ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި، ދެކުނާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް މިރޭވެސް މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ.
މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، ހަފުތާ ބަންދު ދެދުވަހުވެސް ރާއްޖޭގެ އެކި ސަރަޙައްދުތަކަށް މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އެކަށީގެންވާކަމަށް ވިދާޅުވިއެވެ.
އެހެންނަމަވެސް އާދިއްތަ ދުވަހުން ފެށިގެން މިހާރަށްވުރެ ކަނޑުތައް މަޑުވާނެކަމަށާއި، ވައި ޖެހޭ ބާރުމިން މަޑުވާނެކަމަށްވެސް މޫސުމާބެހޭ ގައުމީ އިދާރާއިން ވިދާޅުވިއެވެ.
މިރޭވެސް ރާއްޖޭގެ އެކި ސަރަޙައްދުތަކަށް ބޯކޮށް ވާރޭވެހި ގުގުރުން އެކަށީގެންވާކަމަށެވެ. ޚާއްސަކޮށް ދެކުނާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް މޫސުން ގޯސްވާނެކަމަށާއި، ވައިޖެހޭ ބާރުމިންވެސް ގަދަވާނެކަމަށް ވިދާޅުވިއެވެ. އަދި އާންމުކޮށް ހުރިހާ ހިސާބަކަށްވެސް ކަނޑު ގަދަވާނެކަމަށް ވިދާޅުވިއެވެ.
މޫސުމާބެހޭ ގައުމީ އިދާރާއިން ވިދާޅުވީ، މިރޭ ދެކުނުގެ އަތޮޅުތަކަށް ހުޅަނގު ދެކުނާއި ހުޅަނގުން، އެހެން ހިސާބުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގއި ވައިޖެހޭނެކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މލަށް ވައިގަދަވުން އެކަށީގެންވާކަަމަށްވެސް ވިދާޅުވިއެވެ.
ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި ދެކުނާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް އުދައިގެ އަސަރުކުރުން އެކަށީގެންވާކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ.
މި ދުވަސްވަރު ރާއްޖެއަށް ބޯކޮސް ވާރޭވެހި ވިއްސާރަކުރަމުންދާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ސަމާލުވުމަށް ކަމާއި ބެހޭ އިދާރާތަކުން ވަނީ އިރުޝާދު ދެއްވާފައެވެ. ވަކިން ޚާއްސަކޮށް ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށްވެސް ކަމާއި ބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ.