ޚަބަރު

އިނގިރޭސިވިލާތުގެ މުހިންމު އިންތިޚާބަކުން ސްޓާމަރއަށް ބޮޑު ނާކާމިޔާބީއެއް!


އިނގިރޭސިވިލާތުގެ ތިން ސަރަޙައްދެއްގައި ބޭއްވި މުހިންމު އިންތިޚާބުތަކެއްގައި ވެރިކަންކުރާ ލޭބަރ ޕާޓީއަށް ކުރިމަތިވި ބޮޑު ނާކާމިޔާބީއާއެކު، ބޮޑުވަޒީރު ކީރް ސްޓާމަރގެ އިސްވާރުކަމާމެދު ސުވާލު އުފެދިއްޖެއެވެ. މޭ 7 ގައި އިންތިޚާބުތައް ބާއްވާފައި ވަނީ އިންގްލެންޑް، ސްކޮޓްލެންޑް އަދި ވޭލްސްގައެވެ. އެއީ، އިންގްލެންޑްގެ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ އިތުރުން ސްކޮޓްލެންޑާއި ވޭލްސްގެ ޤައުމީ ފެންވަރު ޤާނޫނުހަދާ މަޖިލިސްތަކުގެ އިންތިޚާބެވެ.

މީގެ ތެރެއިން އިންގްލެންޑުގެ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ލޭބަރ ޕާޓީއަށް ވަނީ ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހިފައެވެ. މިއީ، ސްޓާމަރގެ ދެ އަހަރުވީ ސަރުކާރަށް ވެސް ކުރިމަތިވި ބޮޑު ނާކާމިޔާބީއެކެވެ. މި ނަތީޖާއަކީ، 2029 ވަނަ އަހަރު ބާއްވާ ޢާންމު އިންތިޚާބުގެ ކުރިން ސްޓާމަރއަށް ކުރިމަތިވި އެންމެ ބޮޑު އިމްތިޙާނުގެ ގޮތުގައި މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ސިފަކުރިއެވެ. މި ނަތީޖާތަކާ ގުޅިގެން ވާހަކަފުޅު ދައްކަވަމުން ސްޓާމަރ ވަނީ، އިނގިރޭސިވިލާތަށް "އިޞްލާޙީ ބަދަލުތަކެއް" ގެންނެވުމަށް ވެވަޑައިގަންނަވާފައިވާ ވަޢުދާ އެއްގޮތަށް، މަޤާމުގައި ދެމިހުންނަވައިގެން މަސައްކަތް ކުރައްވާނެ ކަމުގައި ވިދާޅުވެފައެވެ.

އިންގްލެންޑްގެ އިންތިޚާބުގައި އެންމެ ބޮޑު ކުރިއެރުމެއް ހޯދާފައި ވަނީ ނައިޖެލް ފަރާޖްގެ ރިފޯމް ޔޫކޭ ޕާޓީންނެވެ. އެ ޕާޓީން ވަނީ އިންގްލެންޑްގެ ކައުންސިލްތަކުން 367 ގޮނޑި ކާމިޔާބުކޮށްފައެވެ. އިންތިޚާބުގައި ލޭބަރ ޕާޓީއަށް 254 ގޮނޑި ގެއްލިފައިވާއިރު، ކޮންޒަރވެޓިވް ޕާޓީއަށް ވެސް ވަނީ 146 ދާއިރާއިން ނާކާމިޔާބީއާ ކުރިމަތިލާން ޖެހިފައެވެ. މިއީ، ފާއިތުވި ގަރުނެއްހާ ދުވަހުގެ ތެރޭގައި އިނގިރޭސިވިލާތުގެ ސިޔާސީ ނިޒާމަށް އައި އެންމެ ބޮޑު ބަދަލު ކަމުގައި މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ސިފަކުރިއެވެ. ކުރިން އޮތް ދެ ޕާޓީގެ ނިޒާމު ފުނޑުފުނޑުވެ، ގިނަ ޕާޓީތައް އެކުލެވޭ ޑިމޮކްރަސީއަކަށް އެ ޤައުމުގެ ސިޔާސީ މަސްރަޙު ބަދަލުވަމުންދާ ކަމުގައި ވެސް އެ ފަރާތްތަކުން ފާހަގަކުރިއެވެ.

ލޭބަރ ޕާޓީގެ މަޤުބޫލުކަން ދަށްވެފައި މި ވަނީ، ރަޝިޔާ-ޔޫކްރެއިން ހަނގުރާމައިގެ އިތުރުން އީރާނާ ދެކޮޅަށް އެމެރިކާއިން ފަށާފައިވާ ޣައިރުޤާނޫނީ ހަނގުރާމައާ ގުޅިގެން ކުރިމަތިވެފައިވާ އިޤުތިޞާދީ ދަތިތަކާއި ތަކެތީގެ އަގުބޮޑުވުމުގެ މައްސަލަ ޙައްލުކުރުމަށް ސްޓާމަރގެ ސަރުކާރު ނުކުޅެދިފައިވާތީ ކަމުގައި ބެލެވެއެވެ. ޖޯން ކަރޓިސް ފަދަ ތަޖުރިބާކާރުން ބުނީ، މިއީ ލޭބަރ ޕާޓީން އުންމީދު ކުރި މިންވަރަށްވުރެ މާ ބޮޑު ނާކާމިޔާބީއެއް ކަމުގައެވެ. އަދި، ޤައުމަށް ގެންނަން ބޭނުންވާ އިޞްލާޙީ ބަދަލުތައް ލަސްވުމަކީ ރައްޔިތުންގެ މެދުގައި އޮތް ބޮޑު ކަންބޮޑުވުމެއް ކަމުގައެވެ. ނަމަވެސް، ސްޓާމަރ ވިދާޅުވީ "ފަހަތަކަށް ޖެހިވަޑައިނުގަންނަވާނެ" ކަމަށާއި، އިޞްލާޙީ ބަދަލުތައް ގެނައުމުގައި ސަރުކާރުން އިތުރަށް މަސައްކަތް ކުރާނެ ކަމުގައެވެ.