އަންނަ އަހަރު ދިވެހި ލީގުގައި ކުޅޭނެ ޓީމެއް ކަނޑައެޅުމަށް، ރާއްޖެ ހަތަރު ރީޖަނަކަށް ބަހާލައިގެން ކުރިއަށްގެންދާ ލީގުތަކުގައި، ނޯތު އަދި ސައުތު ލީގުގައި ވަނީ ވަރަށް ވާދަވެރި މެޗުތަކެއް ކުޅެފައެވެ.
ނޯތު ލީގުގައި ހއ.ދިއްދޫ އާއި ނ. މަނަދޫ ބައްދަލުކުރި މެޗު، 0-2 ގެ ނަތީޖާއިން ކާމިޔާބުކުރީ ދިއްދޫއެވެ. އަދި ސައުތު ލީގުގައި ލ.ގަމާއި ލ.ކުނަހަންދޫ ބައްދަލުކުރި މެޗު، 1-2 ގެ ނަތީޖާއިން ކާމިޔާބުކުރީ ލ.ގަމެވެ.
ދިއްދޫގެ ފުރަތަމަ ގޯލު ކާމިޔާބުކޮށްފައިވަނީ މެޗުގެ 20 ވަނަ މިނެޓުގައެވެ. މިހާ ހަމައަށް، ދެޓީމުގެ ފަރާތުންވެސް ވަރަށް ވާދަވެރިކުޅުމެއް ފެނި، ގޯލު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބުނެވެ. ފުރަތަމަ ހާފުގައި އިތުރު ގޯލެއް ފެނިފައި ނުވިނަމަވެސް، ދެޓީމުންވެސް ގޯލުޖެހުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވެއެވެ. ދިއްދޫގެ ދެވަނަ ގޯލު ފެނިގެންދިޔައީ، މެޗުގެ 90 މިނެޓުގެ ކުޅުން ހަމަވެގެން ދެއްކި އިތުރުވަގުތުގައެވެ.
މި ނަތީޖާއާއެކު، ދިއްދޫއަށް ތިން މެޗުން 6 ޕޮއިންޓު ލިބިފައިވާއިރު، މަނަދޫއަށް ލިބިފައިވަނީ 3 ޕޮއިންޓެވެ.
ސައުތު ލީގު މެޗުގައި، ލ.ގަމުން ލީޑު ނަގާފައިވަނީ 27 ވަނަ މިނެޓުގައެވެ. ނަމަވެސް، މެޗު ފެށުނު ހިސާބުންވެސް އެޓީމުން ދިޔައީ ކުނަހަންދޫ ގޯލަށް ނުރައްކާކުރަމުންނެވެ. ގަމުގެ ދެވަނަ ގޯލު، އަދި ކުނަހަންދޫއަށް މިމެޗުގައި ކާމިޔާބުކުރެވުނު ހަމައެކަނި ގޯލު ފެނިގެންދިޔައީ، މެޗުގެ އެންމެ ފަހުވަގުތުގައެވެ.
ސައުތު ލީގުގައި ލ.ގަން ކުޅުނު ފުރަތަމަ މެޗު ނިމުނީ ފޭދޫއާ ބައްދަލުކޮށް، ގޯލެއް ނުޖެހި އެއްވަރުވެގެންނެވެ. ކުނަހަންދޫގެ ފުރަތަމަ މެޗުގައި ގައްދޫއާ ވާދަކޮށް ވަނީ 1-4 ގެ ނަތީޖާއިން ބަލިވެފައެވެ.