ޚަބަރު

ގަސްކާނާގެ އަގު އުފުލި، ދަނޑުވެރިންނަށް ދަތިތަކެއް


މެދުއިރުމަތީގައި މިހާރު ކުރަމުންދާ ހަނގުރާމައާ ގުޅިގެން، ދުނިޔޭގެ ބާޒާރުގައި ގަސްކާނާގެ އަގުތައް އަނެއްކާވެސް އުފުލި، ދަނޑުވެރިކަމަށް ކުރިމަތިވެފައިވާ ހުރަސްތަކާއެކު ކުރިއަށް ދުވަސްތަކުގައި ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރެވިދާނެކަމާމެދު ސުވާލު އުފެދިއްޖެއެވެ.

ފެބުރުވަރީ 28 ވަނަ ދުވަހު ޞަހްޔޫނީންނާ ގުޅިގެން އެމެރިކާއިން އީރާނާ ދެކޮޅަށް ޣައިރުޤާނޫނީ ހަނގުރާމައެއް ފެށުމާއެކު، އީރާނުން ވަނީ ރައްދުގައި ހުރްމުޒް ކަނޑުއޮޅި ބަންދުކޮށްފައެވެ. ދަނޑުވެރިކަމުގައި ބޭނުންކުރާ ގަސްކާނާގެ ތިން ބައި ކުޅަ އެއްބައި އުފުލަނީ އެ ކަނޑުއޮޅި މެދުވެރިކޮށެވެ.

މީގެއިތުރުން، ގަސްކާނާ އުފެއްދުމަށް ބޭނުންކުރާ އެންމެ މުޙިއްމު އެއް މާއްދާކަމަށްވާ ޔޫރިއާ އުފެއްދުން ޤަތަރުން ވަނީ އެއްކޮށް މެދުކަނޑާލައިފައެވެ. ޤަތަރަކީ ދުނިޔޭގައި އެންމެ ގިނައިން ޔޫރިއާ އުފައްދާ ޤައުމެވެ.

މިގޮތުން، ބޯޓުތަކަށް ބަރުކޮށްފައި މިހާރު ވެސް މިލިއަނެއްހާ ޓަނުގެ ޔޫރިއާ ގަލްފުގައި ތާށިވެފައިހުރި ކަމަށް މާހިރުން ވިދާޅުވެއެވެ.

ދުނިޔޭގެ ބާޒާރުގައި ޔޫރިއާގެ އަގު އިންތިހާއަށް އުފުލިފައިވާއިރު، ދުނިޔޭގައި އެންމެ ގިނައިން ހަނޑު ހައްދާ އިންޑިއާއިން ވަނީ، ހަނގުރާމަ ފެށުމުގެ ކުރިއާ އަޅާބަލާއިރު، ދެ ގުނަ އަގު ބޮޑުކޮށް ޔޫރިއާގެ ބޮޑު ޝިޕްމަންޓެއް ގަނެފައެވެ.

މާހިރުން ވިދާޅުވި ގޮތުގައި، ދަނޑުވެރި އުފެއްދުންތަކުގެ މާބޮޑަށް ބޮޑުކުރުމަކީ ދަނޑުވެރިންނަށް އޮތް ޙައްލަކަށް ނުވާއިރު، ދަނޑުވެރިކަމުގައި ގަސްކާނާ ބޭނުންކުރުން މަދުކުރުން ނޫން އިތުރު ގޮތެއް ނޯންނާނެކަމަށް މާހިރުން ޤަބޫލުކުރައްވައެވެ. އެ ޙާލަތުގައި ދަނޑުވެރި އުފެއްދުންތައް އިތުރަށް މަދުވުމުގެ ފުރުޞަތު ބޮޑުކަމަށް ވެސް އެ ބޭފުޅުން ވިދާޅުވެއެވެ.

ދުނިޔޭގެ ގޮދަނުގެ ސްޓޮކަށް މި ވަގުތަށް މާ ބޮޑު ބަދަލެއް އައިސްފައި ނުވިނަމަވެސް، މި ދަތިކަމުގެ ނޭދެވޭ އަސަރުތައް ފެންނާނީ ފަހުން ކަމަށް މާހިރުން ލަފާކުރައްވައެވެ.

ކާބޯތަކެތި ކަށަވަރުކުރުމާބެހޭ މާހިރުން ވަނީ ފަޤީރު ސަރަޙައްދުތަކަށް ކުރާ އަސަރު ވަރަށް ބޮޑުވާނެ ކަމުގެ އިންޒާރު ދެއްވާފައެވެ. އެ ގޮތުން އެފްރިކާއާއި އޭޝިޔާގެ ފަޤީރު ސަރަޙައްދުތަކުގެ ޙާލަތު ވަރަށް ބޮޑަށް ގޯސްވާނެ ކަމަށް ބެލެވެއެވެ. އެ ސަރަޙައްދުތަކުގެ ގިނަ ޤައުމުތަކަކީ ބޭރު ޤައުމުތަކުން އެތެރެކުރާ ކާބޯތަކެތީގެ މައްޗަށް ބަރޯސާވާ ޤައުމުތަކެވެ. އެހެންކަމުން ކާބޯތަކެތީގެ އަގަށް އަންނަ ބަދަލުގެ އަސަރު އެ ޤައުމުތަކަށް ކުރާ މިންވަރު އިތުރުވާނެއެވެ. އދގެ ކާބޯތަކެއްޗާއި ދަނޑުވެރިކަމާބެހޭ އިދާރާ، އެފްއޭއޯއިން ވެސް ވަނީ ހަމަނުޖެހުން ދިގުލައިގެންދާ ނަމަ ދުނިޔެއަށް ކާބޯތަކެތީގެ ދަތިކަން ކުރިމަތިވެ، ބަނޑުހައިހޫނު ކަމާއި ކާޑުބަލި ފެތުރުމުގެ ފުރުޞަތު ބޮޑު ކަމަށް ބުނެފައެވެ.

ދުނިޔޭގެ ކާބޯތަކެއްޗާބެހޭ ޕްރޮގުރާމް، ޑަބްލިޔުއެފްޕީން މިދިޔަ މަހުގެ ތެރޭަގައި ކުރި ދިރާސާއަކުން ދައްކާގޮތުގައި މެދުއިރުމަތީ ހަނގުރާމަ ދިގުލައިގެން ދާނަމަ ކާބޯތަކެތީގެ ދަތިކަން ގާތްގަނޑަކަށް އިތުރު 45 މިލިޔަން މީހުންނަށް ކުރިމަތިވާނެއެވެ.