ޚަބަރު

"ޤައުމީ މުބާރާތުން ބަދަލު ފެންނާނެ، ހަގު އުމުރުފުރާތައް މުހިންމު"


  • ޤައުމީ މުބާރާތް އޮންނާނީ އޮކްޓޫބަރުގައި

  • މުބާރާތް ކުރިޔަށްދާނީ މެއި 6-11ގެ ނިޔަލަށް އެކުވެނީގައި

މިއަހަރު ބެޑްމިންޓަން ޤައުމީ މުބާރާތުން ބަދަލުތަކެއް ފެންނާނެ ކަމަށާއި، ހަގުއުމުރުފުރާގެ ކުރިއެރުމަށް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގައިވެސް ބަދަލުތަކެއް ގެނެސްފައިވާ ކަމަށް ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމް) ގެ ރައީސް އިޝްފާން މުހައްމަދު ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހުން ފެށިގެން މާލޭ ސްޕޯޓްސް ކޮމްޕްލެކްސްގައި ކުރިޔަށްދާ އެސޯސިއޭޝަން ޗެމްޕިއަންޝިޕުގައި ފާހަގަކުރެވޭ ބަދަލަކީ ޤައުމީ ލެވެލްގެ ސީނިއާ ކުޅުންތެރިންނާއިއެކު ވާދަކުރުމުގެ ފުރުސަތު ހަގު އުމުރުފުރާތަކަށް ދީފައިއޮތް އޮތުމެވެ.

ދެ އަހަރުގެ މެދުކެނޑުމަކަށްފަހު އެގޮތަށް ބަދަލުތަކެއް ގެނެސް އެސޯސިއޭޝަން ޗެމްޕިއަންޝިޕް ކުރިޔަށް ގެންދިއުމުގެ މަގްސަދާއި ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން އިޝްފާން ވިދާޅުވީ މިއަހަރުގެ ޤައުމީ މުބާރާތްވެސް ކުރިޔަށް ގެންދާނީ މިފަދަ ކަންކަމަށް ސަމާލުކަން ދީގެން ކަމަށެވެ.

"އެއީ މިއަންނަ އަހަރު އެބައޮތް އައިއޯއައިޖީ މުބާރާތް. އޭގެ އިތުރުން މި އުމުރުފުރާތަކުގެ ކުޅުންތެރިންނަށް ނެޝަނަލް ލެވެލްގެ އެންމެ ޓޮޕް ކުޅުންތެރިންނާއެކު މުބާރާތެއްގޮތަށް ވާދަކުރަން ލިބެނީ މަދު ފުރުސަތުތަކެއް އޮންނާތީވެ އަޅުގަނޑުމެން މި އިމްޕްލިމެންޓް ކުރީ" އިޝްފާން ވިދާޅުވިއެވެ.

ނޭޝަނަލް ބެޑްމިންޓަން ޓޯނަމަންޓް ނުވަތަ ގައުމީ މުބާރާތް އޮންނާނީ އޮކްޓޫބަރުގައެވެ. މިއަހަރު ރާއްޖޭގެ ތިން ސަރަހައްދެއްގައި ޖޫނިއަރ ބެޑްމިންޓަން ޗެމްޕިއަންޝިޕްވެސް ބާއްވާނެއެވެ. މި މުބާރާތްތަކުގައި ވީހާވެސް ގިނަ ކުދިންނަށް ފުރުސަތު ދިނުމާއި މުޅި ރާއްޖެއިން ފާހަގަކޮށްލެވޭ ކުޅުންތެރިން ހިމެނޭހެން ބައިނަލްއަގްވާމީ މުބާރާތްތަކަށް ކުޅުންތެރިން ފޮނުވުމަކީ އެސޯސިއޭޝަނުން ވަރަަށް ބޮޑަށް އިސްކަންދޭ ކަމެކެވެ.

ރާއްޖޭން މިއަހަރު ބައިވެރިވާ ބައިނަލްއަގްވާމީ މުބާރާތްތަކުގެ ތެރެއިން، ޖޫން 26 ން ޖުލައި 5 ގެ ނިޔަލަށް ޖަޕާނުގެ ޔަޓުޝިރޯގައި ބާއްވާ ބެޑްމިންޓަން އޭޝިއާ ޖޫނިއާ ޗެމްޕިއަންޝިޕް 2026 ހިމެނެއެވެ. އެހެންކަމުން އެސޯސިއޭޝަން ޗެމްޕިއަންޝިޕާއި ގައުމީ މުބާރާތަކީ ޖޫނިއާ ކުޅުންތެރިން ބައިނަލްއަގްވާމީ މުބާރާތްތަކަށް ތައްޔާރުވުމަށް ލިބޭ މުހިންމު ދެ މުބާރާތަށްވާނެއެވެ.

މިހާރު ކުރިޔަށްދާ އެސޯސިއޭޝަން ޗެމްޕިއަންޝިޕްގައި ބައެއް ކެޓަގަރީތަކުގެ ފައިނަލް މެޗުތައްވެސް މިހާރު ވަނީ ނިމިފައެވެ. ޖޫނިއާ ކުޅުންތެރިންގެ ފަރާތުން ބޮޑެތި ކުރިއެރުންތަކެއް ފެނުނު މި މުބާރާތުގައި މިއަހަރު، ސުކޫލުތަކުގެ ޓެސްޓް ދުވަސްވަރާއި ދިމާވުމުން އުންމީދު ކުރިވަރަށް ކުޅުންތެރިން ބައިވެރިނުވާ ކަމަށް ބީއޭއެމްގެ ރައީސް ފާހަގަ ކުރެއްވިއެވެ.

އެހެންނަމަވެސް އޭދަފުށި، ނައިފަރު އަދި އައްޑޫ ސިޓީގެ އެކަޑަމީތަކާއި އެހެނިހެން ރަށްރަށުންނާއި މާލޭގެ އެކަޑަމީތަކުން މި މުބާރާތުގައި ވާދަކުރެއެވެ.

މި މުބާރާތުގެ ކުޅުން ކުރިޔަށްދާނީ މެއި 6-12 އަށް މާލޭ ސްޕޯޓްސް ކޮމްޕްލެކްސްގައި ހުންނަ ބެޑްމިންޓަން ހޯލުގައެވެ. މި މުބާރާތުގައި ހުރިހާ އުމުރުފުރާތަކުގެ ސިންގަލް އިވެންޓުތަކާއި ޑަބަލް އަދި ޓީމު އިވެންޓުތައް ކުރިޔަށް ގެންދާނެއެވެ.