ޚަބަރު

އެއަރޕޯޓަށްދާ ބަސް ދެން މަޑުކުރާނީ ހުޅަނގު ޕާކިން ޒޯނަށް


  • ބަސް ރޫޓަށް ބަދަލު ގެންނަނީ އެއަރޕޯޓު މަގު މަރާމާތު ކުރާތީ

  • ބަދަލު ގެންނަނީ މޭ 7 އިން ފެށިގެން 13ވަނަ ދުވަހުގެ ނިޔަލަށް

ވެލާނާ އެއަރޕޯޓަށް ދަތުރުކުރާ ބަސްތައް ކުރިއަށް އޮތް ހަފްތާއެއްހާ ދުވަހު މަޑުކުރާނީ، އެއަރޕޯޓުގެ ހުޅަނގު ޕާކިން ޒޯން ސަރަހައްދުގައިކަމަށް އެމްޓީސީސީން ވިދާޅުވެއްޖެއެވެ.

ބަސް ދަތުރުކުރާ ރޫޓަށް ބަދަލު އައުމާއި ގުޅިގެން އެމްޓީސީސީން ކުރި އިއުލާނުގައި ވިދާޅުވީ، ވެލާނާ އެއަރޕޯޓުގެ މަގު މަރާމާތު ކުރުމުގެ މަސައްކަތެއް މޭއި މަހުގެ 7 އިން 13 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާނެ ކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އަންގާފައިވާ ކަމަށެވެ. އާންމުކޮށް ބަސް ދަތުރުކުރާ މަގުގެ މަރާމާތު މަސައްކަތެއް ކުރިއަށްގެންދާތީ، އެމްޓީސީސީން ވިދާޅުވީ އެއަރޕޯޓު ބަސް ރޫޓަށް ބަދަލު ގެނެސް ބަސް މަޑުކުރާ ތަން ބަދަލުކޮށްފައިވާ ކަމަށެވެ.

މިމަސައްކަތް ކުރިއަށްގެންދާ މުއްދަތުގައި އެއަރޕޯޓަށްދާ ފަރާތްތައް ބަހަށް އަރުވާ ބޭލުމަށް ވަގުތީ ގޮތުން ހަމަޖައްސާފައިވަނީ އެއަރޕޯޓުގެ ހުޅަނގު ޕާކިން ޒޯން ސަރަހައްދަށް ކަމަށް އެމްޓީސީސީން ވިދާޅުވެއެވެ. ބަސް ހުއްޓޭ ސަރަހައްދު ބަދަލުވިނަމަވެސް، ބަސް ދަތުރުކުރާ ވަގުތަށް އެމްޓީސީސީން އެއްވެސް ބަދަލެއް ގެނެސްފައި ނުވެއެވެ.

އެމްޓީސީސީން ވަނީ މި ބަދަލާއި ގުޅޭ އެއްވެސް މައުލޫމާތެއް ސާފުކުރަން ބޭނުން ނަމަ، 1650 ގުޅުމަށް އެދިފައެވެ.