ހުޅުމާލެ ފޭސް 2ގެ މަގު ކޮނުމުގެ މަސައްކަތްކުރާ ފަރާތްތަކުން ކޭބަލް ނެޓްވޯކަށް ސަމާލުވުމަށް ސްޓެލްކޯއިން އިލްތިމާސްކޮށްފިއެވެ.
ސްޓެލްކޯއިން މިފަދައިން އިލްތިމާސްކޮށްފައިމިވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ކަރަންޓު ކޭބަލްތަކަށް ގެއްލުންވެ ޚިދުމަތަށް ބުރުއަރެމާއާ ގުޅިގެން ނެރުނު ނޫސްބަޔާނުގައެވެ.
ސްޓެލްކޯއިން ވިދާޅުވީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ޚިދުމަތް މެދުކެނޑެން ދިމާވީ، ކަރަންޓު ކޭބަލަށް ގެއްލުންވުމާ ގުޅިގެންކަމަށެވެ. އެ މައްސަލަ ވީހާވެސް އަވަހަށް ޙައްލުކޮށް، ޚިދުމަތް އާންމު ހާލަތަށް ގެނައުމަށްޓަކައި އެ ކުންފުނީގެ ޓެކްނިކަލް ޓީމުން ކުރަމުންގެންދިޔަ މަސައްކަތުން ވަނީ ކަރަންޓުގެ ޚިދުމަތް މެދުކެނޑުނު ހުރިހާ ސަރަހައްދަކަށް އަލުން ކަރަންޓުގެ ޚިދުމަތް ދީފައިކަމަށް އެ ކުންފުނިން ވިދާޅުވިއެވެ.
ސްޓެލްކޯއިން ވިދާޅުވީ ކޭބަލަށް ގެއްލުން ލިބިފައިވަނީ ދެވަނަ ފިޔަވަހީގައި މަގުހެދުމުގެ މަސައްކަތް ކުރަމުންދިޔަ ބައެއްގެ އިހުމާލުންކަމަށެވެ. އެގޮތުން ފާހަގަކޮށްލެވޭ ގޮތުގައި، މި ހިނގާ އެޕްރީލް މަހުގެ 12 ވަނަ ދުވަހު ވެސް ކޮނުމުގެ މަސައްކަތް ކުރި ބައެއްގެ އިހުމާލުން މައި ކޭބަލަކަށް ގެއްލުންވެ ދެވަނަ ފިޔަވަހީގެ ބޮޑު ބަޔަކުން ކަރަންޓު ކެނޑިފައިވާކަމަށް ވިދާޅުވިއެވެ. ސްޓެލްކޯއިން ވިދާޅުވީ އެ ފަހަރު ކޭބަލަށް ލިބިފައިވާ ގެއްލުން ދެނެގަތުމަށް "ފޯލްޓް ޑިޓެކްޓަރ" ބޭނުންކޮށްގެން ކުރި މަސައްކަތުގެ ތެރެއިން، އެ ކޭބަލްގެ އެހެން ދިމާއަކަށް ވެސް މީގެ ކުރިން ގެއްލުން ލިބިފައިވާކަން ވަނީ ފާހަގަކުރެވިފައިކަމަށެވެ. އަދި އެ ގެއްލުން އެ ކުންފުންޏަށް ރިޕޯޓްކުރުމުގެ ބަދަލުގައި، ކޭބަލްގައި ޓޭޕް އޮޅައި އެކަން ސިއްރުކޮށްފައިވާކަން ވެސް ވަނީ ފާހަގަކުރެވިފައިކަމަށް ވިދާޅުވިއެވެ.
މިފަދަ ޒިންމާދާރުކަން ކުޑަ އަމަލުތަކާއި އިހުމާލުތަކުގެ ސަބަބުން، ގިނަ އަދަދެއްގެ ރައްޔިތުންނަށް ނުހަނު ބޮޑެތި ތަކުލީފުތަކާ ދަތިތަކެއް ކުރިމަތިވެ، އަސާސީ ޚިދުމަތްތަކަށް ބުރޫއަރާ، އާންމު ދިރިއުޅުމަށް އެކަމުގެ އަސަރު ފޯރަމުންދާކަމަށް ސްޓެލްކޯއިން ވިދާޅުވިއެވެ. މައި ކޭބަލަށް ގެއްލުން ލިބުމާއި ގުޅިގެން އެކުންފުނިން ވާނީ ދެވަނަ ފިޔަވަހީގެ ކަރަންޓުގެ ވިއުގަ ބަލަހައްޓަމުން ގެންދާ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އާއެކު ބައްދަލުވުމެއް ބާއްވައި، ރައްޔިތުންނަށް ދިމާވާ މިފަދަ ދަތި އުނދަގޫތަކުން ސަލާމަށް ކުރުމަށް ކުރެވެންހުރި ކަންކަމާއި ގުޅޭގޮތުން ދެފަރާތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފައިކަމަށް ވިދާޅުވިއެވެ.
ސްޓެލްކޯއިން ވިދާޅުވީ ކަރަންޓު ކޭބަލްތައް ވަޅުލާފައިވަނީ ބައިނަލްއަޤުވާމީ މިންގަނޑުތަކާ އެއްގޮތަށް، ކޭބަލް އޮތް ސަރަހައްދު އަންގައިދޭ ޓޭޕާއި ރައްކާތެރިކަމުގެ ޝީޓްތަކާއެކުގައިކަމަށެވެ. އެހެންކަމުން، ބިންކޮނުމުގެ މަސައްކަތްކުރާ ފަރާތްތަކުން މިއަށްވުރެ ބޮޑަށް ސަމާލުކަންދީފިނަމަ، މިފަދަ ހާދިސާތައް ހިނގުން ހުއްޓުވޭނެކަމަށް ގަބޫލުކުރާކަމަށް ވިދާޅުވިއެވެ. އަދި ކޮނުމުގެ ތެރޭގައި ވިޔަސް އަދި އެނޫންގޮތަކަށް ވިޔަސް ކަރަންޓު ކޭބަލަކަށް ގެއްލުމެއް ލިބިއްޖެނަމަ، ލަސްނުކޮށް އެކަން އެ ކުންފުންޏަށް އެންގުމަކީ ވަރަށް ބޮޑު އެދުމެއްކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން، ކޮނުމުގެ މަސައްކަތްތައް ކުރާއިރު، ބިމުގެ އަޑީގައިވާ މުހިންމު ވިއުގަތަކަށް ގެއްލުން ނުވާނޭހެން، ކަމާބެހޭ ފަރާތްތަކުގެ ހުއްދަ ހޯދައިގެން ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު މަސައްކަތް ކުރުމަކީ ނުހަނު މުހިންމު ކަމެއްކަމަށާއި އެހެންކަމުން، މިފަދަ ކަންކަމުގައި، މަގު ކޮންނަ އާންމު ފަރުދުންނާއި، ކުންފުނިތަކާއި، މަޝްރޫޢުތަކުގެ މަސައްކަތްތައް ކުރާ ފަރާތްތަކުން މިހާރަށްވުރެ ބޮޑަށް ޒިންމާދާރުވުމަށް އެ ކުންފުނިން ވަނީ އިލްތިމާސްކުރައްވާފައެވެ.