އެމެރިކާގެ ފިއްތުންތަކުގެ ސަބަބުން ގިނަ ދުވަސްތަކެއް ވަންދެން ޢިރާޤުގެ ބޮޑުވަޒީރުގެ މަޤާމަށް ބޭފުޅަކު ޢައްޔަނުނުކޮށް އޮތުމަށް ފަހު އެ މަޤާމަށް ޢަލީ އަލްޒައިދީ ޢައްޔަނު ކުރުމަށް ނިންމައި ސަރުކާރު އެކުލަވައިލުމުގެ މަސައްކަތް ޙަވާލުކޮށްފިއެވެ.
ޢިރާޤުގެ ސިޔާސީ ނިޒާމު ބައްޓަންކޮށްފައި އޮންނަ ގޮތުން ބޮޑުވަޒީރުގެ މަޤާމަށް ޢައްޔަނުކުރަން ޖެހޭނީ ޝީޢީ މުސްލިމެކެވެ. އަދި ޤާނޫނުހަދާ މަޖިލީހުގެ ރައީސްގެ މަޤާމަށް ސުންނީ މުސްލިމެކެވެ. ޤައުމުގެ ރައީސްގެ މަޤާމަށް ޢައްޔަނުކުރަން ޖެހެނީ ކުރުދީއެކެވެ.
ޢިރާޤުގެ ޤާނޫނުހަދާ މަޖިލީހުގައި އަޣުލަބިއްޔަތު އޮންނަ ޝީޢީންގެ އިއްތިޙާދު ކަމަށްވާ ކޯއޯޑިނޭޝަން ފްރޭމްވޯކްއިން ބޮޑުވަޒީރުގެ މަޤާމަށް އަލްޒައިދީގެ ނަން ހުށަހަޅާފައި ވަނީ އޭޕްރިލް މަހުގެ 27ވަނަ ދުވަހުއެވެ. ކޯއޯޑިނޭޝަން ފްރޭމްވޯކްއިން ބުނީ މީގެ ކުރިން ދެ ފަހަރެއްގެ މަތިން ޢިރާޤުގެ ބޮޑުވަޒީރުގެ މަޤާމު ފުރުއްވާފައިވާ ނޫރީ އަލް-މާލިކީއާ އާއި ބޮޑުވަޒީރުގެ މަޤާމުގައި އެންމެ ފަހުން ހުންނެވި މުޙައްމަދު ޝީޢާ އަލް-ސޫދާނީއާ ދެބޭފުޅުން ވެސް އެ ބޭފުޅުންގެ ކެންޑިޑެސީ އަނބުރާ ގެންދަވާފައިވާ ކަމަށެވެ. އެތައް މަހަކަށް ފަހު ބޮޑުވަޒީރެއް ކަނޑައެޅުމަށް މަގުފަހިކޮށްދިނުމަށްޓަކައި ދެ ބޭފުޅުން ވެސް އެ ބޭފުޅުންގެ ނަން އަނބުރާ ގެންދަވާފައިވާ ކަން ފާހަގަކޮށް ކޯއޯޑިނޭޝަން ފްރޭމްވޯކްއިން ވަނީ އެ ބޭފުޅުންނަށް ޝުކުރު ޢަދާކުރައްވައިފައެވެ. އަދި އެއީ ތާރީޚީ އަދި ޒިންމާދާރު ނިންމުމެއްގެ ގޮތުގައި އެ އިއްތިޙާދުން ވަނީ ސިފަކުރައްވައިފައެވެ.
ނޫރީ އަލް-މާލިކީ ބޮޑު ވަޒީރުގެ މަޤާމަށް އަލުން ޢައްޔަނު ކޮށްފިނަމަ އެމެރިކާއިން ޢިރާޤަާށް ވާގިވެރިވުން ހުއްޓައިލާނެ ކަމުގެ އިންޒާރު އެ ޤައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ދެއްވައިފައެވެ. މާލިކީއަކީ އެ ބޭފުޅަކަށް އެމެރިކާއާއި ޔަހޫދީންގެ ދުޝްމަނެއް ކަމަށްވާ އީރާނުން ވާގިވެރިވާ ބޭފުޅެކެވެ.
އަލްޒައިދީއަކީ ޢިރާޤުގެ އަލް-ޖަނޫބު އިސްލާމިކް ބޭންކުގެ ޗެއާމަންއެވެ. އޭނާއަކީ އިޤްތިޞާދީ ދާއިރާގެ ތަޖުރިބާ ހުރި، ވިޔަފާރިއާއި އިންވެސްޓްމަންޓްގެ ދާއިރާއާ ރައްޓެހި ބޭފުޅެކެވެ. މީގެ ކުރިން ސިިޔާސީ މަޤާމެއް އޭނާ ފުރުއްވާފައެއް ނުވެއެވެ. އޭނާ ވަނީ ޢިރާޤަކީ ބައިނަލްއަޤްވާމީ ގޮތުން ވެސް ސަރަޙައްދީ ގޮތުން ވެސް ވަކި ފަރާތަކަށް ނުޖެހޭ ‘ބެލެންސް’ ހިފަހައްޓާ ޤައުމެއްގެ ގޮތުގައި އޮތުމަށް އޭނާ މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.
ޢިރާޤުގެ ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތުން ބޮޑުވަޒީރުގެ މަޤާމަށް ކަނޑައަޅާ ބޭފުޅަކު ސަރުކާރު އެކުލަވައިލާ ޤާނޫނުހަދާ މަޖިލީހަށް ހުށަހެޅުމަށް 30 ދުވަހުގެ މުއްދަތެއް ލިބޭނެއެވެ. ކެބިނެޓު ފާސްކުރުަމަށް އެ މަޖިލީހުގެ 167 ވޯޓު ހޯދަން ޖެހެއެވެ.