ޚަބަރު

"ކުޑަކުދިންނަށް ހަޤީޤީ ލޯބިދިނުމަކީ ދީނާއި ދުނިޔެ އުނގަންނައިދިނުން"


  • ޒިންމާދާރު ބައެއްގެ ގޮތުގައި މާދަމާ އުޅެވޭނެ ޤާބިލުކަން ކުޑަކުދިންނަށް ހޯދައިދޭންވާނެ

  • އެއްވެސް ކުއްޖެއްގެ މައުސޫމް ދިރިއުޅުމަށް ބުރޫއަރާނެ ބަހަކަށް އަދި ޢަމަލަކަށް ޖާގަ ދީގެން ނުވާނެ

ކުޑަކުދިންނަށް ހަޤީޤީ ލޯބިދިނުމަކީ، އެކުދިންނަށް ދީނާއި ދުނިޔެ އުނގަންނައިދިނުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ކުޑަކުދިންގެ ދުވަހާ ގުޅުވައިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ. އެމަނިކުފާނުވަނީ ދުވަހުގެ ތަހުނިޔާ ހުރިހާ ކުޑަކުދިންނާއި އާއިލާތަކަށް އަރިސްކުރައްވާފައެވެ.

ދިވެހިރާއްޖޭގެ ކުޑަކުދިންގެ ދުވަހުގެ ތަހުނިޔާ ފޮނުއްވައި ކުރެއްވި ޕޯސްޓުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ހެދިބޮޑުވަމުން އަންނަ ވަރަކަށް، އުމުރާގުޅޭ ތަޢުލީމާއި ތަރުބިއްޔަތު ކުޑަކުދިންނަށް ދިނުމަކީ ސަރުކާރާއި ރައްޔިތުން ގުޅިގެން އަދާކުރަން ޖެހޭ ޤައުމީ ޒިންމާއެއް ކަމަށެވެ. އެގޮތުން، ކުޑަކުދިންނަށް ހަޤީޤީ ލޯބިދިނުމަކީ، އެކުދިންނަށް ދީނާއި ދުނިޔެ އުނގަންނައިދިނުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.


މީގެ އިތުރުން ޒިންމާދާރު ބަޔެއްގެ ގޮތުގައި މާދަމާ އުޅެވޭނެ ޤާބިލުކަން ކުޑަކުދިންނަށް ހޯދައިދިނުމާއި އެއްވެސް ކުޑަކުއްޖެއްގެ މައުސޫމް ދިރިއުޅުމަށް ބުރޫއަރާނެ ބަހަކަށް އަދި ޢަމަލަކަށްވެސް ޖާގަ ނުދިނުމަކީ އެކުދިންނަށް ޙަޤީޤީ ލޯބިދިނުން ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރާއްޖޭގައި ޤައުމީ ފެންވަރުގައި ކުޑަކުދިންގެ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެ މޭ 10ގައެވެ.