ޚަބަރު

"ފުލެޓު އެއްބަސްވުމުގައި ސޮއިކުރުން މަޑުޖައްސާލީ މަޢުލޫމާތު ކަށަވަރުކުރަން"


  • ފުލެޓު ދޫކުރީ ކުރީ ސަރުކާރުގެ ލިސްޓަށް

  • އެއްބަސްވުމުގައި ސޮއިކުރުން މަޑުޖައްސާލުމުގައި ސިޔާސީ ވިސްނުމެއް ނެތް

  • ފުލެޓު ޙައްޤު ނޫންކަން ކަށަވަރުވާ މީހުންނަށް ފިޔަވަޅު އެޅި

ގެދޮރުވެރިޔާ ސްކީމުން ފްލެޓް ލިބުނު މީހުންގެ ތެރެއިން ބައެއް މީހުންގެ އެއްބަސްވުމުގައި ސޮއިކުރުން މަޑުޖައްސާލުމުގައި ސިޔާސީ ވިސްނުމެއް ނޯންނާނެކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒިރު ޑރ.ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ. އެކަން އެގޮތަށް ކުރީ ބައެއްގެ ޙައްގު ގެއްލޭގޮތަށް ފްލެޓް ދީފައިވާތީ އެކަން ބެލުމަށްކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ގެދޮރުވެރިޔާ ސްކީމުން 4000 ފްލެޓް ލިބޭ މީހުންގެ އާ ލިސްޓެއް މި ސަރުކާރުގައި އެކުލަވާލާފައި ނުވާނެކަމަށެވެ. އަދި ބަންޑާރަނައިބުގެ ލަފަޔާއެކު ފްލެޓް ދޫކުރީ 15 ނޮވެމްބަރު 2023ގައި އޭރުގެ ސަރުކާރުން އެކުލަވާލި ފައިނަލް ލިސްޓަށްކަމަށެވެ.

ނަމަވެސް މިދިޔަ އަހަރު އެގްރިމަންޓްގައި ސޮއިކުރުމަށް ފަހި ދިރިއުޅުން ކޯޕަރޭޝަނަށް ފޮނުވި ލިސްޓުގައި، ބައެއް މީހުންނާއެކު ސޮއިކުރުން މަޑު ޖައްސާލަން ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން އެންގެވިއެވެ. ވަޒީރު ވިދާޅުވީ، ލިސްޓުގައި ނާއިންސާފުން ހިނގާފައިވާ ބައެއް ކަންކަން ދެނެގަނެވުނީ ލިސްޓް ފޮނުވި ފަހުން ކަމަށްވާތީ، ބައެއް މީހުންނާއެކު ސޮއިކުރުން މަޑުޖައްސާލަން އެންގިކަމަށެވެ.

ވަޒީރު ވިދާޅުވީ މާކްސް ލިބުނު ގޮތަށް ބަލާއިރު، 76 އިން މަތިން ޕޮއިންޓް ލިބުނު އެންމެނަށް ފްލެޓް ލިބޭކަމަށެވެ. ނަމަވެސް 75 ޕޮއިންޓް ލިބުނު މީހުންނަކީ ގުރުއަތުން ދާން ޖެހޭ ބައެއްކަމަށެވެ. ކުރީ ސަރުކާރުގައި ލިސްޓް ދިން އިރު އޮތީ، 76 މާކްސް ލިބުނު 325 މީހުންނަށް ފްލެޓް ކަނޑަނާޅައެވެ. އަދި 75 މާކްސް ލިބުނު 315 މީހަކަށް ފްލެޓް ދީފަކަމަށް ވަޒީރު ވިދާޅުވިއެވެ.

"ލިސްޓުން ބައެއް މީހުންނާއެކު ސޮއިކުރުން މަޑުޖައްސާ އެންގީ ސިޔާސީ ކަމެއްގައެއް ނޫން. ބަޔަކު އުނިކުރާކަށްވެސް ނޫން. ސަރުކާރުން ބަޔަކަށް ދޭން ކަނޑައަޅާ ގެޒެޓުކޮށްފައި އޮތް ލިސްޓެއްގެ، ބައެއްގެ ޙައްގުތައް ޙިމާޔަތްކުރަން ކުރި ކަމެއް." ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ 4000 ފްލެޓް ދޭން އައު ލިސްޓެއް ނުނެރުމަށް ސަރުކާރުން ނިންމެވީ، އޭގެ ސަބަބުން ފްލެޓްތައް ނިމޭއިރުވެސް މީހުންނަށް ނުވަދެވުމާއި، އަދި ފްލެޓް ލިބުނު މީހުންގެ ޙައްގު ގެއްލި ދައުލަތަށްވެސް އޭގެ ގެއްލުންތައް ވާނެކަމަށް ފެންނާތީކަމަށެވެ.

ފިޔަވަޅު އަޅާފައިވެސް ވާނީ، ޙައްގު ނޫންކަން ލިޔެކިޔުމުން ކަށަވަރުވާ މީހުންނަށް އެކަނިކަމަށް ވަޒީރު ވިދާޅުވިއެވެ.

"ޝަރުތު ހަމަނުވާކަން އަޅުގަނޑުމެންނަށް ސާބިތު ނުކުރެވޭނަމަ ސޮއިކޮށް ފްލެޓް ދީފަވާނީ. މައްސަލަ ހުރި ނަމަ، ވަކިންވެސް އެންގިން. އެއްވެސް ގޯހެއް ނުހިނގާ އެންމެނަށް ދީފަވާނީ." ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ލިސްޓް އެކުލަވާލާ 1 ޞަފުހާގެ އެގްރިމެންޓެއްގައި އޭރު ސޮއިކުރަން ފެށީ ސަރުކާރު ބަދަލުވާން 2 ދުވަހަށް ވެފައިވަނިކޮށްކަމަށެވެ. އަދި ފްލެޓް އެޅުމުގެ ޢުމްރާނީ މަސައްކަތްތައްވެސް ނިމިފައި އޮތީ، %30 ކަމަށެވެ.