ފީފާ ވޯލްޑްކަޕްގައި ވާދަކުރާ ޕޯޗުގަލްގެ ސްކޮޑުގައި ރޮނާލްޑޯ ހިމަނާފައިވަނީ އޭނާގެ އުމުރަށް ބެލުމުގެ ބަދަލުގައި އޭނާގެ ކުޅުމަށް ބަލާފައި ކަމަށް ކޯޗު ރޮބާޓޯ މާޓިނޭޒް ބުނެފި އެވެ.
އުމުރުން 41 އަހަރުގެ ރޮނާލްޑޯ އާއި ގުޅޭ ގޮތުން މާޓިނޭޒް ބުނެފައިވަނީ އުމުރަކީ ނަމްބަރެއް ކަމަށާއި ނަމަވެސް އޭނާގެ ފަރާތުން މިހާރު ފެންނަ ކުޅުމަށް ބަލާއިރު އުމުރުގެ ތަފާތެއް ނުފެންނަ ކަމަށެވެ.
"އުމުރަކީ ހަމައެކަނި ނަމްބަރެއް. ނަމަވެސް ކްލަބްގައި ދައްކާ ކުޅުމަކުން އޭގެ ތަފާތެއް ނުފެނޭ. އަހަރެން ޓީމަށް ނަގަނީ ކުޅުންތެރިންގެ ފަރާތުން ފެންނަ ކުޅުމަށް ބަލާފައި އެހެންކަމުން ރޮނާލްޑޯވެސް ނަގާނީ އޭނާގެ ފަރާތުން ފެންނަ ކުޅުމަށް ބަލާފައި." މާޓިނޭޒް ބުންޏެވެ.
ހަވަނަ ވޯލްޑްކަޕްގައި ކުޅެން ރޮނާލްޑޯ ނިކުންނައިރު ކެރިއަރުގައި ރޮނާލްޑޯ އަށް ހާސިލުނުވެ އޮތް ހަމައެކަނި ތަށްޓަކީ ވޯލްޑްކަޕްގެ ތައްޓެވެ.
ރޮނާލްޑޯގެ ފަރާތުން ފެންނަ ކަމަކީ އަދިވެސް އޭނާ މުބާރާތްތައް ކާމިޔާބު ކުރުމަށް ފެންބޮވައިގަނެފައިވާ މިންވަރެވެ.
"އަލަށް ކުޅުންތެރިއަކު މުބާރާތެއް ނުވަތަ ތައްޓެއް ހޯދަން މަސައްކަތް ކުރާ މިންވަރަށް ރޮނާލްޑޯ އަދިވެސް މަސައްކަތް ކުރޭ ކާމިޔާބީ ހޯދަން. އެކަމުން އެކަނިވެސް ރޮނާލްޑޯގެ ތަފާތު ފެނިގެންދޭ." މާޓިނޭޒް ބުންޏެވެ.