ޚަބަރު

އެސްޓަން ވިލާ ބަލިކޮށް ފޮރެސްޓުން ފައިނަލުގެ ފުރުސަތު ބޮޑުކޮށްފި


ޔޫރޮޕާ ލީގުގެ ސެމީ ފައިނަލުގެ ފުރަތަމަ ލެގުގައި ރޭ އެސްޓަން ވިލާ އާއި ދެކޮޅަށް ނޮޓިންހަމް ފޮރެސްޓް ކުޅުނު މެޗު 1-0 ގެ ނަތީޖާއަކުން ނޮޓިންހަމް ފޮރެސްޓް އިން ކާމިޔާބުކޮށްފި އެވެ.

ނޮޓިންހަމް ފޮރެސްޓްގެ ދި ސިޓީ ގްރައުންޑްގައި ނަވާވީސް ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުގައި ދެ ޓީމުގެ ފަރާތުންވެސް ދާދި ހަމަހަމަ ކުޅުމެއް ފެނިގެންގޮސްފައިވާއިރު ދެ ޓީމަށް ވެސް ވަނީ ލަނޑު ޖަހާނެ ފުރުސަތުތަކެއް ލިބިގެންގޮސްފަ އެވެ.

މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑަކީ މެޗުގެ 71 ވަނަ މިނިޓުގައި އެސްޓަންވިލާގެ ކުޅުންތެރިއެއްގެ އަތުގައި ބޯޅަ ޖެހުމާއި ގުޅިގެން ވީޑިއޯ ބެލުމަށްފަހު ނޮޓިންހަމް ފޮރެސްޓަށް ލިބުނު ޕެނަލްޓީ އަކުން ކްރިސް ވުޑް ކާމިޔާބުކޮށްދީފައިވާ ލަނޑެކެވެ. މި މެޗުގައި ވުޑް ޖެހި މި ލަނޑަކީ އޭނާގެ 200 ވަނަ ލަނޑެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި ނޮޓިންހަމް ފޮރެސްޓަށް ވަނީ ލީޑު ނަގަން ރަގަޅު ފުރުސަތެއް ލިބިފަ އެވެ. ނަމަވެސް އިގޯ ޖިސޫސް ގޯލަށް އަމާޒުކޮށް ފޮނުވާލި ނުރައްކާތެރި ބޯޅަ އެސްޓަން ވިލާގެ ގޯލުކީޕަރު އެމިލިއާނޯ މާޓިނޭޒް ވަނީ މަތަކޮށްފަ އެވެ.

މިދިޔަ ޖެނުއަރީ މަހު އިނގިރޭސި ޕްރިމިއާ ލީގުގައި މި ދެ ޓީމު ބައްދަލުކުރި މެޗު 3-1 ގެ ނަތީޖާއަކުން އެސްޓަން ވިލާ މޮޅުވި ނަމަވެސް ރޭގެ މެޗުގައި ފެނިގެން ގޮސްފައިވަނީ މުޅިން ތަފާތު ކުޅުމެކެވެ.

މި މެޗުގެ ދެވަނަ ހާފުގައި އެސްޓަން ވިލާގެ އޮލީ ވޮޓްކިންސް ފޮނުވާލި ހަމަލާ ނޮޓިންހަމް ފޮރެސްޓްގެ ސްޓެފަން އޮޓޭގާ ވަނީ މަތަކޮށް އެ ޓީމަށް މި މެޗުން ކުރި ހޯދަދީފަ އެވެ.

އެސްޓަން ވިލާ މި މެޗުން ބަލިވެފައިވާއިރު މިއީ އެ ޓީމުގެ ކޯޗު އުނެއި އެމެރީ ކޯޗުކޮށްދިން ޓީމެއް ޔޫރޮޕާ ލީގުގައި އެންމެ ފަހުން ކުޅުނު 28 މެޗުގެ ތެރެއިން ބަލިވި ދެވަނަ މެޗެވެ.

ސެމީ ފައިނަލުގެ ދެވަނަ ލެގުގައި މި ދެ ޓީމު ބައްދަލުކުރާނީ އަންނަ ހަފްތާގައި އެސްޓަން ވިލާގެ ދަނޑުގަ އެވެ.