކޯ އާއި ކެނެޑާގައި ފަށާ މުބާރާތަކީ ރޮނާލްޑޯގެ ހަ ވަނަ ވޯލްޑް ކަޕެވެ. ފަސް ފަހަރު ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައިވާ ރޮނާލްޑޯ އަށް ފުޓްބޯޅައިގައި ހާސިލްނުވެ އޮތް ބޮޑު މުބާރާތަކީ ވޯލްޑް ކަޕް ތަށި އުފުލާލުމުގެ ޝަރަފެވެ. އުމުރުން މިހާރު 41 އަހަރުގެ ކުޅުންތެރިޔާ މި މުބާރާތަށް ފަހު ބޮޑު މުބާރާތަކުން ދެން ނުފެންނާނެ ކަމަށް ބެލެވެ އެވެ. މި ފަހަރުގެ މުބާރާތުގައި ޕޯޗުގަލް ހިމެނެނީ ކޮންގޯ އާއި އުޒުބަކިސްތާނާއި ކޮލަމްބިއާއާއެކު ގްރޫޕް ކޭ ގަ އެވެ.