ޚަބަރު

އެމެރިކާގެ އިންޒާރުތަކަށްފަހު އީރާނުން ޔޫއޭއީއަށް ޙަމަލާދީފި


‏އީރާނުން ދީފައިވާ ޑްރޯން ޙަމަލާއެއްގެ ސަބަބުން އެކުވެރި ޢަރަބި އިމާރާތް (ޔޫއޭއީ)ގެ ފުޖައިރާގައި ހުންނަ ފުޖައިރާ އޮއިލް އިންޑްސްޓްރީ ޒޯންގައި ރޯވެފައިވާ ކަމަށް އެ ޤައުމުން ބުނެފިއެވެ.

އެ ޙަމަލާގައި އިންޑިޔާގެ ތިން ރައްޔިތަކަށް ޒަޚަމްވެފައިވާ ކަމަށް ރިޕޯޓުތަކުން ބުނެއެވެ.

ޔޫއޭއީގެ ދިފާޢީ ވުޒާރާއިން ބުނީ އެ ޤައުމުގެ ވައިގެ ދިފާޢީ ނިޒާމުތަކުން އީރާނުން ދެމުންދާ މިސައިލް އަދި ޑްރޯން ޙަމަލާތަކެެއް ހުއްޓުވަމުންދާ ކަމަށެވެ. އެ ޤައުމަށް އަމާޒުކޮށް އީރާނުން ފޮނުވާފައިވާ ހަތަރު މިސައިލްގެ ތެރެއިން ތިން މިސައިލް ވައިގެ ދިފާޢީ ނިޒާމުން ހުއްޓުވާފައިވާ ކަމަށާއި، އެއް މިސައިލް މޫދަށް ވެއްޓިފައިވާ ކަމަށް އެ ވުޒާރާއިން ބުނެއެވެ.

މިއީ މިދިޔަ މަހުގެ ތެރޭގައި އެމެރިކާއާއި އީރާނުން ޙަމަލާ ބަދަލުކުރުން މެދުކަނޑައިލުމަށް އެއްބަސްވި ފަހުން ދީފައިވާ މި ފަދަ ފުރަތަމަ ޙަމަލާއެވެ.

މިދިޔަ ފެބްރުއަރީ މަހުގެ 28ވަނަ ދުވަހު ޔަހޫދީންނާއި އެމެރިކާއިން ގުޅިގެން އީރާނަށް ޙަމަލާދީ ހަނގުރާމަ ފެށުމުން، އީރާނުން ވަނީ މެދުއިރުމަތީގައި ހުންނަ އެމެރިކާއާއީ ޔަހޫދީ މަސްލަހަތު ހިމެނޭ ތަންތަނަށް ވަރުގަދަ ޙަމަލާތަކެއް ދީފައެވެ. އެ ގޮތުން އެންމެ ގިނަ ޙަމަލާތައް އަމާޒުވެފައި ވަނީ ޔޫއޭއީއަށެވެ. އެމެރިކާގެ އަސްކަރީ މަރުކަޒެއް ޔޫއޭއީގައި ހުރެއެވެ. އޭޕްރިލް މަހުގެ 8ވަނަ ދުވަހު އެމެރިކާއާއި އީރާނުން ޙަމަލާ ބަދަލުކުރުން މެދުކަނޑައިލުމަށް އެއްބަސްވުމާ ހަމައަށް އީރާނުން 2،800 ޑްރޯން އަދި މިސައިލް ޔޫއޭއީއަށް ފޮނުވާފައިވެއެވެ.

އީރާނުން އަނެއްކާ ވެސް ޔޫއޭއީއަށް ޙަމަލާ ދީފައިވާއިރު، ހަމަލާ ދިން ދުވަހު ޔޫއޭއީއިން ވަނީ އީރާނުން އަބޫ ދާބީގެ ޤައުމީ ތެޔޮ ކުންފުނި، އެޑްނޮކްގެ ތެޔޮ ޓޭންކަރަކަށް ހުރްމުޒް ކަނޑުއޮޅީގައި ދީފައިވާ ޙަމަލާއެއް ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ. އެ ޙަމަލާ ދީފައި މި ވަނީ ހުރްމުޒް ކަނޑުއޮޅި ހުރަސްކުރެވޭނެ މަގު ތަނަވަސްކޮށްދޭނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެފައި ވަނިކޮށެވެ. ފާއިތުވި ގަޑިއިރުތަކުގެ ތެރޭގައި ހުރްމުޒް ކަނޑުއޮޅީގެ ސަރަޙައްދުން ގިނަ އުޅަނދުތަކަކަށް ޙަމަލާ ދީފައިވެއެވެ.

ޔޫއޭއީއަށް މިހާރު އަމާޒުވަމުންދާ ޙަމަލާތަކާ ގުޅިގެން އެ ޤައުމުގެ ދުބާއީއާއި ޝާރްޖާއަށް ދަތުރުކުރުމަށް ހަމަޖެހިފައިވާ ފްލައިޓުތައް ދަނީ އެހެން ވައިގެ ބަނދަރުތަކަށް ޑައިވަރޓް ކުރަމުންނެވެ.