ފާއިތުވި ދެ ދުވަހުގެ ތެރޭގައި، ރަޝިޔާއިން 1،500 އެއްހާ ޑްރޯން ޙަމަލާ ޔޫކްރޭނަށް އަމާޒުކޮށްފައިވާ ކަމަށް، ޔޫކްރޭނުގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ ވިދާޅުވެއްޖެއެވެ.
މިއީ 2022ވަނަ އަހަރު ޔޫކްރޭނާ ދެކޮޅަށް ރަޝިޔާއިން ހަނގުރާމަ ފެށި ފަހުން ދީފައިވާ އެންމެ ވަރުގަދަ ޑްރޯން ޙަމަލާތަކުގެ ގޮތުގައި ޒެލެންސްކީ ސިފަކުރެއްވިއެވެ.
އެ ޙަމަލާތައް ޔޫކްރޭނުގެ ގިނަ ސިޓީތަކަށް އަމާޒުކޮށްފައިވާއިރު، އޭގެ ތެރޭގައި ވެރިރަށް ކިއޭވް ވެސް ހިމެނެއެވެ.
ޒެލެންސްކީ ވިދާޅުވި ގޮތުގައި، އެ ޙަމަލާތަކުގައި މިހާތަނަށް 11 މީހުން މަރުވެފައިވާކަމަށް ޒެލެންސްކީ ވިދާޅުވިއެވެ.
ކިއޭވްގެ 20 ސަރަޙައްދަކަށް ދިން ޙަމަލާތަކުގައި އިތުރު 40 މީހުން ޒަޚަމްވެފައިވާއިރު، އޭގެ ތެރޭގައި ކުޑަކުދިން ވެސް ހިމެނޭކަމަށް ޒެލެންސްކީ ވިދާޅުވިއެވެ.
މިގޮތުން، ރޭގެ އެކި ވަގުތުތަކުގައި 670 ޑްރޯނާއި 56 މިސައިލް ޙަމަލާ ރަޝިޔާއިން ދީފައިވާ ކަމަށާއި، އޭގެ ތެރެއިން 41 މިސައިލާއި 652 ޑްރޯން ދިފާއީ ނިޒާމުން ވައްޓާލާފައިވާކަމަށް ޔޫކްރޭނުގެ ވައިގެ ސިފައިން ބުނެފައިވެއެވެ.
ޒެލެންސްކީ ވިދާޅުވި ގޮތުގައި، މިފަދަ ޢަމަލުތަކުން ދައްކުވައިދެނީ، މި ހަނގުރާމަ ނިމުމަކަށް ގެނެސް، ސުލްޙަ ޤާއިމުކުރަން ރަޝިޔާއިން ބޭނުންނުވާ ކަމެވެ.
ރަޝިޔާއިން ދިން ޙަމަލާތަކުގައި 180 އުމްރާނީ ވަޞީލަތްތަކަށް ގެއްލުންތައް ލިބިފައިވާއިރު، އޭގެ ތެރޭގައި މީހުން ދިރިއުޅޭ 50 އިމާރާތެއް ހިމެނޭކަމަށް ވެސް ޒެލެންސްކީ ވިދާޅުވިއެވެ.
2022ވަނަ އަހަރުން ފެށިގެން ރަޝިޔާއާއި ޔޫކްރެއިންއާ ދެމެދު ކުރަމުންދާ ހަނގުރާމަ ނިމުމަކަށް ގެނައުމަށް، އެމެރިކާއިން އިސްވެ ދަނީ މަސައްކަތް ކުރަމުންނެވެ.
ނަމަވެސް، އެކި ފަހަރުމަތިން ކުރެވުނު މަޝްވަރާތަކުގައި އަދި މިހާތަނަށް މާބޮޑު ކުރިއެރުމެއް ލިބިފައެއް ނުވެއެވެ.
މި ހަނގުރާމަ ނިމުމަކާ ގާތަށް ގޮސްފައިވާކަމަށް ރަޝިޔާގެ ރައީސް ވްލެޑިމީރް ޕޫޓިން ވަނީ ދާދިފަހުން ވިދާޅުވެފައެވެ.
ފާއިތުވި ދެ ދުވަހުގެ ތެރޭގައި ޔޫކްރޭނަށް ދިން ޙަމަލާތަކާ ގުޅޭގޮތުން ރަޝިޔާއިން އަދި ރަސްމީކޮށް އެއްޗެއް ނުބުނެއެވެ.