ޚަބަރު

އޭޝިއާ މީޑިއާ ސަމިޓަށް ޕީއެސްއެމް ތައްޔާރު


  • މި ސަމިޓްގައި 300 އެއްހައި މީހުން ބައިވެރިވޭ

  • އެއީ ގާތްގަނޑަކަށް 30 ގައުމަކުން ބައިވެރިވާ މީހުން

އޭޝިއާ މީޑިއާ ސަމިޓް ރާއްޖޭގައި ބޭއްވުމަށްޓަކައި މިހާރު ވަމުންދަނީ އެންމެ ފަހުގެ ތައްޔާރީތައްކަމަށް ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމްއިން ވިދާޅުވެއެވެ. މިއަހަރުގެ އޭޝިއާ މީޑިއާ ސަމިޓް އިންތިޒާމް ކުރަނީ ޕީއެސްއެމްއިންނެވެ.

އޭޝިއާ ޕެސިފިކް އިންސްޓިޓިއުޓް ފޮރ ބްރޯޑްކާސްޓިންގ ޑިވެލޮޕްމަންޓް، އޭއައިބީޑީން ކޮންމެ އަހަރަކު ބާއްވާ އޭޝިއާ މީޑިއާ ސަމިޓްގެ މިއަހަރުގެ ބައްދަލުވުން ދިވެހިރާއްޖޭގައި ބޭއްވުމުގެ އިންތިޒާމްތައް ޕީއެސްއެމްއިން ދަނީ ހަމަޖައްސަމުންނެވެ.

މި ސަމިޓަށް ޕީއެސްއެމްއިން ވަމުންދާ ތައްޔާރީތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޔާމީން ރަޝީދު ވިދާޅުވީ، އޭޝިއާ މީޑިއާ ސަމިޓް ރާއްޖޭގައި ބޭއްވުމަށްޓަކައި ޕީއެސްއެމްގެ ފަރާތުން އެންމެ ފަހުގެ ތައްޔާރީތައް މިހާރު ވާންފަށާފައިވާކަމަށެވެ. ސަމިޓްގެ ހުރިހައި ކަމެއްކަހަލަ ގޮތަކަށް މިހާރު ވަނީ އިންތިޒާމްވެފައިކަމަށް ޑީއެމްޑީ ވިދާޅުވިއެވެ.

"މި ސަމިޓަކީ މި ސަރަހައްދުގައި ބޭއްވޭ މީޑިއާގެ އެންމެ ބޮޑު އެއްވުމުގެ ގޮތުގައި ފާހަގަކޮށްލެވެނީ. އެކި ތަންތަނުގެ އެކި މީޑިއާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވާނެ. އަދި ހަމަ އޭގެ އިތުރަށް ބައެއް ގައުމުތަކުގެ މިނިސްޓީރިއަލް ލެވެލްގެ ބޭފުޅުންވެސް ބައިވެރިވެވަޑައިގަންނަވާ މި ސަމިޓަކީ މީޑިއާގައި މި ދުވަސްވަރު މި ހުރި ގޮންޖެހުންތަކާއި އަދި ހަމަ އެހެންމެ މީޑީއާއަށް މިއަންނަ ތަރައްޤީތަކުގެ ވާހަކަ އެއްތަނަކަށް އެއްވެގެން ތިބެ ވާހަކަދެއްކުން." ޑީއެމްޑީ ވިދާޅުވިއެވެ.

މިމަހުގެ 11ވަނަ ދުވަހު ރާއްޖޭގެ ލޯކަލް މީޑިއާތަކާއި އަދި ބައިނަލްއަޤްވާމީ މީޑިއާތައް ބައިވެރިވާ ޕްރީ-ވޯކްޝޮޕްތަކެއް ކުރިއަށްދާނެއެވެ. މި ވޯކްޝޮޕްތަކަކީވެސް މިހާރު ޒަމާނީ މީޑިއާގެ ވަސީލަތްތަކާއި އަދި ހަމައެހެންމެ ޓެކްނޮލޮޖީއަށް މިއަންނަ ބަދަލުތަކާއި ގުޅޭގޮތުން މީޑިއާގައި މަސައްކަތްކުރާ ފަރާތްތައް އަހުލުވެރިކުރުވުމުގެ މަޤްސަދުގައި ހިންގާ ވޯކްޝޮޕްތަކެއްކަމަށް ޕީއެސްއެމްއިން ބުނެއެވެ.

ޕީއެސްއެމްގެ އެގްޒެކްޓިވް ޑިރެކްޓަރ އިބްރާހިމް ރަމީޒް ވިދާޅުވީ، މިއަހަރުގެ އޭޝިއާ މީޑިއާ ސަމިޓްގައި ގާތްގަނޑަކަށް 30 ގައުމަކުން ބައިވެރިވާކަމަށެވެ. މި ސަމިޓަށް ވަމުންދާ އެންމެ ފަހުގެ ތައްޔާރީތަކުގެ ތެރޭގައި ރާއްޖެއިން ބޭރުން ވަޑައިގަންނަވާ ބޭފުޅުންނަށް ދޭންޖެހޭ މެހެމާންދާރީ އަދާކުރުމަށް ވަމުންދާ ތައްޔާރީތައް އޭނާ ފާހަގަކުރެއްވިއެވެ.

"މިފަހަރު ސަމިޓް މިއޮތީ ވިލާ ނޯޓިކާގައި. އެކަމަކު އަޅުގަނޑުމެންގެ ބައިވެރިން ވިލާ ނޯޓިކާގެ އިތުރުން ހުޅުލެ އައިލެންޑް ހޮޓެލްގައިވެސް ތިބޭނެ. ގާތްގަނޑަކަށް މި ސަމިޓްގައި 300 އެއްހައި މީހުން ބައިވެރިވޭ. އޭގެތެރޭގައި %80 މީހުންނަކީ ބޭރުގެ މީހުން. ޕްރޮގްރާމް ރޭވިފައި އިންގޮތުން މިމަހުގެ 11 ވަނަ ދުވަހު އޮންނާނެ މީގެ ޕްރީ-ސަމިޓް ވޯކްޝޮޕްތަކެއް." ރަމީޒް ވިދާޅުވިއެވެ.

އޭޝިއާ މީޑިއާ ސަމިޓު އޮންނާނީ މިމަހުގެ 11އިން 14އަށް ވިލާ ނޯޓިކާ ރިސޯޓުގައެވެ. މިސަމިޓުގެ މިއަހަރުގެ ޝިއާރަކީ "މޯލްޑިވްސް 2.0 ފްރޮމް ޓްރެޑިޝަން ޓު ޓެކް"އެވެ.