ޚަބަރު

މިދިޔަ މަހު ރާއްޖެއަށް 152,000އަށްވުރެ ގިނަ ފަތުރުވެރިން


  • މިހާތަނަށް 8 ލައްކަ ފަތުރުވެރިން ވަނީ އައިސްފައި

  • އެންމެ ގިނައީ ޗައިނާ ފަތުރުވެރިން

މިދިޔަ މަހު ރާއްޖެއަށް 152,000 އަކަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފިއެވެ. މިއާއެކު އަހަރުގެ މިހާތަނަށް ރާއްޖެއަށް 8 ލައްކައަށްވުރެ ގިނަ ފަތުރުވެރިން ވަނީ ޒިޔާރާތްކޮށްފައެވެ.

ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން، މިދިޔަ މަހު ރާއްޖެއަށް 152,861 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތް ކޮށްފައިވަނީ 202,214 ފަތުރުވެރިންނެވެ. އެހެންކަމުން މިއީ 24.4 އިންސައްތަ ދަށް އަދަދެކެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން އަހަރުގެ މިހާތަނަށް މުޅި ޖުމްލަ 813,503 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރާތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރާތްކުރި 857,386 ފަތުރުވެރިންނާ އަޅާ ބަލާއިރު 5.1 އިންސައްތަ ދަށް އަދަދެެކެވެ.

ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރާއި އަޅާބަލާއިރު ދަށްވީ މެދުއިރުމަތީގެ ހަނގުރާމައާއި ގުޅިގެން ރާއްޖެއަށް ދަތުރުކުރާ ގިނަ އެއަރލައިންތަކުގެ ދަތުރުތައް ވަގުތީގޮތުން ހުއްޓާލުމާއި އަދި ފަތުރުވެރިންނަށް ރާއްޖެ އާދެވޭނެ ގޮތެއް ނެތުމުގެ ސަބަބުންނެވެ. ނަމަވެސް ދަތުރުތައް މެދުކަނޑާލި އެއާލައިންތަކުން އަލުން ދަތުރުތައް ފެށުމުގެ ސަބަބުން ފަތުރުވެރިންގެ އަދަދުތައް ދަނީ އިތުރުވަމުންނެވެ. ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖެއަށް މިހާރު އެވްރެޖްކޮށް ކޮންމެ ދުވަހަކު 6،668 ފަތުރުވެރިން އާދެއެވެ.

ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރާތްކުރާ 5 ޤައުމު:

* ޗައިނާ: 122,134 ފަތުރުވެރިން
* ރަޝިއާ: 104,174 ފަތުރުވެރިން
* އިނގިރޭސިވިލާތް: 72,453 ފަތުރުވެރިން
* އިޓަލީވިލާތް: 65,583 ފަތުރުވެރިން
* ޖަރުމަނުވިލާތް: 53,564 ފަތުރުވެރިން

އަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރާތްކުރި ފަތުރުވެރިންގެ ތެރެއިން 799,695 ފަތުރުވެރިން އައިސްފައިވަނީ ވައިގެ މަގުންނެވެ. މިމުއްދަތުގެ ތެރޭގައި ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގާ ޓޫރިސްޓް ފެސިލިޓީތަކުގެ ތެރެެއިން އޮޕަރޭޝަނަށް ގެެނެސްފައިވާ ފެސިލިޓީގެ އަދަދުވެސް ވަނީ އިތުރުވެފައެވެ. އެގޮތުން އަހަރު ފެށުނުއިރު ރާއްޖޭގައި އޮޕަރޭޓް ކުރަމުންދާ ޓޫރިސްޓް ފެސިލިޓީތަކުގެ އަދަދު 67,470ގައި ހުރިއިރު، މި އަދަދު މިހާރު ވަނީ 68,005އަށް އަރާފައެވެ. މީގެ ތެރެއިންވެސް އެންމެ ގިނައީ ރިސޯޓުތަކާއި، މެރީނާތަކުން އޮޕަރޭޝަނަށް ގެނެސްފައިވާ ފެސިލިޓީތަކެވެ.

މި މުއްދަތުގެ ތެރޭގައި ރާއްޖޭގެ ފަތުރުވެރި ކަމަށް ބޮޑު ކުރިއެރުމެއް ލިބިފައިވާއިރު، ކުރިއަށް އޮތްތަނުގައިވެސް މި ކުރިއެރުން ދެމެހެއްޓުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ. ވަކިން ޚާއްސަކޮށް މިހާރު މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާއި ގުޅިގެން ފަތުރުވެރި ކަމަށް ދިމާވަމުންދާ ގޮންޖެހުންތައް ކުޑަކުރުމަށް ކުރަމުންދާ މަސައްކަތާއެކު ކުރިއަށް އޮތްތަނުގައި މި ސިނާއަތަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ދާއިރާގެ ތަޖުރިބާ ކާރުން ވިދާޅުވެއެވެ.