މިއަންނަ އަހަރު ޤަތަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ފީބާ ބާސްކެޓްބޯޅަ ވޯލްޑް ކަޕަށް ކޮލިފައިވި ފުރަތަމަ ޓީމަކަށް ތުރުކީޔޭ ވެގެން ހިގައްޖެއެވެ.
މިމުބާރާތަށް ތުރުކީޔޭ ކޮލިފައިވީ ޔޫރަޕިއަން ކޮލިފައިންގ ދެވަނަ ބުރުގައި ގްރޫޕް ޖޭގައި ރަށުން ބޭރުގައި އައިސްލަންޑާއި ބައްދަލުކުރި މެޗު ކާމިޔާބު ކޮށްގެންނެވެ. އައިސްލަންޑްގެ ވެރިރަށުގައި ކުޅުނު މިމެޗު ތުރުކީޔޭ ކާމިޔާބު ކޮށްފައިވަނީ 110 ޕޮއިންޓް 73 ޕޮއިންޓުންނެވެ.
މިމެޗުގެ ފުރަތަމަ ކުއާޓަރ ނިމުނުއިރު ތުރުކީޔޭއިންވަނީ 33 ޕޮއިންޓް 14 ޕޮއިންޓުގެ ލީޑެއް ނަގައިފައެވެ. މިގޮތުން މިކުއާޓަރގައި ޗެޑީ އޮސްމާން އާއި މަލާޗީ ފުލީންވަނީ ގުޅިގެން 24 ޕޮއިންޓް އެޓީމަށް ހޯދައިދީފައެވެ. އަދި ދެވަނަ ކުއާޓަރގައިވެސް ތުރުކީޔޭއިންވަނީ އެޓީމުގެ މޮޅުކުޅުން ދައްކާ 60 ޕޮއިންޓް 37 ޕޮއިންޓުން ކުރީގައި އޮވެގެން ކުއާޓަރ ނިންމާލައިފައެވެ.
މިމެޗުގެ ދެވަނަ ހާފުގައިވެސް ތުރުކީޔޭގެ ފަރާތުން އެޓީމުގެ މޮޅު ކުޅުން ފެނިގެންދިޔައިރު އައިސްލަންޑަށް މާބޮޑުވަރެއް ކުރެވޭގޮތެއް ނުވިއެވެ.
މިކާމިޔާބީ އާއެކު ތުރުކީޔޭ މިވަނީ މިފަހަރުގެ ކޮލިފައިންގގައި މިހާތަނަށް ކުޅުނު 8 މެޗުވެސް ކާމިޔާބު ކޮށްފައެވެ. އެއީ ފުރަތަމަ ބުރުގައި ކުޅުނު 6 މެޗާއި ދެވަނަ ބުރުގައި މިހާތަނަށް ކުޅުނު 2 މެޗަކާއެކުއެވެ. އަދި ތުރުކިޔޭއަކީ ޔޫރަޕްގައި ކުޅެވެމުންދާ ކޮލިފައިންގގައި މިހާތަނަށް މެޗަކުން ބަލިނުވެ އޮތް ހަމައެކަނި ޓީމެވެ.
މިފަހަރުގެ ކޮލިފައިންގ އޮތް ގޮތުން ޔޫރަޕުން މިއަންނަ އަހަރުގެ މުބާރާތަށް ކޮލިފައިވާނީ 12 ޓީމެވެ. މިގޮތުން ފުރަތަމަ ބުރުގައި 32 ޓީމުގެ މެދުގައި ކުރިއަށް ގެންދިޔަ ކޮލިފައިންގ މެޗުތަކަށްފަހު ދެވަނަ ބުރުން ޖާގަ ލިބިގެން ގޮސްފައިވަނީ 24 ޓީމަށެވެ. އަދި މި 24 ޓީމު 4 ގްރޫޕަށް ބަހާލާ ކޮންމެ ގްރޫޕެއްގެ ތެރޭގައި ރަށާއި ރަށުން ބޭރުގައި ކުޅޭ މެޗުތަކަށްފަހު އެންމެ ގިނަ ޕޮއިންޓް ހޯދާ ތިން ޓީމެއް ކޮންމެ ގްރޫޕަކުން ވޯލްޑް ކަޕަށް ކޮލިފައިވެގެންދާނެއެވެ.
ތުރުކީޔޭ ހިމެނޭ ގްރޫޕް ޖޭއަށް ބަލާލާއިރު ދެވަނައިގާ އުޅެނީ ސާބިއާ އަދި ތިންވަނައިގާ އިޓަލީވިލާތެވެ. މިއަންނަ އަހަރު ޤަތަރުގައި އޮންނަ މުބާރާތުގައި ވާދަކުރުމަށް ހަމަޖެހިފައިވަނީ 32 ޓީމެވެ. އެއީ ޔޫރަޕްގެ 12 ޓީމުގެ އިތުރުން އެފްރިކާގެ 5 ޓީމު، އެމެރިކާސްގެ 7 ޓީމު އަދި އޭޝިއާ އާއި އޯޝޭނިއާ އިން 7 ޓީމެވެ.
ޤަތަރުގައި ކުޅޭ މިމުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަންނަ އަހަރުގެ އޮގަސްޓް މަހުގެ 27 އިން ސެޕްޓެމްބަރު މަހުގެ 12 އަށެވެ.