ތެލަސީމިއާއަކީ މުޅި ޢުމުރު ދުވަހަށް ތަހައްމަލު ކުރަންޖެހޭ ބައްޔެކެވެ. މި ބަލި ތަޙައްމަލު ކުރާ މީހުންގެ ޢަދަދު، އާބާދީގެ ނިސްބަތުން ބަލާއިރު ރާއްޖޭގައި ގިނައެވެ. އެހެންކަމުން ރާއްޖެއިން ތެލަސީމިއާ ބައްޔަށް ޙައްލު ގެނައުމަށް ޤައުމީ ފެންވަރުގައި އަންނަނީ މަސައްކަތް ކުރަމުންނެވެ. ކޮންމެ އަހަރެއްގެވެސް މެއި މަހުގެ 8 ވަނަ ދުވަސް ފާހަގަކުރަނީ ދުނިޔޭގެ ތެލަސީމިއާ ދުވަހުގެ ގޮތުގައެވެ. މިއަހަރުގެ މިދުވަސް ފާހަގަކުރުމަށް ކަނޑައަޅާފައިވާ ޝިއާރަކީ "ހިޑެން ނޯ މޯ: ފައިންޑިންގ ދަ އަންޑައިގްނޯސްޑް" މި ޝިޔާރެވެ. ސަޕޯޓިންގ ދަ އަންސީން، ނުވަތަ އިތުރަށް ފޮރުވުމެއް ނެތި ބަލި ތަހައްމަލުކުރާ މީހުން ދެނެގަނެ އެހީތެރިކަން ފޯރުކޮށްދިނުން" މިއެވެ.
ތެލަސީމިއާއަކީ ލޭގެ ބައްޔެކެވެ. މިއީ މައިންބަފައިންގެ ފަރާތުން ދަރިންނަށް ވާރުތަވާ ބައްޔެކެވެ. ތެލަސީމިއާ ޖެހުމުން ލޭގައި ހިމެނޭ ހީމޮގްލޮބިން ފުރިހަމައަށް އުފައްދައި ނުދެއެވެ. ހީމޮގްލޮބިން އަކީ ލެއަށް ރަތްކުލަ ގެނެސްދީ އަދި ހަށިގަނޑުގެ ހުރިހާ ހިސާބަކަށް އޮކްސިޖަން ފޯރުކޮށްދޭ މާއްދާއަށް ކިޔާ ނަމެކެވެ. މިމާއްދާ އުފެދިފައިވަނީ ދެ ބީޓާ އަދި ދެ އަލްފާ ޗެއިން ގުޅިގެންނެވެ. ބީޓާ ޗެއިން އުނިވުމުން ވަނީ ބީޓާ ތެލެސީމިއާއަށެވެ. އަލްފާ ޗެއިން އުނިވުމުން ވަނީ އަލްފާ ތެލަސީމިއާއަށެވެ.
ރާއްޖޭގައި އެންމެ އާންމު ވައްތަރަކީ ބީޓާ ތެލަސީމިއާއެވެ. މީގެ އިތުރުންވެސް ތެލަސީމިޔާގެ އިތުރު 3 ވައްތަރެއް ރާއްޖޭގައި ފެނިފައިވެއެވެ. އެއީ ހީމޮގްލޮބިން އީ، ހީމޮގްލޮބިން ޑީ އަދި ސިކްލް ސެލްއެވެ.
ތެލަސީމިއާ ދުވަސް ފާހަގަކުރުމުގެ މަޤްސަދަކީ ތެލެސީމިޔާގެ ސަބަބުން މި ދުނިޔެއާ އަލްވަދާޢު ކިޔާފައިވާ ކުދިންގެ ހަނދާން އާކުރުމާއި ތެލެސީމިޔާއާ ހަނގުރާމަ ކުރަމުންދާ ކުދިންނަށް ރަނގަޅު ހަޔާތެއް ހޯދައިދިނުމަށް ބާރު އެޅުމެވެ. ތެލެސީމިއާއަކީ ވަރަށް ޅަ އުމުރެއްގައި އޭގެ އަސަރު ފެންނަން ފަށާ ބައްޔެކެވެ. މިބަލި ހުންނަ ކުދިންގެ ހަށިގަނޑުގައި ބޭނުންވާވަރަށް ހީމޮގްލޮބިން އުފައްދައެއް ނުދޭނެއެވެ. މިހެންވުމުގެ ސަބަބުން ހަށިގަނޑަށް ބޭނުންވާ އޮކްސިޖަން ލިބުން މަދުވެ، ހަށިގަނޑުގެ ދިފާޢީ ނިޒާމް ވަރުދެރަވެ ކުއްޖާގެ ހާލު ދެރަކޮށްލައެވެ. މިހެންވުމުން އެކުދިން ދިރިހުރުމަށްޓަކައި ޤަވައިދުން ލޭއަޅަން ޖެހެއެވެ.
މޯލްޑިވްސް ބްލަޑް ސަރވިސަސްގެ ތަފާސްހިސާބުތަކަށް ބަލާއިރު ތެލަސީމިއާ ދަފުތަރުގައި މުޅި ރާއްޖޭގައި ޖުމްލަ 978 މީހުން ރެކޯޑް ކުރެވުނުއިރު އޭގެ ތެރެއިން ދުނިޔޭގައި ތިބީ 652 މީހުންނެވެ. އަދި މި ދަފުތަރުގައި އެންމެ ގިނައީ 11 އަހަރާއި 20 އަހަރާ ދެމެދުގެ ކުދިންނެވެ. މި އުމުރުފުރާގެ 215 ކުދިން ތިބިއިރު، ދެވަނައަށް އެންމެ ގިނައީ 21 އަހަރާއި 30 އަހަރާ ދެމެދުގެ މީހުންނެވެ.
ފާއިތުވި ތިން އަހަރަށް ބަލާއިރު، 2023 ވަނަ އަހަރު 11 މީހުން، 2024 ވަނަ އަހަރު 18 މީހުން އަދި 2025 ވަނަ އަހަރުގެ މިހާތަނަށް 11 މީހުންނާއެކު ޖުމްލަ 40 ކުދިން އަލަށް ދަފްތަރުގައި ހިމެނިފައިވެއެވެ. އަތޮޅުތަކަށް ބަލާއިރު، އާބާދީގެ ނިސްބަތުން ތެލަސީމިއާ ބަލި ތަހައްމަލުކުރާ މީހުން އެންމެ ގިނައިން ތިބީ ނ. އަތޮޅުގައެވެ. އެ އަތޮޅުގެ 13 ރަށަކުން 53 މީހުން ދަފްތަރުގައި ހިމެނޭއިރު، މިއީ ކޮންމެ ރަށަކަށް އެވްރެޖްކޮށް 4 މީހުންނެވެ. އަދި ފ. އަތޮޅުގައި 18 މީހުން ތިބިއިރު، ލ. އަތޮޅުގައި 43 މީހުން ވަނީ ލިސްޓްކުރެވިފައެވެ. ތަފާސްހިސާބުތަކަށް ބަލާއިރު، ވ. އަތޮޅުގައި ތެލެސީމިއާގެ އެއްވެސް މީހަކު ނެތްއިރު، ދެވަނައަށް އެންމެ މަދީ މ. އަތޮޅެވެ. އެއީ، އެންމެ 3 މީހުންނެވެ.
ތެލަސީމިއާ ކުދިންގެ އާބާދީ އިތުރުވަމުންދާތީ، ސަރުކާރުގެ އެންމެ މުހިންމު އެއް ސިޔާސަތަކަށް ވެފައިވަނީ ތެލަސީމިއާ މަދުކުރުމަށް ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތްކުރުމާއި، ސްކްރީނިންގ ވަރުގަދަކުރުމަށެވެ. މިގޮތުން 2024ވަނަ އަހަރު ތެލަސީމިއާއާއި ގުޅޭގޮތުން ގިނަ މަސައްކަތްތަކެއް ކުރެވިފައިވާކަން ފާހަގަކޮށްލެވެއެވެ. ސްކޫލް ކުދިން ތެލަސީމިއާއަށް ސްކްރީންކުރުމުގެ ޤައުމީ މަޝްރޫއެއްވެސްވަނީ ފައްޓަވާފައެވެ.
ތެލަސީމިއާ ހުންނަ ފަރާތްތަކަށް އެހީ ފޯރުކޮށްދިނުމުގެ ތަޞައްވުރާއެކީ، ސަރުކާރުން ވަނީ މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ދަށުން މޯލްޑިވިއަން ބްލަޑް ސާވިސަސްގެ ޚިދުމަތްތައް ހުޅުމާލޭ އޮރެންޖު ހިޔާގައި ދޭން ފަށާފައެވެ. އަދި ތެލަސީމިއާގެ އެކި ޓެސްޓްތައް ހެދޭ ޑީއެންއޭ ލެބޯރެޓަރީ ޤާއިމުކޮށް ޚިދުމަތް ދޭން ފަށައިފިއެވެ. މިއާއެކު އެންޑޮކްރައިނޮލޮޖީ، އެތެރެ ހަށީގެ ބަލިތަކަށް ޚާއްސަ އަދި ހެމަޓޮލޮޖީ ކްލިނިކް ގާއިމުކުރުމާއި އަދި ތެލަސީމިއާ ޕޭޝަންޓް ކެއަރ ސެންޓަރުގެ ޚިދުމަތް ހިމެނެއެވެ. މީގެ އިތުރުން ތެލަސީމިއާ ސެންޓަރުން ޚިދުމަތްދޭން ފެށިތާ 31 އަހަރުގެ ތެރޭގައި ހުކުރު ދުވަހު އެސެންޓަރުން ޚިދުމަތްދޭން ފަށާފައިވާކަންވެސް ފާހަގަކޮށްލެވެއެވެ. އަދި ތެލަސީމިއާ ފަރުވާ ދިނުމަށް ޚާއްޞަ ހޮސްޕިޓަލެއް ތަރައްޤީ ކުރުމުގެ މަސައްކަތްވެސް މިހާރު އަންނަނީ ކުރަމުންނެވެ.
މި ދާއިރާއިން ކުރިއަށްގެންގޮސްފަވާ އިތުރު މަސައްކަތްތަކަށް ބަލާއިރު ހިލޭ ބޯންމެރޯ ޓްރާންސްޕްލާންޓް ހަދައިދޭން މި ސަރުކާރުން ފެށި ޕްރޮގްރާމްގެ ދަށުން، މިދިޔަ އަހަރު އިތުރު 10 ކުދިން ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް ވަނީ ފޮނުވާފައެވެ. މީގެ އިތުރުން، ތެލެސީމިއާ ކުދިންނަށް 2000 ރުފިޔާގެ އެލަވަންސެއް ވަނީ ދޭން ފަށާފައެވެ.