އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން ޙައްޖުވެރިންނަަށް ޙައްޖާއި ގުޅޭ މުހިއްމު ފޮތްތަކެއް ހިލޭ ބަހަން ފަށައިފިއެވެ.
އެގޮތުން މިއަދު އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލާމުގައި ކުރިއަށްދިޔަ ޙައްޖުވެރިންގެ ފުރަތަމަ ތަމްރީން ބައްދަލުވުމުގެ ތެރެއިން، ވުޒާރާއިން ވަނީ ފޮތް ހަދިޔާކޮށްފައެވެ. މީގެ ތެރޭގައި މި ފަހުން ތަރުޖަމާކޮށް ނިންމާފައިވާ ކީރިތި ޤުރުއާނާއި ސުންނަތުގެ އަލީގައި ޙައްޖާއި ޢުމްރާގެ އަޅުކަން 'އަދާކުރާނެ ގޮތާއި، އަލްމަސްޖިދުއްނަބަވީއަށް ޒިޔާރަތް ކުރުން' މި ފޮތް ހިމެނެއެވެ.
މި ފޮތް ތަރުޖަމާކޮށްދެއްވީ އައްޝައިޚް ޢަބްދުލްޤާދިރު މުޙައްމަދުއެވެ. އަދި މުރާޖަޢާކޮށްދެއްވީ އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުއެވެ. މިއަހަރުން ފެށިގެން މި ފޮތާއި، ޙައްޖާއި ޢުމްރާއާއި ގުޅޭ އެކި ފޮތްތައް، ރާއްޖެއިން ފުރާ އެންމެހާ ޙައްޖުވެރިންނަށް ފޯރުކޮށްދިނުމަށް ވުޒާރާއިން ވަނީ ނިންމާފައެވެ.