ޚަބަރު

ޖޫނިއާ ގައުމީ ޓީ20 މުބާރާތުގެ ދެވަނަ މެޗު މަދޮށްޓަށް


  • މަދޮށިން މެޗު ކާމިޔާބުކުރީ ހެލެނބެއްޔާ ވާދަކޮށް 56 ލަނޑުން

  • މިމުބާރާތުގައި ވާދަކުރަނީ ހެލެނބެލި، ފުނަ، މަދޮށި އަދި ކާނި ޓީމް

ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް)ގެ ދަށުން ހިންގަމުން އަންނަ ކްރިކެޓް އެކަޑަމީ އޮފް މޯލްޑިވްސް އިން ކުރިއަށްގެންދާ ނެޝަނަލް ޖޫނިއާ ޓީ20 ޗެންޕިއަންޝިޕްގެ ދެވަނަ މެޗު ޓީމު މަދޮށިން ކާމިޔާބުކޮށްފިއެވެ.

މިމެޗު މަދޮށިން ކާމިޔާބުކުރީ ހެލެނބެއްޔާ ވާދަކޮށް 56 ލަނޑުން ކުރި ހޯދައިގެންނެވެ.

މާފަންނު ކުޅިވަރު އެކުވެނީގެ އެއް ނަންބަރު ކޯޓުގައި ކުރިއަށްދާ މިމުބާރާތުގެ އިއްޔެގެ މެޗުގައި ގުރު ދިމާވެގެން ހެލެނބެލިން ގަސްދުކުރީ އުކާށެވެ. އެހެންކަމުން މަދޮށިން ކުޅެން އަރާ 20 އޯވަރުތެރޭގައި 6 ކުޅުންތެރިން ނުބައިވެގެން ހެދުނީ 120 ލަނޑެވެ. މިމެޗުގައި އެޓީމުން އެންމެ ރަނގަޅަށް ކުޅުނީ 22 ލަނޑަށް 3 ވިކެޓް ނެގި މުހަންމަދު މިހްސާންއެވެ.

ޖަވާބުގައި ހެލެނބެލިން ކުޅެން އަރާ 11.1 އޯވަރުގެ ތެރޭގައި 6 ކުޅުންތެރިން ނުބައިވެގެން ހެދިފައިވަނީ 64 ލަނޑެވެ. މިމެޗުގަ އެޓީމުން އެންމެ ރަނގަޅަށް ކުޅެފައިވަނީ 20 ބޯޅައިން 19 ލަނޑު ހެދި ޑޭވާ ޖޮއެލް ސްވިކްއެވެ. މިމެޗުގައި ހެލެނބެލިން 5 ވިކެޓް ނަގާފައިވާއިރު، ވިކެޓްތައް ނެގި ކުޅުންތެރިންނަކީ އަހްމަދު ޔޫއާން އިސްހާގް، ލޫޠް ބިން މުހަންމަދު، އަހްމދު އަރުޝް، ޔޫސުފް ޖަހްދާން ޖަމީލް އަދި ނިހާލް މުހަންމަދުއެވެ.

ގައުމީ ޖޫނިއާ ޓީ 20 މުބާރާތުގެ އިއްޔެގެ މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ މަދޮށި ޓީމަށް 31 ލަނޑު ހަމަކޮށްދީ ވިކެޓެއް ނަގައިދިން އެޓީމުގެ ކެޕްޓަން އަހްމަދު އަރުޝްއެވެ.
16 އަހަރުންދަށުގެ އުމުރުފުރާއަށް ޚާއްސަކޮށްގެން ކުރިއަށްގެންދާ ގައުމީ ޖޫނިއާ ޓީ 20 ޗެންޕިއަންޝިޕުގެ ތިންވަނަ މެޗުގައި މިއަދު ވާދަކުރާނީ ފުނަ އަދި މަދޮށްޓެވެ. މިމެޗުގެ ކުޅުން ކުރިއަށްދާނީ މެންދުރުފަހު 01:30 އިން 05:00 އަށް މާފަންނު ކުޅިވަރު އެކުވެނީގައެވެ.

މިމުބާރާތުގައި ވާދަކުރަނީ ޖުމްލަ 4 ޓީމުންނެވެ. އެއީ ހެލެނބެލި، ފުނަ، މަދޮށި އަދި ކާނި ޓީމެވެ.

ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ވާދަކުރާގޮތަށް ކުރިއަށްގެންދާ މިމުބާރާތުގެ ސެމީ ފައިނަލުގެ މެޗުތައް ތާވަލުކޮށްފަވަނީ މިމަހުގެ 16 އަދި 17 އަށެވެ. 18 ވަނަ ދުވަހު ތިންވަނަ ހޮވާ މެޗު ކުޅުމަށް ހަމަޖެހިފައިވާއިރު ފައިނަލު މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އޭގެ އެއް ދުވަސް ފަހުން މިމަހުގެ 20 ވަނަ ދުވަހުއެވެ.