އަންނަ މަހު ރާއްޖޭގައި ފަށާ ޑައިމަންޑް ޖުބިލީ އިންވިޓޭޝަނަލް ފުޓުބޯޅަ މުބާރާތުގައި ރާއްޖޭގެ ޤައުމީ ޓީމުން ކުޅޭ ކޮންމެ މެޗެއްގައި ބޭނުންކުރާ ފުރަތަމަ 11 އިން، ބޮޑެތި ބަދަލުތަކެއް ފެނުމުގެ ފުރުސަތު އެބައޮތްކަމަށް ކޯޗު އިސްޓަވާން އުރުބާނީ ބުނެފިއެވެ.
އެކުލަވާލާފައިވާ ތަފާތު ޤައުމީ ސްކޮޑާ ގުޅޭގޮތުން "ޕީއެސްއެމް ނިއުސް" އާ ވާހަކަދައްކަމުން އުރުބާނީ ބުނީ، މުބާރާތުގެ ފުރަތަމަ މެޗާ ޖެހެންވާއިރަށް ފުރަތަމަ 11 އެއް އެކުލަވާލެވިފައި އޮތުން އެއީ ލިބޭ އުފަލެއް ކަމަށެވެ. އަދި ލިބިފައިވާ ސްކޮޑާއެކު، މުބާރާތުގެ ކޮންމެ މެޗަކަށް، ތަފާތު ފުރަތަމަ 11 އެއް ފެނުމުގެ ފުރުސަތު ބޮޑުކަން އޭނާ ހާމަކުރިއެވެ.
މިގޮތަށް މިކަން ކުރާ ސަބަބު ވެސް އުރުބާނީ ހާމަކުރިއެވެ.
"ފުރަތަމަ މެޗަށް ފުރަތަމަ 11 އެއް އެކުލަވާލެވިފައި އޮތުން އެއީ ލިބުނު އުފުލެއް. ބޮޑަށް ބެލެވެނީ މުބާރާތުގެ ކޮންމެ މެޗެއްގައި ވެސް ރާއްޖޭގެ ގައުމީ ޓީމުން ނެރޭނީ ތަފާތު ފުރަތަމަ 11 އެއް ކަމަށް. މިއީ ކޮންމެހެން އެކްސްޕެރިމެންޓުތަކެއް ކުރަނީއެއް ނޫން. އެކަމަކު އެއީ ވެސް މިކަން މިގޮތަށް ކުރުމުގެ އެއް ބޭނުން. އަހަރެންގެ އުސޫލަކީ ކުރީބައިގައި މެޗުތަކުގެ ފުރަތަމަ 11 އެކުލަވާލުން. އެއީ އެކަމުގެ ސަބަބުން ފަރިތަކުރުންތައް ކުރިއަށް ގެންދަން ފަސޭހަވާނެތީ. މިކަމުގެ ސަބަބުން ކުޅުންތެރިންނަށް ވެސް އިތުރު ހިތްވަރެއް ލިބި، ކުޅުން ރަނގަޅުކުރަން މަސައްކަތްކުރާނެ". އުރުބާނީ ބުންޏެވެ.
އުރުބާނީ ފާހަގަކުރި ގޮތުގައި މިހާރު ވެސް އޭނާގެ ވިސްނުމުގައި، ކޮންމެ މެޗަކަށް ވެސް އެކުލަވާލާނެ ފުރަތަމަ 11 އެއް އެބައޮތެވެ. އެހެންނަމަވެސް ފަރިތަކުރުންތަކުގައި ކުޅުންތެރިން ކުރާ މަސައްކަތާއި ދައްކާ ކުޅުމަށް ބެލުމަށްފަހު އެ 11 އަށް ބަދަލުތަކެއް އައުމުގެ ފުރުސަތު އޮތްކަން ވެސް އޭނާ ހާމަކުރިއެވެ.
މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ގައުމީ ޓީމުން ފަރިތަކުރުންތައް ފަށާފައިވާއިރު، އެކުވެރިކަމުގެ މެޗުތަކެއް ވެސް އަންނަނީ ކުޅެމުންނެވެ. އެގޮތުން ޓީސީ ސްޕޯޓްސް ކުލަބާއެކު ވެސް އަދި ޒުވާން ގައުމީ ޓީމާއެކު ވެސް ޕްރެކްޓިސް މެޗުތަކެއް ވަނީ ކުޅެފައެވެ.
އަންނަ މަހު އެއްވަނަ ދުވަހުން ފެށިގެން 10 ވަނަ ދުވަހުގެ ނިޔަލަށް މާލޭގައި ކުރިއަށްދާ ޑައިމަންޑް ޖުބިލީ މުބާރާތުގައި ބައިވެރިވަނީ ރާއްޖޭގެ އިތުރުން ޕާކިސްތާން، އަފްޣާނިސްޠާން އަދި ބަންގްލަދޭޝްއެވެ.