ޚަބަރު

ސަޢޫދީ ފޮރިންގ މިނިސްޓަރާއި ރައީސް ޔާމީން ބައްދަލުކުރައްވައިފި


ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، ސަޢޫދީޢަރަބިއްޔާގެ ފޮރިންގ މިނިސްޓަރ ޢާދިލް އަލް ޖުބައިރާއި ބައްދަލުކުރައްވައިފިއެވެ.

ސަޢޫދީ ޢަރަބިއްޔާގެ ފޮރިންގ މިނިސްޓަރާއިއެކު ރައީސުލްޖުމްހޫރިއްޔާ ބޭއްވެވި ބައްދަލުކުރެއްވުމުގައި، ދިވެހިރާއްޖެއާއި ސަޢޫދީ ޢަރަބިއްޔާއާ ދެޤައުމުގެ ދެމެދުގައިވާ ގާތް ގުޅުން ފާހަގަ ކުރައްވައި، މި ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ގޮތްތަކާ ބެހޭގޮތުން ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރައްވާފައިވެއެވެ. އަދި ބައިނަލްއަޤްވާމީ މުހިންމު އެކިއެކި މައްސަލަތަކާ ބެހޭގޮތުންވެސް ދެ ބޭފުޅުން ޚިޔާލު ބަދަލުކުރައްވާފައިވެއެވެ. މިގޮތުން، ދުނިޔެއަށް މިހާރު ކުރިމަތިވެފައިވާ ޓެރަރިޒަމްގެ ނުރައްކާ ނައްތައިލުމުގައި ރާއްޖެއާއި ސަޢޫދީ ޢަރަބިއްޔާއާ ދެ ޤައުމުން ސާބިތުކަމާއެކު މަސައްކަތް ކުރަމުން ގެންދާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާއާއި، ސަޢޫދީ ޢަރަބިއްޔާގެ ފޮރިން މިނިސްޓަރވަނީ ދެއްވާފައެވެ.މީގެ އިތުރުން، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދުނިޔެއަށް ކުރިމަތިވަމުންދާ އެކިއެކި މައްސަލަތައް ޙައްލުކުރުމުގައި ރާއްޖެއާއި ސަޢޫދީ ޢަރަބިއްޔާއާ ދެޤައުމުން، އެއްޤައުމު އަނެއް ޤައުމަށް އެއްބާރުލުން ދެމުން ގެންދާނެކަމަށްވެސް މި ބައްދަލުކުރެއްވުމުގައި ދެބޭފުޅުން ވިދާޅުވެފައިވެއެވެ.

މި ބައްދަލުކުރެއްވުންތަކުގައި އެ މަނިކުފާނުގެ އަރިހުގައި، ފޮރިން މިނިސްޓަރ ޑރ. މުޙައްމަދު ޢާސިމާއި، އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދާއި، ފިޝަރީޒް މިނިސްޓަރ ޑރ. މުޙައްމަދު ޝައިނީއާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު ނަޞީރާއި، ރާއްޖެއިން ސަޢޫދީ ޢަރަބިއްޔާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޢަބްދުﷲ ޙަމީދު ބައިވެރިވެ ވަޑައިގެންފައިވެއެވެ.