ސްޕޯޓްސް ފިޝިންއަށް ޚާއްސަކޮށްގެން އަޅާ ވަދު ކަނދުފަތިތަކަކީ ސްޕޯޓްސް ފިޝިންއަށް ލޯބިކުރާ ޒުވާނުންގެ މެދުގައި ވަރަށް މަޤްބޫލު ކަނދުފަތިތަކެކެވެ.
މި ބާވަތުގެ ކަނދުފަތިތައް އަޅައިދިނުމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއަށް ވަރަށް ގިނަ ހުށަހެޅުންތައް އާދެއެވެ. އަންނަ ހަފްތާގެ ތެރޭގައިވެސް މިފަދަ އިތުރު 2 ކަނދުފަތި އެޅުމަށް ހަމަޖެހިފައިވާކަމަށް މަސްވެރިކަމާ ބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.
ރާއްޖޭގައި 2 ބާވަތެއްގެ ކަނދުފަތި އަޅައެވެ. އެއީ ކަޅުބިލަމަހުގެ މަސްވެރިކަމަށް ޚާއްސަކޮށް އަޅާ ދޮށީގެ ކަނދުފައްޗާއި، ސްޕޯޓްސް ފިޝިންއަށް ޚާއްސަކޮށްގެން އަޅާ ވަދު ކަނދުފައްޗެވެ. މި ކަނދުފަތިތަކުގެ ތެރެއިން އެންމެ ތަރުހީބު ބޮޑީ ވަދު ކަނދުފައްޗަށްކަމަށް މަސްވެރިކަމާއި ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
މަސްވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވީ، ރަށްރަށުގެ ޒުވާނުންނާއި، ސީދާ ކައުންސިލްތަކުންވެސް އެރަށްރަށުގައި ވަދު ކަނދުފަތިތައް އަޅައިދިނުމަށް އެދެމުންދާކަމަށެވެ. ވަކި އުސޫލެއްގެ ދަށުން، އެންމެ ފައިދާވާނެގޮތަށް ބަލައިގެން ރަށްރަށުގައި އަލަށް ވަދު ކަނދުފަތިއެޅުމުގެ މަސައްކަތް ކުރިޔަށްދާކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.
އަހަރުގެ މިހާތަނަށް ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި 15 ކަނދުފައްޗެއް ވަނީ އަޅާފައެވެ. އަދި އަންނަ ހަފްތާގެ ތެރޭގައި އިތުރު 5 ކަނދުފަތި އެޅުމަށް ވަނީ ހަމަޖެހިފައެވެ. މީގެތެރޭގައި 2 ވަދު ކަނދުފަތިވެސް ހިމެނެއެވެ.
• ހއ. ފިއްލަދޫ (މަސްކަނދުފަތި)
• ހއ. ދިއްދޫ (މަސްކަނދުފަތި)
• ށ. ފުނަދޫ (މަސްކަނދުފަތި)
• ކ. މާފުށި (ވަދުކަނދުފަތި، މުޅިން އަލަށް)
• ނ. ޅޮހީ (ވަދުކަނދުފަތި، މުޅިން އަލަށް)
މަސްވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވީ، މި ސަރުކާރުން މިހާތަނަށް 90 އަށްވުރެ ގިނަ ކަނދުފަތި އަޅާފައިވާކަމަށެވެ. އެހެން އެއްވެސް ސަރުކާރަކުން ރާއްޖޭގައި ކަނދުފަތި ނާޅާ މިންވަރަށް މި ސަރުކާރުން މިހާތަނަށް ކަނދުފަތި އަޅާފައިވާކަމަށް އެ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.
ކަނދުފައްޗެއް ކަނޑައިގެން ގޮސްފިނަމަ އޭގެ އުނދަގޫ މަސްވެރިންނަށް ކުރެއެވެ. އެހެންކަމުން ކަނޑައިގެންދާ ކަނދުފަތިތައް މަރާމާތުކުރުމުގެ މަސައްކަތް ވުޒާރާއިން ދަނީ ޚާއްސަ އިސްކަމެއް ދެއްވައިގެން ކުރައްވަމުންނެވެ. ކަނދުފައްޗަށް ވަރަށް ބޮޑު ޑިމާންޑެއް އޮތްކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.
ރާއްޖޭގައި މިވަގުތު ހުރީ ކަނދުފަތި ޤާއިމްކުރާ އެންމެ ސެންޓަރެކެވެ. އެއީ ހުޅުމާލޭގައި ހުރި ސެންޓަރެވެ. މިއީ ކަނދުފަތިތައް ޤާއިމްކުރުމަށް އެވުޒާރާއަށް ދިމާވާ އެންމެ ބޮޑު އެއް ގޮންޖެހުމެވެ. މިކަމަށް ހައްލު ގެނައުމުގެ ގޮތުން ރާއްޖޭގެ އުތުރާއި ދެކުނުގައި ކަނދުފަތި އެޅުމަށް 2 ސެންޓަރު ޤާއިމްކުރުމުގެ މަސައްކަތް މަސްވެރިކަމާއި ބެހޭ ވުޒާރާއިން ދަނީ ކުރައްވަމުންނެވެ.