މިދިޔަ މަހު ސީ-ޓު-އެއަރ ކާގޯ ޚިދުމަތް މެދުވެރިކޮށް 37 ޓަނުގެ މުދާ ރާއްޖެއިން ބޭރަށް ފޮނުވާފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ސީ-ޓު-އެއަރ ކާގޯގެ ޚިދުމަތަކީ، ކަނޑުމަގުން އަންނަ މުދާ، ޓްރާންސިޓުކޮށް ވައިގެ މަގުން ދުނިޔޭގެ އެހެން ޤައުމުތަކަށް ފޮނުވުމެވެ. މި ޚިދުމަތް ފަށާފައިވަނީ، 15 މެއި 2024 ގައެވެ.
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމްޕީއެލްއިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ އެޕްރީލް މަހު ރާއްޖެއިން 4 އެއާލައިނެއް މެދުވެރިކޮށް ދުނިޔޭގެ 5 ޤައުމަކަށް ވަނީ، މުދާ ފޮނުވާފައެވެ. އެއީ، މުޅި ޖުމްލަ 37 ޓަނުގެ ކާގޯއެވެ. މިއީ، ކޮންޓެއިނަރުގެ އަދަދަށް ބަލާނަމަ 8 ޓީއީޔޫސްއެވެ.
• އެމިރޭޓްސް
• އިއްތިހާދު އެއާވޭސް
• ލުފްތަންސާ
• ގަތަރު އެއާވޭސް
ސީ-ޓު-އެއަރ ކާގޯގެ ޚިދުމަތަށް މިހާރު 17 އަށްވުރެ ގިނަ އެއާލައިން ވަނީ ގުޅިފައެވެ. މި ޚިދުމަތް ފޯރުކޮށްދެމުން އަންނަނީ އެމްއޭސީއެލްއާއި، އެމްޕީއެލް ގުޅިގެންނެވެ.
ސީ-ޓު-އެއަރ ކާގޯ ޚިދުމަތަކީ، ދުނިޔޭގެ ވަރަށް ގިނަ ޤައުމުތަކުން ކުރަމުން އަންނަ އަދި މި މަސައްކަތުން އެޤައުމުތަކުގެ އިޤްތިޞާދަށް ބޮޑެތި މަންފާތަކެއް ލިބޭ މަސައްކަތެކެވެ. މީގެ އިތުރުން، ރާއްޖެއަކީ ބައިނަލްއަޤްވާމީ ގިނަ އެއާލައިންތަކަކުން ދަތުރު ކުރާ ޤައުމަކަށްވާއިރު، މި ޚިދުމަތް ފުޅާކުރުމުގައި ރާއްޖެއަށް ފުރުޞަތުތައް ގިނަކަމަށް ސަރުކާރުން ވިދާޅުވެއެވެ.