ރައީސުލްޖުމްހޫރިއްޔާ ސަޢޫދީ އަރަބިއްޔާއަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގައި އެޤައުމުގެ ބައެއް އިސްވަޒީރުންނާއި ބައްދަލުކުރައްވައިފިއެވެ.
އެގޮތުން ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވަނީ އެ ޤައުމުގެ އެޑިއުކޭޝަން މިނިސްޓަރ ޑރ. އަޙްމަދު އަލްޢީސާއާއި ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ރައީސް ޔާމީނާއި ޑރ. އަޙްމަދު އަލްޢީސާގެ މަޝްވަރާތައް އަލިއަޅުއްވާލައްވާފައިވަނީ، ސަޢޫދީ ޢަރަބިއްޔާއިން ރާއްޖެއަށް މަތީ ތަޢުލީމާއި އިންސާނީ ވަޞީލަތް ތަރައްޤީކުރުމާއި ތަމްރީނުގެ ދާއިރާއިން އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތްތަކުގެ މައްޗަށެވެ.
މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީންވަނީ، ސަޢޫދީ ޢަރަބިއްޔާއިން ރާއްޖެއަށް މަތީ ތަޢުލީމުގެ 300 ސްކޮލަރޝިޕް ފުރުޞަތު ދެއްވުމަށް ނިންމަވާފައިވާތީ އެކަމަށް ޝުކުރު އަދާކުރައްވާފައެވެ. މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސަޢޫދީ އެޑިއުކޭޝަން މިނިސްޓަރ ޑރ. އަޙްމަދު އަލްޢީސާވަނީ، މަތީ ތަޢުލީމުގެ ސްކޮލަރޝިޕްތައް ހަމަޖެއްސުމުގެ މަސައްކަތްތައް ހަލުވި ކުރެއްވުމަށް މަސައްކަތް ކުރައްވާނެކަމުގެ ޔަގީންކަން ދެއްވާ އެކަމަށް ވަޢުދުވެ ވަޑައިގެންފައެވެ.
img:http://s3.psmnews.mv/images/660x400/14755726859728.jpg|ރައީސުލްޖުމްހޫރިއްޔާ ސަޢޫދީ އަރަބިއްޔާގެ އެޑިއުކޭޝަން މިނިސްޓަރާއެކު ބޭއްވެވި ބައްދަލުވުމުގެ ތެރެއިން- ފޮޓޯ: ރައީސް އޮފީސް
މި ބައްދަލުކުރެއްވުމަށްފަހު ރައީސް ޔާމީންވަނީ ސަޢޫދީ ޢަރަބިއްޔާގެ އެންވަޔަރަމަންޓް، ވޯޓަރ އެންޑް އެގްރިކަލްޗަރ މިނިސްޓަރ ޢަބްދުއްރަޙްމާން ބިން ޢަބްދުލް މުޙުސިން އަލްފަދްލީއާއި ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ދެއްކެވި ވާހަކަފުޅުގައި، ރައީސް ޔާމީންވަނީ، ރާއްޖޭގެ ދަނޑުވެރިކަމުގެ ސިނާޢަތް އިތުރަށް ތަރައްޤީ ކުރެއްވުމަށް ބޭނުންވާ އެހީތެރިކަން ހޯއްދެވުމާއި ބެހޭގޮތުން މަޝްވަރާ ކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ސަޢޫދީ އެންވަޔަރަމަންޓް، ވޯޓަރ އެންޑް އެގްރިކަލްޗަރ މިނިސްޓަރވަނީ ރާއްޖޭގެ ދަނޑުވެރިކަމުގެ ސިނާޢަތް އިތުރަށް ތަރަައްޤީކޮށް ފުޅާކުރުމުގައި ސަޢޫދީ ޢަރަބިއްޔާއިން ފަންނީ އެހީތެރިކަން ފޯރުކޮށްދެއްވާނެކަމަށް ވިދާޅުވެފައެވެ. އަދި، މި ދާއިރާއިން އިތުރަށް ގުޅުން ބަދަހިކުރުމަށް ސަޢޫދީ ސަރުކާރުން ޝައުޤުވެރިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މި ބައްދަލުކުރެއްވުމަށްފަހުު، ރައީސް ޔާމީންވަނީ ސަޢޫދީ ފަންޑް ފޮރ ޑިވެލޮޕްމެންޓްގެ ޗެއަރމަން އަދި މެނޭޖިންގ ޑިރެކްޓަރ ޑރ. ޔޫސުފް އިބްރާހީމް އަލްބައްސާމާއި ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ރައީސް ޔާމީން ދެއްކެވި ވާހަކަފުޅުގައި، ސަޢޫދީ ފަންޑުގެ އެހީތެރިކަމާއިއެކު ރާއްޖޭގައި ހިންގާފައިވާ ތަރައްޤީގެ މަޝްރޫޢުތަކުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. އަދި، ސަޢޫދީ ފަންޑުން ދެއްވާ އެހީތެރިކަން ފާހަގަކުރައްވާ، އެކަމަށް ޝުކުރު އަދާކުރެއްވިއެވެ. އަދި، އެފަދަ އިތުރު މަޝްރޫޢުތަކަށް ސަޢޫދީ ފަންޑުގެ އެހީތެރިކަން ލިބޭނެކަމުގެ ޔަޤީންކަން އޮތްކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން، މި ބައްދަލުކުރެއްވުންތަކުގައި ރައީސް ޔާމީނާއި ސަޢޫދީ ވަޒީރުން މަޝްވަރާ ކުރައްވާފައިވާ ބައެއް މުޙިއްމު ކަންތައްތަކުގެ ތެރޭގައި ރާއްޖޭގައި އިންވެސްޓް ކުރުމަށް ހުރި ފުރުޞަތުތަކާއި، ޢުމްރާނީ ތަރައްޤީއާއި، ރާއްޖެއާއި ސަޢޫދީ ޢަރަބިއްޔާއާ ދެ ޤައުމަށް ފައިދާ ހުރި ދާއިރާތަކުން އިތުރަށްގުޅުން ބަދަހިކުރުން ހިމެނެވެ.
މި ބައްދަލުކުރެއްވުންތަކުގައި އެ މަނިކުފާނުގެ އަރިހުގައި، ފޮރިން މިނިސްޓަރ ޑރ. މުޙައްމަދު ޢާސިމާއި، އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދާއި، ފިޝާރީޒް މިނިސްޓަރ ޑރ. މުޙައްމަދު ޝައިނީއާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު ނަޞީރާއި، ރާއްޖެއިން ސަޢޫދީ ޢަރަބިއްޔާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޢަބްދުﷲ ޙަމީދު ބައިވެރިވެ ވަޑައިގެންފައިވެއެވެ. މި ބައްދަލުކުރެއްވުންތައް އޮތީ ސަޢޫދީ ޢަރަބިއްޔާގެ ވެރިރަށް ރިޔާޟުގައި ރައީސުލްޖުމްހޫރިއްޔާ ހުންނަވާ ކިންގ ސަޢުދް ގެސްޓް ޕެލެސްގައެވެ.
މި ބައްދަލުކުރެއްވުންތަކަށްފަހު، ރައީސް ޔާމީން ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒު އައްސަޢުދާއި މިއަދު ބައްދަލުކުރައްވާނެއެވެ. މި ބައްދަލުކުރެއްވުން އޮންނާނީ ސަޢޫދީ ރަސްގެފާނުގެ ގަނޑުވަރުކޮޅުގައެވެ. އަދި، ދެ ޤައުމުގެ ދެމެދުގައި ރަސްމީ ވާހަކަތައް ބޭއްވެވުމަށްވަނީ ހަމަޖެހިފައެވެ.
ރައީސުލްޖުމްހޫރިއްޔާ ސަޢޫދީ އަރަބިއްޔާއަށް ވަޑައިގަތުމުން، ކިންގ ޚާލިދު އިންޓަރނޭޝަނަލް އެއަރޕޯޓުން އެމަނިކުފާނަށް މަރުޙަބާ ދަންނަވާފައިވަނީ ސަޢޫދީ އަރަބިއްޔާގެ ވެރިރަށް ރިޔާޟްގެ ގަވަރނަރ ޕްރިންސް ފައިސަލް ބިން ބަންދަރު ބިން އަބްދުލް އަޒީޒް އައްސަޢުދު އެވެ.