މިފްކޯގެ މަހުގެ އުފެއްދުންތައް ސްރިލަންކާގައި ތަޢާރަފްކޮށްފިއެވެ.
މިތަކެތި އިފްތިތާޙްކުުރުމަށްޓަކައި ސްރީލަންކާގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ. މި ރަސްމިއްޔާތުގައި މިފްކޯގެ މަހުގެ އުފެއްދުންތައް ލަންކާއަށް ތަޢާރަފުކޮށްދެއްވީ މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މަސްވެރިކަމާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވީ ސްރީލަންކާއަށް ރަސްމީކޮށް މިފްކޯގެ މަހުގެ ބާވަތްތައް ތަޢާރަފްކުރުމުގެ ކުރިންވެސް ސްރީލަންކާގެ ރައްޔިތުންގެ ހިތްތަކުގައި މަހުގެ އުފެއްދުންތަކަށް ޚާއްސަ ލޯތްބެއް ދީފައިވާކަމަށެވެ. އަދި ދެ ޤައުމުގެ ދެމެދު މި އޮތް ދުވަސްވީ ގުޅުމުގެ މައްޗަށް ބިނާކޮށް މިފްކޯގެ އުފެއްދުންތައް ލަންކާގެ ރައްޔިތުންނާއި ޚާއްސަކޮށް ލަންކާގައި ދިރިއުޅޭ ދިވެހިންނަށް ފަސޭހައިން ލިބޭނެ އިންތިޒާމް ހަމަޖައްސާފައިވާކަމަށެވެ.
ވަޒީރުގެ ވާހަކަފުޅުގައި ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ ދަށުން މަސްވެރިކަމުގެ ދާއިރާ ޒަމާނީކޮށް، އިޤްތިޞާދީ ގޮތުން ފުޅާކޮށް އެކަމުން ރައްޔިތުންނަށް ނަފާ ލިބޭނެ ގޮތްތައް ހޯދަމުންދާކަން ފާހަގަކުރައްވާފައެވެ.
ޚާއްޞަކޮށް ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތަކީ ތިމާވެއްޓާ ރައްޓެހި ސިނާއަތަކަށް ހެދުމަށާއި، ދުނިޔޭގައިވެސް އެންމެ ދެމެހެއްޓެނިވި ގޮތެއްގައި މަސްވެރިކަންކޮށް އެއިން އާމްދަނީ ލިބޭނެ މަގުތައް އިތުރުކުންކަމަށް ވަޒީރު ވިދާޅުވިއެވެ.
"މިއީ އެ ތަޞައްވުރު ޢަމަލީ ގޮތުން ދައްކުވައިދޭ ވަރުގަދަ މިސާލެއް. އެއީ ސީދާ ސްރީލަންކާގެ ރައްޔިތުންނަށް ރާއްޖޭގެ މަހުގެ އުފެއްދުންތައް ލިބި ވިޔަފާރިއަށްވެސް އައު ފުރުޞަތުތަކެއް އުފެދިގެންދާނެ." މަސްވެރިކަމާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވިއެވެ.
މިފްކޯއިން ސްރީލަންކާގައި އިފްތިތާޙްކޮށްފައިވާ ތަކެތީގެ ތެރޭގައި އެ ކުންފުނީގެ ފަސްމީރު ބްރޭންޑްގެ ވަޅޯމަހާއި އެކި ބާވަތްތަކުގެ މަސްދަޅުގެ އިތުރުން ރިހާކުރާއި ޕެކްޓްގައި ބަންދުކޮށްފައި ހުންނަ މުގުރި މަސް ހިމެނެއެވެ.
ލަންކާގައި މިފްކޯގެ މަހުގެ އުފެއްދުންތައް ތަޢާރަފްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެ ޤައުމުގެ މިނިސްޓަރ އޮފް ޓްރޭޑް ކޮމާސް، ފުޑް ސެކިއުރިޓީ އެންޑް ކޯޕަރޭޓިވް ޑިވެލެޕްމަންޓް ވަސަންތާ ސަމަރަސިންގެ އާއި ޑިވެލޮޕްމަންޓް އިންޓަރޕްލޭން ސިލޯންގެ ސީއީއޯ ޒުރައިޝް ޙާޝިމް ބައިވެރިވެވަޑައިގެންނެވިއެވެ.
ކަނޑުގެ ވަޞީލަތްތަކުން ދިވެހިންނަށް ލިބޭ ނަފާ އިތުރުކުރުމަށް ސަރުކާރުން ފުޅާދާއިރާއެއްގައި ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން މިދިޔަ އަހަރުގެ ޖުލައި މަހު ވަނީ މަސްވެރިކަމުގެ އުފެއްދުންތަކަށް ޚާއްޞަ ޤައުމީ އައު ބްރޭންޑް، "ފްރޮމް މޯލްޑިވްސް" ތަޢާރަފްކޮށްފައެވެ.
މިއީ އަގުއެއްކުރި މަހާއި މަހުގެ އުފެއްދުންތައް ރާއްޖޭގައި ތައްޔާރުކޮށް، ބަންދުކުރުމުގެ ކެޕޭސިޓީ އިތުރުކުރުމަށާއި، އަދި ޕްރޮސެސްކުރުމުގެ އިތުރުން، މަސް ފިނިކޮށް، ރައްކާކުރުމުގެ ނިޒާމު އިތުރަށް ފުޅާކުރުމަށް ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތަކަށްވެސް ލިބިގެންދާ ކުރިއެރުމެއްވެސް މެއެވެ.
ރާއްޖޭގައި މަހުގެ އުފެއްދުންތައް ތައްޔާރުކުރާ އުފެއްދުންތެރިންނަށް ބައިނަލްއަޤުވާމީ ބާޒާރުތަކުގައި ވާދަވެރިކަމާއެކު ބައިވެރިވުމުގެ މަގު އިތުރަށް ފަހިކުރުމަށް ތައްޔާރުކޮށްފައިވާ މި ބްރޭންޑަކީ ރައީސުލްޖުމްހޫރިއްޔާ އުފައްދަވައިފައިވާ މޯލްޑިވްސް ފިޝަރީސް އެންޑް އޯޝަން ރިސޯސަސް މާކެޓިންގ އެންޑް ޕްރޮމޯޝަން ކޯޕަރޭޝަންގެ އުފެއްދުމެކެވެ.