އިޖްތިމާޢި އެހީތެރިކަން ފޯރުކޮށްދޭ މުވައްޒަފުންގެ ފަންނީ ޤާބިލްކަން އިތުރުކުރުމަށް "ސޯޝަލް ޕްރޮޓެކްޝަން ޓު ލީވް ނޯ ވަން ބިހައިންޑް" އެޕްލިކޭޝަނަށް އިޖްތިމާޢީ އެހީގެ ދައިރާގެ މުވައްޒަފުން ތަމްރީނުކުރުމާ ގުޅޭ މަސައްކަތު ބައްދަލުވުމެއް ފަށައިފިއެވެ.
މިމަސައްކަތު ބައްދަލުވުން ކުރިއަށް ގެންދަނީ، އދގެ އިޤްތިޞާދީ އަދި އިޖްތިމާޢީ އެހީއާ ގުޅޭ އޭޝިއާ އަދި ޕެސިފިކް ސަރަހައްދުގެ ކޮމިޝަން (އެސްކެޕް) އާއި ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާޢީ އެހީއާބެހޭ ވުޒާރާއާ ގުޅިގެން ކުރިއަށްގެންދާ މަސައްކަތު ބައްދަލުވުމެކެވެ.
މި މަހުގެ 9 އިން 12 އަށް ކުރިއަށްދާ މި މަސައްކަތު ބައްދަލުވުމަކީ، "ސޯޝަލް ޕްރޮޓެކްޝަން ޓު ލީވް ނޯ ވަން ބިހައިންޑް" އެޕްލިކޭޝަން ބޭނުންކުރުމަށްޓަކައި އިޖްތިމާޢީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރިއަށްގެންދާ މަޝްރޫޢެއްގެ ބައެކެވެ. މި މަސައްކަތު ބައްދަލުވުމުގެ މައިގަނޑު މަޤްޞަދަކީ، ތަފާސްހިސާބާއި ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން، ސައްޙަ މަޢުލޫމާތުގެ މައްޗަށް ބިނާވެފައިވާ ސިޔާސަތުތައް އެކުލަވައިލުމުގެ ޤާބިލުކަން ދައުލަތުގެ މުއައްސަސާތަކުގައި އިތުރުކުރުމެވެ. މީގެ ސަބަބުން، އެއްވެސް މީހަކު ބާކީނުވާނެ ފަދަ ހަރުދަނާ އިޖުތިމާޢީ ރައްކާތެރިކަމުގެ ނިޒާމެއް ބިނާކުރުމަށް މަގުފަހިވާނެކަމަށް އިޖްތިމާއި އެހީއާބެހޭ ވުޒާރާއިން ވިދާޅުވިއެވެ.
ހަތަރު ދުވަހުގެ މުއްދަތަށް ކުރިއަށްގެންދެވޭ މި މަސައްކަތު ބައްދަލުވުމުގައި، ޤައުމީ ފެންވަރުގެ ތަފާސްހިސާބުތައް ބޭނުންކޮށްގެން ސިޔާސަތުތައް ދިރާސާކުރާނެ ގޮތްތަކާއި، ނާޒުކު ހާލަތްތަކުގައި ތިބޭ ފަރާތްތަކަށް ފޯރުކޮށްދޭ އެހީތެރިކަން އިތުރަށް ފުޅާކުރާނެ ގޮތްތަކާ ގުޅޭގޮތުން ބައިވެރިންނަށް ތަމްރީނު ދެވޭނެއެވެ.
"ސޯޝަލް ޕްރޮޓެކްޝަން ޓު ލީވް ނޯ ވަން ބިހައިންޑް" އަކީ އިޖުތިމާޢީ ރައްކާތެރިކަން ފުޅާކުރުމުން، ވަޒީފާގެ ފުރުޞަތުތަކާއި، ޞިއްޙީ ޚިދުމަތް، ތަޢުލީމު އަދި ދިރިއުޅުމުގެ ފެންވަރު ފަދަ އަސާސީ ދާއިރާތަކުން ޚާއްޞަކޮށް ދެމެހެއްޓެނި ތަރައްޤީގެ ލަނޑުދަނޑީގެ ގޮތުގައި ފާހަގަކޮށްފައިވާ އިންޑިކޭޓަރސް ތަކުން ލިބޭ ކުރިއެރުންތައް ދެނެގަނެވޭނެ މުހިންމު ވަސީލަތެކެވެ. މި މަސައްކަތު ބައްދަލުވުމަކީ 2024 އަދި 2025 ވަނަ އަހަރު ކުރިއަށް ގެންދެވުނު މަޝްވަރާތަކާއި މަސައްކަތުގެ ތެރެއިން މި ވަސީލަތް އިތުރަށް ތަރައްޤީކުރުމަށް ކުރެވުނު މަސައްކަތްތަކުގެ ކުރިއެރުމެއް ކަމަށް އިޖްތިމާއީ އެހިއާ ބެހޭ ވުޒާރައިން ވިދާޅުވިއެވެ.
މި މަސައްކަތު ބައްދަލުވުމުގައި ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)، މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް، ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އަދި ނޭޝަނަލް ޕްލޭނިންގ ހިމެނޭހެން ޖުމްލަ 20 ފަރާތުން ބައިވެރިވެއެވެ.