ކުޅިވަރު

ފީފާއިން ޑެބިއު ބެޖް ތަޢާރަފްކޮށްފި


  • މިއީ އަލަށް ވޯލްޑް ކަޕުގައި ކުޅޭ ކުޅުންތެރިންނަށް ބޭނުންކުރެވޭ ބެޖެއް

މި ފަހަރުގެ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތަށް ޑެބިއު ޕެޗް ފީފާއިން ތައާރަފް ކޮށްފި އެވެ.

ޑެބިއު ޕެޗަކީ ވޯލްޑް ކަޕުގައި އަލަށް ކުޅޭ ކުޅުންތެރިޔާ އޭނާގެ ފުރަތަމަ މެޗުގައި ނުވަތަ މުބާރާތުގައި ކުޅޭއިރު ޖާޒީގައި ޖަހާ ކުޑަ ސްޓިކާ އެވެ. މިކަމަކީ އެމެރިކާގެ ބައެއް މުބާރާތްތަކުގައި މިހާތަނަށް ކުރަމުން އައި ކަމެކެވެ. ހާއްސަކޮށް އެމެރިކާގެ އެންބީއޭ އާއި މޭޖަ ސޮކާ ލީގުގަ އެވެ.

މި ފަހަރުގެ ވޯލްޑް ކަޕުގައި މި ސްޓިކާ ޖަހައިގެން ކުޅޭނެ ކުޅުންތެރިންގެ ތެރޭގައި ސްޕޭނުގެ ލަމީން ޔަމާލާއި ނޯވޭގެ ފޯވަޑް އާލިން ހާލަންޑް އާއި މިޝޭލް އޮލީސޭ ހިމެނެ އެވެ.

މިއީ ވިޔަފާރި ކުންފުންޏެއް ކަމަށްވާ ފެނާޓިސް އާއި ފީފާއާ ދެމެދު ކުރެވިފައިވާ އެގްރީމަންޓްގެ ދަށުން ހިންގާ ހަރަކާތެކެވެ. ޕެނާޓިސް އަކީ ފީފާ ވޯލްޑް ކަޕްގެ ސްޓިކާ ޕާޓްނަރެއް ކަމަށްވާ ޕަނީނީ ސްޓިކާގެ ބަދަލުގައި 2031 ވަނަ އަހަރުން ފެށިގެން އެދައުރު އަދާ ކުރަން ހޮވާފައިވާ ކުންފުންޏެވެ. ޕެނާޓިސް އާއި ފީފާއާ ދެމެދު ކުރެވިފައިވާ އެގްރީމަންޓްގެ ދަށުން ސްޓިކާ އާއި ކުޅުންތެރިންގެ ފޮޓޯ ޖެހި ވިޔަފާރި ކާޑު ވެސް ތައްޔާރު ކުރާނެ އެވެ.

ފީފާގެ އޮފިޝަލަކު ބުނީ ޑެބިއު ޕެޗަކީ އަލަށް މުބާރާތުގައި ކުޅުންތެރިންނަށް ހާއްސަ ސަމާލުކަމެއް ދިނުމަށާއި އެކަން ރަނަގޅު ގޮތުގައި ފާހަގަކޮށް ތާރީހަށް ފަހުން ރައްކާކުރުމަށް ހިންގާ ހަރަކާތެއް ކަމަށެވެ.

ފީފާއިން ގެންދަނީ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ އާމްދަނީ އިތުރު ކުރުމަށް މިފަދަ އެތައް ކަމެއް ތައާރަފް ކުރަމުންނެވެ.