މިއަހަރު ޙައްޖު މޫސުމަށް މައްކާގައި ޤާއިމު ކުރާ ދިވެހި ޙައްޖުވެރިންގެ ކަންކަމާ ބެހޭ އޮފީހުގެ ވެރިޔަކަށް މޯލްޑިވްސް ޒަކާތު ހައުސްގެ ޑިރެކްޓަރ ޖެނަރަލް، އައްޝައިޚް އިމްތިޠާއު ޢައްބާސް ހަމަޖައްސަވައިފިއެވެ.
މިއީ، ޙައްޖުގެ އެންމެހާ އިންތިޒާމްތައް ވިލަރެސްކޮށް ބެލެހެއްޓުމަށް ކޮންމެ އަހަރަކުވެސް ކަނޑައަޅާ، ޙައްޖު މިޝަންގެ ދަށުން މައްކާގައި ޤާއިމުކުރާ އޮފީހެކެވެ.
ޙައްޖުގެ ކަންކަމުގައި، ސައުދީގެ މިނިސްޓްރީ އޮފް ޙައްޖު އެންޑް ޢުމްރާއާއި ގުޅިގެން ދިވެހި ސަރުކާރުގެ ފަރާތުން އެންމެ އިސް ދަޢުރެއް އަދާކުރާނީ ޙައްޖު މިޝަންއިންނެވެ.
މައްކާ ޙައްޖު އޮފީހުގެ ވެރިޔަކަށް މޯލްޑިވްސް ޒަކާތު ހައުސްގެ ޑިރެކްޓަރ ޖެނަރަލް، އައްޝައިޚް އިމްތިޠާއު ޢައްބާސް ހަމަޖައްސަވާފައިވާއިރު، ރާއްޖޭގެ ފަރާތުން އިޝް ޝައިޙެއްގެ ގޮތުގައި ޙައްޖުގައި ބައިވެރިވެ ވަޑައިގަންނަވާނީ، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ މެންބަރު ޑރ. އިލްޔާސް ޙުސައިންއެވެ.
1447ވަނަ އަހަރުގެ ދިވެހި ޙައްޖުވެރިންނާއެކު،އިސް ޝެއިޚަކަށް ވަޑައިގަންނަވާނީ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ މެންބަރު ޑރ. އިލްޔާސް ޙުސައިން pic.twitter.com/F2nzRs8fjd
— Maldives hajj mission بعثة ا لحج ا المالديفية (@hajjmission_mv) May 3, 2026
ރާއްޖެއިން މިއަހަރުގެ ޙައްޖުގެ އިންތިޒާމްތައް ހަމަޖެއްސުމުގެ މަސައްކަތްތަކުގެ ދަށުން، ޙައްޖު ޢުމްރާ މިނިސްޓްރީގެ ތާވަލާ އެއްގޮތަށް އެންމެހާ މަސައްކަތްތައް ރާއްޖެއިން ދަނީ ކުރިއަށް ގެންދަމުންނެވެ.
ރާއްޖެއިން މިއަހަރުގެ ޙައްޖުގައި ބައިވެރިވާ ޙައްޖު މިޝަންގެ ޓީމް، މާދަމާ ސަޢުދީއަށް ފުރާނެއެވެ.
މިޝަންގައި 10 މެންބަރުން ހިމެނިވަޑައިގަންނަވައެވެ. ޙައްޖުވެރިން ސައުދީއަށް ދަތުރު ކުރުމުގެ ކުރިން ފުރިހަމަ ކުރަންޖެހޭ އެންމެހާ އިންތިޒާމްތައް ހަމަޖެހިފައިވާކަން މިޝަންއިން ކަށަވަރު ކުރާނެއެވެ. އެގޮތުން މައްކާ ހޮޓަލާއި، ޙައްޖުގެ މަޝާއިރުތަކާއި، ދަތުރުފަތުރާއި ކެންއިންބުއިމާއި ސިއްޙީ އެންމެހާ އިންތިޒާމްތަކާއި ތައްޔާރީތައް ބަލާ، ސައުދީ ޙައްޖު މިނިސްޓްރީގެ މިންގަނޑަށް ހަމަޖައްސަފަވާކަން ކަށަވަރު ކުރާނެއެވެ.
ރާއްޖެއިން މިއަހަރު ޙައްޖަށް ދާ މީހުން ފުރުމަށް ހަމަޖެހިފައިވަނީ، މިމަހުގެ 15ވަނަ ދުވަހުން ފެށިގެންނެވެ.