މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން މާލީ، އިޤްތިޞާދީ އަދި ސިޔާސީ ގޮތުން އެމެރިކާއަށް ގެއްލުމާ ކުރިމަތިލާންޖެހިފައިވީ ނަމަވެސް، ހަނގުރާމައާ ގުޅިގެން މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ތެލުގެ ތާށިކަން ޙައްލުކުރަން އިސް ނަގައި، ދުނިޔޭގެ ތެލުގެ ވިޔަފާރީގެ އިސް ސަފަށް އެމެރިކާ ޖެހިފައިވާކަމަށް މާހިރުން ވިދާޅުވެއްޖެއެވެ.
މީގެކުރިން ދުނިޔެއަށް ކުރިމަތިވި ތެލުގެ ތާށިކަމާ ޚިލާފަށް، މި ފަހަރު އޯޕެކް ޤައުމުތަކުގެ ނުފޫޒު ވަނީ ވަރަށް ބޮޑަށް ކުޑަވެފައެވެ.
ފެބްރުއަރީ 28ގައި ޔަހޫދީންނާ ގުޅިގެން އެމެރިކާއިން އީރާނަށް ދޭން ފެށި ޙަމަލާތަކާއެކު، ދިފާޢީ އެންމެ ފުރަތަމަ ފިޔަވަޅެއްގެ ގޮތުން އީރާނުން ބަންދުކުރީ، މެދުއިރުމަތިން ދުނިޔެއަށް ތެލާއި ގޭސް ސަޕްލައި ކުރަން ބޭނުންކުރާ މައި މަގެއް ކަމަށްވާ ހުރްމުޒް ކަނޑުއޮޅިއެވެ.
އެއާއެކު، މުޅި ދުނިޔޭގެ ތެލުގެ ސަޕްލައިގެ 13 އިންސައްތަ ވަނީ އެ މުޙިއްމު ކަނޑުއޮޅި ހުރަސްނުކުރެވި، މެދުއިރުމަތީގައި ތާށިވެފައެވެ. ހަނގުރާމައިގެ ކުރިން ގަލްފުގެ ތެޔޮ އުފައްދާ ޤައުމުތަކުގެ އެންމެ ބޮޑު ބާރަކީ، ބޭނުންވެއްޖެ ޙާލަތެއްގައި އިތުރަށް ތެޔޮ އުފެއްދުމުގެ ޤާބިލުކަމެވެ.
ނަމަވެސް، ހުރްމުޒް ކަނޑުއޮޅި ބަންދުކުރުމުން، ދުނިޔޭގެ ބާޒަރަށް ތެޔޮ ނުނެރެވި، ގަލްފުގެ ގިނަ ޤައުމުތަކުން އުފައްދާ ތެލުން ވަނީ ގާތްގަނޑަކަށް ދުވާލަކު ނުވަ މިލިއަން ފީފާ ތެޔޮ މަދުކުރަން މަޖުބޫރުވެފައެވެ.
އޯޕެކް ޤައުމުތަކުގެ އެންމެ ބާރުގަދަ ސަޢުދީ ޢަރަބިއްޔާއިން ވެސް ވަނީ ހުރްމުޒްގެ ބަދަލުގައި ރަތް ކަނޑު ހުރަސްކޮށް އަޅާފައިވާ ތެޔޮ ޕައިޕްލައިނަކުން ތެޔޮ ބޭރުކުރުން އިތުރުކޮށްފައެވެ. ނަމަވެސް، އެ މަގުން ވެސް ކުރިން ތެޔޮ ބޭރުކުރި މިންވަރާ ގާތަށް ވެސް ސަޢުދީ ޢަރަބިއްޔާއަށް ތެޔޮ ބޭރުކުރެވޭ ގޮތް ވަނީ ނުވެފައެވެ.
2018ވަނަ އަހަރުން ފެށިގެން ސަޢުދީ ޢަރަބިއްޔާ އާއި ރަޝިޔާ ފަހަތަށް ޖައްސާލައި، ދުނިޔޭގެ އެންމެ ވަރުގަދަ ތެލުގެ ވިޔަފާރިކުރާ ޤައުމުގެ މަޤާމު ދަމަހައްޓަމުން އަންނަ އެމެރިކާއިން ވަނީ މިހާރު ދުނިޔެއަށް ކުރިމަތިވެފައިވާ ތެލުގެ ތާށިކަމުގެ ފުރިހަމަ ފައިދާ ނަގައިފައެވެ.
ފާއިތުވި ހަފްތާތަކުގެ ތެރޭގައި، އެމެރިކާއިން ދުނިޔެއަށް ތެޔޮ ސަޕްލައި ކުރާ މިންވަރު ވަނީ ރެކޯޑު މިންވަރަކަށް އުފުލިފައެވެ.
މިގޮތުން، މި މަހުގެ ތެރޭގައި، އެމެރިކާއިން ތެޔޮ ބޭރުކުރާ މިންވަރު ވަނީ، ދުވާލަކު 12.9 މިލިއަން ފީފާ ތެލަށް އުފުލިފައެވެ. މިއީ ފަހުގެ ތާރީޚެއްގައި އެމެރިކާއިން ތެޔޮ ބޭރުކުރާ މިންވަރު މިހާ މައްޗަށް އުފުލުނު ފުރަތަމަ ފަހަރެވެ.
މީގެއިތުރުން، ކަނޑު މަގުން އެމެރިކާއިން ތެޔޮ ބޭރުކުރާ މިންވަރު ވެސް މި މަހުގެ ތެރޭގައި 9.6 މިލިއަން ފީފާ ތެލަށް ވަނީ އިތުރުވެފައެވެ. ހަނގުރާމަ ފެށުމުގެ ކުރިން، ކަނޑު މަގުން އެމެރިކާއިން ބޭރުކުރަމުން އައީ ދުވާލަކު ގާތްގަނޑަކަށް 2.5 މިލިއަން ފީފާ ތެލެވެ.
ކަނޑު މަގުން އެމެރިކާއިން ތެޔޮ ބޭރުކުރަނީ މައިގަނޑު ގޮތެއްގައި އޭޝިޔާގެ ޤައުމުތަކަށް ކަމަށްވާއިރު، ސަޕްލައި އިތުރުވުމުގެ ސަބަބުން، ދުނިޔޭގެ ބާޒާރުގައި ތެލުގެ ތާށިކަމުގެ އަސަރު އެ ޤައުމުތަކަށް ވަނީ ކޮންމެވެސް ވަރަކަށް ކުޑަވެފައެވެ.
ތެޔޮ އުފައްދާ މިންވަރު އިތުރުކުރުމާ އެކު، އެމެރިކާއިން ވަނީ ރިޒަރވްގައި ހުރި ތެޔޮ ވެސް ބާޒާރަށް ނެރެފައެވެ. އަދި ރަޝިޔާ ފަދަ ޤައުމުތަކާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ހިފަހައްޓާފައި ހުރި ތެޔޮ ބާޒާރަށް ނެރެމުގައި ލުއިތަކެއްދީ، އެމެރިކާއިން އިސްވެ ފަށާފައިވާ މި ހަނގުރާމައިގެ ފުރިހަމަ ފައިދާ ނަގައި، އޯޕެކް ޤައުމުތައް ފަހަތަށް ޖައްސައިލުމަށްފަހު، އެމެރިކާއިން ދުނިޔޭގެ ތެލުގެ ވިޔަފާރީގެ ގަދަ ބާރަކަށް ވަނީ ވެފައެވެ.