އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ވެސްޓްހޭމް ޔުނައިޓެޑާއި ދެކޮޅަށް އާސެނަލް ކުޅުނު މެޗު 1-0 ގެ ނަތީޖާއަކުން އާސެނަލް ކާމިޔާބުކޮށްފި އެވެ.
މި މެޗުން އާސެނަލް މޮޅުވުމާއިއެކު އެ ޓީމަށް ވަނީ 36 މެޗުން ޖުމްލަ 79 ޕޮއިންޓް ލިބިފަ އެވެ. ދެވަނައިގައި އޮތް މެންޗެސްޓަރ ސިޓީ އަށް އެއް މެޗު މަދުން ކުޅެގެން ލިބިފައިވަނީ 74 ޕޮއިންޓެވެ. އެހެންކަމުން ކުރިއަށް އޮތް ދެ މެޗުން މޮޅުވެގެން އާސެނަލް އަށް ލީގު ޗެމްޕިއަންކަން ލިބޭނެ އެވެ.
އަނެއްކޮޅުން މި މެޗުން ބަލިވުމާއިއެކު ވެސްޓްހޭމް ޔުނައިޓެޑަށް ވަނީ ރެލިގޭޝަނުގެ ބިރު ބޮޑުވެފަ އެވެ. އެ ޓީމަށް 36 މެޗުން ލިބިފައިވާ 36 ޕޮއިންޓާއެކު އޮތީ ރެލިގޭޝަން ޒޯނުގައި ތާވަލުގެ 18 ވަނައިގަ އެވެ.
ވެސްޓްހޭމްގެ ލަންޑަން ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ދެ ޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެންގޮސްފައިވާއިރު މި މެޗުގައި ދެ ޓީމަށް ވެސް ވަނީ ލަނޑު ޖަހާނެ ރަގަޅު ފުރުސަތުތަކެއް ލިބިފަ އެވެ.
މެޗުގެ ފުރަތަމަ ހާފުގެ 24 ވަނަ މިނިޓުގައި އާސެނަލްގެ ބެން ވައިޓަށް ލިބުނު އަނިޔާއެއްގެ ސަބަބުން އޭނާގެ ބަދަލުގައި ކޯޗު މިކޭލް އާޓޭޓާ ވަނީ މާޓިން ޒުބިމެންޑީ ކުޅެން އަރުވާފަ އެވެ.
ވެސްޓްހޭމް ޔުނައިޓެޑަށްވެސް ލަނޑު ޖަހަން ރަގަޅު ފުރުސަތުތަކެއް ލިބިފައިވާ މި މެޗުގައި އެ ޓީމުގެ ޓެޓީ ކަސްޓެޔަނޯސް އާއި މަތެއަސް ފެނާންޑޭޒް ފޮނުވާލި ނުރައްކާތެރި ދެ ހަމަލާ އާސެނަލްގެ ގޯލުކީޕަރު ޑޭވިޑް ރާޔާ ވަނީ މަތަކޮށްފަ އެވެ.
އާސެނަލް އިން މި މެޗުގައި ލަނޑު ޖަހާ ކުރި ހޯދާފައިވަނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހަތް މިނިޓަށް ވެފައިވަނިކޮށް މާޓިން އޮޑެގާޑް ދިން ޕާހަކުން ލިއަންދްރޯ ޓްރޮސާޑް ޖެހި ގޯލުންނެވެ.
ނަމަވެސްގެ މެޗުގެ އިންޖަރީ ވަގުތުގައި ވެސްޓްހޭމް އަށް ލިބުނު ކޯނަރަކުން ކަލަމް ވިލްސަން ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކުރި ނަމަވެސް ވީޑިއޯ ބެލުމަށްފަހު ރެފްރީ ވަނީ އެއީ ލަނޑެއް ނޫން ކަމަށް ނިންމާފަ އެވެ.
ޕްރިމިއާ ލީގުގެ ތާޜީޚުގައި ވީޑިއޯ ބެލުމަށް މިހާތަނަށް އެންމެ ގިނަ ވަގުތު ކަމުގައިވާ ހަތަރު މިނިޓާއި 11 ސިކުންތު ހޭދަވެފައިވާ މި ވަގުތުގައި ރެފްރީ ވަނީ ވެސްޓްހޭމްގެ ޕަބްލޯ އާސެނަލްގެ ގޯލުކީޕަރު ޑޭވިޑް ރާޔާއަށް ފައުލް ކޮށްފައިވާކަމަށް ނިންމާފަ އެވެ.