ޚަބަރު

ޞުމޫދް ފްލޮޓިއްލާއަށް ޔަހޫދީން އަނެއްކާވެސް ހުރަސްއަޅައިފި


ޣައްޒާގެ ޙިޞާރު ފޫއަޅުވައިލައި ފަލަސްޠީނުގެ ރައްޔިތުންނަށް އިންސާނީ އެހީ ފޯރުކޮށްދިނުމުގެ މަޤުޞަދުގައި ދަތުރުކުރި އުޅަނދުތަކަށް ޔަހޫދީ ސިފައިން ހުރަސްއަޅާފައިވާ ކަމުގައި، އެ ހަރަކާތް އިންތިޒާމުކުރާ ގްލޯބަލް ޞުމޫދް ފްލޮޓިއްލާ ޖަމުޢިއްޔާއިން ހާމަކޮށްފިއެވެ. ޔަހޫދީ ސިފައިން އެ އުޅަނދުތަކަށް ހުރަސްއަޅާފައި ވަނީ ގްރީސްގެ އައްސޭރިފަށުން ބައިނަލްއަޤުވާމީ ކަނޑުގެ ސަރަޙައްދުންނެވެ.

އެޕްރީލު 12 ވަނަ ދުވަހު ސްޕެއިންގެ ބަރްސެލޯނާ ބަނދަރުން ފުރި މި އުޅަނދުތައް ހިފަހައްޓާފައިވަނީ ޣައްޒާއާ އެތައް ސަތޭކަ މޭލެއް ދުރުންނެވެ. މިއީ ފާޅުކަން ބޮޑު "ކަނޑުފޭރުމުގެ" ކުށެއްގެ ގޮތުގައި ސިފަކުރަމުން އެ ޖަމުޢިއްޔާއިން ބުނީ، މިއީ ބައިނަލްއަޤުވާމީ ޤާނޫނުތަކަށް ބެލުމެއްނެތި ޔަހޫދީން ހިންގަމުންދާ ޢުދުވާނުގެ ތެރޭގައި ހިމެނޭ އިތުރު ޖަރީމާއެއް ކަމުގައެވެ. އަދި، ބައިނަލްއަޤުވާމީ ކަނޑުގެ ސަރަޙައްދުގައި އެއްވެސް ދައުލަތަކަށް ބާރު ހިންގައި އިންސާނުން ރަހީނުކުރުމުގެ ޙައްޤެއް ނޯންނާނެ ކަމަށާއި، ނަމަވެސް ޔަހޫދީން ވަނީ ވިލާތުގެ އައްސޭރިފަށާ ހަމައަށް އެ މީހުންގެ ބާރު ފަތުރައި، މެޑިޓެރޭނިޔަން ކަނޑަށް އަތްގަދަކޮށްފައި ކަމުގައި ވެސް އެ ޖަމުޢިއްޔާއިން ބުންޏެވެ.

މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ވެސް މި ޖަމުޢިއްޔާއިން ކުރި ދަތުރު ޔަހޫދީ ސިފައިން ހުއްޓުވައި، އުޅަނދުތަކުގައި ދަތުރުކުރި 450 އަށްވުރެ ގިނަ މީހުން ހައްޔަރުކުރިއެވެ. ޣައްޒާއަށް ވަދެ ނުކުމެވޭ ހުރިހާ މަގުތަކެއް ކޮންޓުރޯލު ކުރާ ޔަހޫދީން ދަނީ އެ ސަހަރަށް ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު އެތެރެކުރުމަށް ހުރަސް އަޅަމުންނެވެ.

މި ތުހުމަތަށް ޔަހޫދީން އިންކާރުކުރި ނަމަވެސް، އޮކްޓޫބަރު މަހު އަމަލުކުރަން ފެށި އެއްބަސްވުމުގެ ދަށުން އެހީ އިތުރުކުރަން ދިން ޔަގީންކަމާ އެއްގޮތަށް ކަންކަން ހިނގަމުންނުދާ ކަމުގައި އެކުވެރި ދައުލަތްތަކާއި (އދ) ބައިނަލްއަޤުވާމީ އިދާރާތަކުން ހާމަކުރިއެވެ. ޣައްޒާގައި ނިކަމެތިކޮށްލާފައިވާ 2 މިލިއަނަށްވުރެ ގިނަ ރައްޔިތުންނަށް އެކަށީގެންވާ މިންވަރަށް ކާބޯތަކެއްޗާއި އިންސާނީ އެހީ ލިބެމުންނުދާ ކަން އެ އިދާރާތަކުން ވަނީ ފާހަގަކޮށްފައެވެ.