ޚަބަރު

"ވަކި ފަންނަކަށް ނިސްބަތްވީތީ ޤާނޫނީ ފިޔަވަޅުތަކުން އިސްތިސްނާއެއް ނުވާނެ"


  • ޤާނޫނަކާ ޚިލާފު ނުވާހާ ހިނދަކު އެއްވެސް ފަރާތަކަށް ފިޔަވަޅު ނާޅާނެކަމަށް ވިދާޅުވި

  • ޤާނޫނީ ބާރުތައް ހަނިވާގޮތަށް މިސަރުކާރުން އަމަލު ނުކުރާނެކަމަށް ވިދާޅުވި

ވަކި ފަންނަކަށް ނިސްބަތްވާތީ، ޤާނޫނާ ޚިލާފުވެގެން އަޅާ ފިޔަވަޅުތަކުން ވަކި ބަޔަކު އިސްތިސްނާ ކުރުމަކީ، ސަރުކާރުގެ ސިޔާސަތެއް ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، "ޕްރެސަރ ވިތު ދަ ސްޕޮކްސް"ގެ ނަމުގައި ސިލްސިލާކޮށް ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމުގެ ހަތަރުވަނަ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިއަދުގެ ބައްދަލުވުމުގައި ތަރުޖަމާނު ވަނީ، 10 މެއި 2026ގައި ކްރިމިނަލް ކޯޓުން ނެރުއްވި އަމުރަކާ ގުޅިގެން ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބު ދެއްވާފައެވެ. އެ އަމުރަކީ ޝަރީއަތުގައި ހިނގަމުންދާ މައްސަލައެއްގައި ވަކި ގޮތަކަށް އަމަލު ނުކުރުމަށް އަންގައި ނެރުއްވާފައިވާ އަމުރެކެވެ. މިކަމާ ގުޅިގެން ތަރުޖަމާނު ވިދާޅުވީ، ޤާނޫނަކާ ޚިލާފު ނުވާހާ ހިނދަކު އެއްވެސް މުއައްސަސާއަކުން އެއްވެސް ފަރާތަކާ ދެކޮޅަށް ފިޔަވަޅު ނާޅާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.

ތަރުޖަމާނު ފާހަގަކުރެއްވި ގޮތުގައި، ހުރިހާ ފަންނެއްގެ ބޭފުޅުންނަށްވެސް އެ ބޭފުޅެއްގެ ފަންނުގެ ތެރެއިން ލިބިވަޑައިގަންނަވާ ހައްޤުތަކާއި، އިޚްތިޔާރުތަކާއި، ބާރުތަކުގެ އިތުރުން ޒިންމާތަކެއްވެސް އޮންނާނެއެވެ. އަދި ސަރުކާރާއި ރައީސުލްޖުމްހޫރިއްޔާގެވެސް ރައުޔަކީ ކޯޓުން ނެރޭ އަމުރުތަކަށް އިޚްތިރާމު ކުރުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރާއްޖޭގައި އޮތީ ތިން ބާރު ވަކިވެފައިވާ ނިޒާމެއްކަން ފާހަގަކުރައްވައި، އަދުލުއިންސާފުގެ ނިޒާމު ކުޑައިމީސްވާނޭ ގޮތަށް ނުވަތަ އެ ބޭފުޅުންގެ ޤާނޫނީ ބާރުތައް ހަނިވާގޮތަށް މި ސަރުކާރުން އަމަލު ނުކުރާނެ ކަމުގެ ޔަޤީންކަން ޝަރީފް ދެއްވިއެވެ.

"އަދުލު އިންސާފުގެ ނިޒާމުގެ ބާރު ކެނޑޭނެ ގޮތަށް މި ސަރުކާރުން އަމަލެއް ނުކުރާނެ. އެމީހަކަށް ލިބިގެންވާ ޙައްޤުގެ ތެރެއިން ކަންތައްތައް ކުރުމުގެ ފުރުސަތު ކޮންމެ މީހަކަށްވެސް ލިބިގެންވާނެ" ތަރުޖަމާނު ވިދާޅުވިއެވެ.

ކޯޓު އަމުރުތައް ތަންފީޒު ކުރުމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ރައީސް އޮފީހުގެ އިސްތަރުޖަމާނު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބާއްވާ ޕްރެސް ކޮންފަރެންސްތަކުގައި އުސޫލުތަކާ އެއްގޮތަށް ކަންކަން ކުރިއަށްދާކަން އެ އޮފީހުން ކަށަވަރު ކުރި ނަމަވެސް، ކޯޓު އަމުރުތައް ތަންފީޒު ކުރާނީ ކަމާގުޅުންހުރި ތަންފީޒީ އިދާރާތަކުން ކަމަށެވެ.

މީގެ އިތުރުން، ކްރިމިނަލް ކޯޓުގެ އަމުރާ ގުޅިގެން އޮޅުން އަރާ ފަދަ ކަމެއް އޮތްނަމަ، އެކަން ސާފުކުރަން ހުށަހަޅަން ޖެހޭ އުސޫލުގެ މަތިން ހުށަހަޅައިގެން ކުރިއަށް ދިއުމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް ވަނީ ނަސޭހަތްތެރިވެވަޑައިގެންފައެވެ.