ޚަބަރު

އޭވީސީ މުބާރާތެއްގެ ޓެކްނިކަލް ޓީމުގައި 3 ދިވެހިން


  • ތުރުކުމެނިސްތާނުގައި ބޭއްވި 18 އަހަރުން ދަށުގެ އޭޝިއަން ބީޗް ވޮލީބޯލް ޗެމްޕިއަންޝިޕް

  • މިއީ ރާއްޖޭގެ އޮފިޝަލުން އޭވީސީ މުބާރާތެއްގެ ޓެކްނިކަލް ޓީމުގައި ހިމެނުނު ފުރަތަމަ ފަހަރު

  • ޓެކްނިކަލް ޑެލިގޭޝަނުގައި ހިމެނުނީ ހުސެއިން މުހައްމަދު، އިސްމާއިލް އަބްދުالله އަދި ޑރ. އަހުމަދު ޝަކީބް

އޭޝިއަން ވޮލީބޯލް ކޮންފެޑެރޭޝަން (އޭވީސީ) އިން ތުރުކުމެނިސްތާނުގައި ބޭއްވި 18 އަހަރުން ދަށުގެ އޭޝިއަން ބީޗް ވޮލީބޯލް ޗެމްޕިއަންޝިޕްގެ ޓެކްނިކަލް ޓީމުގައި މަސައްކަތް ކުރުމުގެ ޝަރަފު ރާއްޖޭގެ 3 އޮފިޝަލުން ހޯދައިފިއެވެ.

މިއީ ރާއްޖޭގެ އޮފިޝަލުންނަށް މިފަދަ އޭވީސީގެ ޝަރަފުވެރި މުބާރާތެއްގެ ޓެކްނިކަލް ޓީމުގައި ހިމެނުނު ފުރަތަމަ ފަހަރެވެ.

ތުރުކުމެނިސްތާނުގައި މެއި 6 -10 އަށް ބޭއްވި މި މުބާރާތުގެ ޓެކްނިކަލް ޑެލިގޭޝަނުގައި ހިމެނުނު ތިން އޮފިޝަލުންނަކީ، ޓެކްނިކަލް ޑެލިގޭޓް، ރެފްރީ ހުސެއިން މުހައްމަދު، މުބާރާތުގެ ނިއުޓްރަލް ރެފްރީންގެ ޓީމުގައި ހިމެނުނު ރާއްޖޭގެ އިސްމާއިލް އަބްދުالله އަދި މެޑިކަލް ޑެލިގޭޓުގައި ޑރ. އަހުމަދު ޝަކީބެވެ.

އިންޓަނޭޝަނަލް ރެފްރީ ހުސެއިންއަކީ ބައިނަލްއަގްވާމީ ބީޗް ވޮލީ މުބާރާތްތަކުގެ އަމަލީ ތަޖުރިބާ ބޮޑު ރެފްރީއެކެވެ. އަދި ރެފްރީ އިސްމާއިލް ވަނީ މިދިޔަ އަހަރު ބޭއްވި އޭޝިއަން ގޭމްސްގައި މަސައްކަތްކޮށްފައެވެ. ޑރ. ޝަކީބަކީ ގިންދުވަސްތަކެއް ވަންދެން ޤައުމީ ފުޓުބޯޅަ ޓީމުގެ މެޑިކަލް ޓީމުގައި އިސްދައުރެއް އަދާކުރި ސްޕޯޓްސް މެޑިސިންގެ ތަޖުރިބާކާރެކެވެ.

ވޮލީބޯލް އެސޯސިއޭޝަނުން ބުނީ މިއީ ރާއްޖެއަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށާއި ވޮލީގައި ހާސިލުކުރެވުނު ތާރީހީ ކަމެއް ކަމެެވެ.

ރާއްޖޭގެ ބީޗް ވޮލީބޯޅަ އާއި އޭޝިއާ ސަރައްދުގެ ވޮލީބޯޅައިގައި މިފަދަ ތަޖުރިބާތައް ރާއްޖޭގެ އޮފިޝަލުންނަށް ލިބުމަކީ ރާއްޖޭގެ ވޮލީބޯޅައިގެ ކުރިއެރުމަށް ލިބޭ މުހިންމު ތަޖްރިބާތަކަކަށް ވާނެ ކަމަށް ވީއޭއެމް އިން ދެކެއެވެ.

އޭވީސީ 18 އަހަރުން ދަށުގެ އޭޝިއަން ބީޗް ވޮލީބޯލް ޗެމްޕިއަންޝިޕްގައި ފިރިހެން ކެޓަގަރީގައި 25 އަދި އަންހެން ކެޓަގަރީގައި 23 ޓީމު ވާދަކުރިއެވެ.