ޚަބަރު

ކަނބަލުންނަށް ޚާއްޞަ ކުރިކެޓް މުބާރާތެއް ކުނަހަންދޫގައި ފަށަނީ


  • މުބާރާތް ފަށާނީ މިމަހު 28 ގައި

  • 5 ޓީމަކުން މުބާރާތުގައި ވާދަކުރާނެ

ކުރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް)އިން އިންތިޒާމުކޮށްގެން ލ. ކުނަހަންދޫގައި ކަނބަލުންނަށް ޚާއްސަ ކުރިކެޓް މުބާރާތެއް ބޭއްވުމަށް ތައްޔާރުވަމުން އެބަދެއެވެ.

މިމަހުގެ ފަހު ކޮޅު ބޭއްވުމަށް ތައްޔާރުވަމުން އަންނަ މުބާރާތާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެމުން ލ. އަތޮޅު ކުރިކެޓް ޑިވެލޮޕްމަންޓް ކޯޗު ލިރުގާމް ސައީދު ބުނީ މިފަދަ މުބާރާތެއް ބޭއްވުމުގެ މަގްސަދަކީ މިކުޅިވަރުގައި ކަނބަލުން ބާރުވެރިކުރުވާ، ކުރިކެޓުން އަންހެން ޒުވާން މޫނުތަކެއް ނެރުންކަމަށެވެ.

މިމުބާރާތުގެ ސަބަބުން ވާދަވެރި ރޫހެއްގައި މެޗު ތަޖުރިބާތައް ލިބުމުގެ ފުރުސަތު އެރަށުގެ ކަނބަލުންނަށް ލިބިގެންދާނެކަމަށާއި މިއީ ކުރިކެޓްގައި ހަރަކާތްތެރިވަމުން އަންނަ ކަނބަލުންނަށް ލިބިގެންދާނެ ފަހި ފުރުސަތެއްކަމަށް ލިރުޣާމް ބުނެފަވެއެވެ.

ކުރިކެޓުގެ ފޯރި ގަދަ ކުނަހަންދޫއަކީ ވަކި އުމުރެއްނެތި ދެ ޖިންސުން ކުރިކެޓުގައި ހަރަކާތްތެރިވަމުން އަންނަ ރަށަކަށްވާއިރު މިރަށަކީ ގައުމީ އަންހެން ކުރިކެޓް ޓީމުގެ ގިނަ އަދަދެއްގެ ކުޅުންތެރިން ނިސްބަތްވާ ރަށެއްކަން ފާހަގަކޮށްލެވެއެވެ. މިއަހަރުގެ ރަމަޟާންމަހު އެރަށުގައި ބޭއްވި ރަމަޟާން ކުރިކެޓް ކާނިވަލުގައިވެސް އަންހެން ކުޅުންތެރިން ހިމެނޭ ޓީމަކުންވަނީ ނުކުމެ، ފިރިހެން ޓީމުތަކާ ދެކޮޅަށް ރަނގަޅު ކުޅުމެއްދައްކާފައެވެ.

މިމަހުގެ 28 ވަނަ ދުވަހު ފެށުމަށް ތާވަލުކޮށްފައިވާ މިމުބާރާތުގައި ފަސް ޓީމަކުން ވާދަކުރާނެއެވެ. މިމުބާރާތުގެ ކުޅުން ކުރިއަށްދާނީ ކުނަހަންދޫ ކުރިކެޓް ދަނޑުގައެވެ.