ޚަބަރު

މާސްޓަރސް އެތުލެޓިކްސް މޯލްޑިވްސްގެ ޝުކުރު ކުޅިވަރު ވުޒާރާއަށް


  • އަންހެން އަދި ފިރިހެން ޑިވިޝަނުގެވެސް ޗެމްޕިއަންކަން ހޯދީ އައިލެންޑް ރަނަރސް މޯލްޑިވްސް

  • ހުރިހާ ފަރާތްތަކުންވެސް ލިބިފައިވަނީ ވަރަށް ފުރިހަމަ ތަރުހީބެއް

  • އުންމީދަކީ އަންނަ އަހަރުގެ މުބާރާތް އިތުރަށް ފުރިހަމަވުން

މިމަހުގެ 7 ވަނަ ދުވަހުން ފެށިގެން ތިން ދުވަހުގެ މުއްދަތަށް ކުރިއަށްދިޔަ މާސްޓަރސް އެތުލެޓިކްސް ޗެމްޕިއަންޝިޕްގެ ހުރިހާ ކަމެއްވެސް ގޮސްފައިވަނީ އެންމެ ފުރިހަމައަށް ކަމަށް ވިދާޅުވެ، މިކަމުގައި ޒުވާނުން ބާރުވެރިކުރުމާއި ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވުޒާރާގެ އިތުރުން މުބާރާތުގެ ސްޕޮންސަރގެ ފަރާތުން ލިބުނު އެއްބާރުލުމަށް، މާސްޓަރސް އެތުލެޓިކްސް މޯލްޑިވްސްއިން ޝުކުރުއަދާކޮށްފިއެވެ.

މުބާރާތް ކާމިޔާބުކަމާއެކު ނިންމާލުމަށްފަހު "ޕީއެސްއެމް ނިއުސް" އާއި ވާހަކަ ދައްކަވަމުން މާސްޓަރސް އެތުލެޓިކްސް މޯލްޑިވްސްގެ ނައިބުރައީސް މުޙައްމަދު ޢާމިރު ވިދާޅުވީ، މިދިޔަ އަހަރާ އަޅާބަލާއިރު މިއަހަރުގެ މުބާރާތް ގޮސްފައިވަނީ ފުދޭވަރަކަށް ރަނގަޅަށް ކަމަށާއި، ޓީމުތަކުގެ ފަރާތުން މުބާރާތަށް ލިބުނު ތަރުހީބުގެ އިތުރުން މުބާރާތުގައި ގިނަ ރިކޯޑުތަކެއް އާވެގެން ދިއަކަމަށެވެ.

"މުބާރާތް ދިޔައީ ވަރަށް ރަނގަޅަށް. ދެން މިދިޔަ އަހަރާ އަޅާބަލާއިރު މިއަހަރު މުބާރާތް ފުދޭވަރަކަށް ރަނގަޅަށް ދިޔައީ. އަނެއްކާ ގިނަ ޓީމުތަކެއްވެސް ބައިވެރިވެގެންދިޔަ. ދެން މުބާރާތުގެ ރެކޯޑުތަކަށް ބަލާއިރު މިދިޔަ އަހަރާ ބަލާއިރު މިއަހަރު ގާތްގަނޑަކަށް 45 ނީޗް ރެކޯޑު އާވެގެންދިޔައީ. އޭގެ މާނައަކީ މުބާރާތް ވަރަށް ރަނގަޅަށޭ މިދަނީ. ދެން އަނެއްކާ އެތުލީޓުންވެސް ވަރަށް ރަނގަޅަށް ތައްޔާރުވެފަ ހުރީ." ޢާމިރު ވިދާޅުވިއެވެ.

މިއަހަރު މުބާރާތުގައި ބައިވެރިވެފައިވާ ލޯކަލް ޓީމުތަކުގެ އިތުރުން ރާއްޖޭން ބޭރުގެ ޓީމުތަކާއި، ޓީމުތަކުން ބައިވެރިވި އެތުލީޓުންގެ އަދަދުވެސް އިތުރުވެފައިވާކަން ޢާމިރު ވަނީ އުފަލާއެކު ފާހަގަކުރައްވާފައެވެ. އަދި އަންނަ އަހަރުގެ މުބާރާތް، މިއަށްވުރެވެސް ފުރިހަމަވާނެ ކަމަށް އުންމީދުކުރައްވާކަމަށް ޢާމިރު ވިދާޅުވިއެވެ.

މީގެ އިތުރުން، ޢާމިރު ވަނީ މުބާރާތް ކުރިއަށް ގެންދިއުމުގައި ވުޒާރާގެ އިތުރުން މުބާރާތުގެ ސްޕޮންސަރގެ ފަރާތުން ލިބިފައިވާ އެހީތެރިކަން ފާހަގަކުރައްވާ، ޝުކުރު އަދާކުރައްވާފައެވެ. އަދި، މުބާރާތުގައި ބައިވެރިވި ޓީމުތަކުގެ ފަރާތުންވެސް މުބާރާތަށް ފުރިހަމަ އެއްބާރުލުން ލިބުނުކަން ޢާމިރު ފާހަގަކުރެއްވިއެވެ.

"ދެން އަނެއްކާ މުބާރާތުގައި މިނިސްޓްރީގެ ފަރާތުން ވަރަށް ބޮޑު އެހީތެރިކަން ދިން. ސްޕޮންސަރގެ ފަރާތުންވެސް ފުދޭވަރަކަށް ރަނގަޅަށް ކަންތައް ދިޔައީ. ދެން ޓީމުތައް، ބައިވެރިވި ޓީމުތަކުގެ އެއްބާރުލުންވެސް ފުދޭވަރަކަށް ރަނގަޅަށް ދިޔައީ. އެވްރެޖްކޮށް ބުނާނަމަ މުބާރާތުގެ ހުރިހާ ކަމެއްވެސް ދިޔައީ އެންމެ ރަނގަޅަށޭ ބުނެވޭނީ." ޢާމިރު ވިދާޅުވިއެވެ.

ޖުމްލަ 97 މެޑަލްއާއެކު މުބާރާތުގެ އަންހެން އަދި ފިރިހެން ޑިވިޝަނުގެވެސް ޗެމްޕިއަންކަން ހޯދާފައިވަނީ އައިލެންޑް ރަނަރސް މޯލްޑިވްސްއިންނެވެ. މިއީ އެޓީމުން މުބާރާތުގެ ދެ ޑިވިޝަނުގެވެސް ޗެމްޕިއަންކަން ހޯދި ދެވަނަ އަހަރެވެ.