ޚަބަރު

ނިޔާވި ސިފައިންގެ މީހާގެ މޫނުދެއްކުމާއި ޖަނާޒާ މިރޭ އިސްލާމީ މަރުކަޒުގައި


  • ކަށުނަމާދު މިރޭ 22:00 ގައި އިސްލާމީމަރުކަޒުގައި

  • މައްޔިތާއަށް ޒިޔާރަތް ކުރުން މިރޭ 19:00 އިން ފެށިގެން އިސްލާމީ މަރުކަޒުގައި

ގެއްލުނު އިޓަލީގެ ޑައިވަރުން ހޯދަން ކުރިއަށް ގެންދާ ރެސްކިއު އޮޕަރޭޝަނުގައި ހަރަކާތްތެރިވަނިކޮށް ހާލު ދެރަވެ ފަރުވާ ދެމުން ދަނިކޮން ނިޔާވި ސިފައިންގެ ޑައިވަރު، ސްޓާފް ސާޖެންޓް، މުހައްމަދު މަހުދީގެ ޖަނާޒާ މިރޭ ބާއްވާނީ ސިފައިންގެ ރަސްމީ ޢިއްޒަތުގައި ކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް، އެމްއެންޑީއެފުން ހާމަކުރައްވައިފިއެވެ.

މިމަހުގެ 14 ވަނަ ދުވަހު ވ. އަތޮޅު އަލިމަތާ ރިސޯޓު ކައިރީ ސަރަހައްދަށް ޑައިވިންއަށް ދިޔަ އިޓަލީގެ ފަތުރުވެރިންތަކެއްގެ ޚަބަރެއް ނުވެގެން އެކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑުގެ މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރަށް ލިބުނީ އެދުވަހުގެ މެންދުރު 13:45 ހާއިރެވެ.މިމަޢުލޫމާތު ލިބުމާއެކު އެމީހުން ހޯދުމުގެ މަސައްކަތް ކުރަމުންދަނިކޮށް އޭގެ ތެރެއިން އެކަކު ނިޔާވެފައި އޮއްވާ ކަނޑުގެ 60 މީޓަރު އަޑިން ކޭވްއެއްގެ ތެރެއިން އެދުވަހުގެ ވަގުތެއްގައިވަނީ ފެނިފައެވެ.

އެއާއި އެކީ އެމްއެންޑީއެފުން ވަނީ އެސަރަހައްދުގައި ޚާއްސަ އޮޕަރޭޝަނެއް ފަށާފައެވެ. "ހައި ރިސްކު" އޮޕަރޭޝަނުގައި 8 ޑައިވަރުން ބައިވެރިވެއެވެ. އެއޮޕަރޭޝަންގައި ބައިވެރިވި ސްޓާފް ސާޖެންޓް، މުހައްމަދު މަހުދީ ނިޔާވެފައި ވަނީ އޮޕަރޭޝަނުގައި ހަރަކާތްތެރިވަމުން ދަނިކޮށް ޑީކޯ ވެގެން މާލެގެނެސް އޭޑީކޭގައި ފަރުވާ ދެމުން ދަނިކޮށެވެ.

މަހުދީގެ ކަށުނަމާދު މިރޭ 22:00 ގައި އިސްލާމީ މަރުކަޒުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އަަދި މައްޔިތާއަށް ޒިޔާރަތް ކުރުން މިރޭ 19:00 އިން ފެށިގެން އިސްލާމީ މަރުކަޒުގައި ކުރިއަށްދެއެވެ. މަހުދީގެ ޖަނާޒާގައި ވީހާ ގިނަފަރާތްތަކުން ބައިވެރިވުމަށް އެމްއެންޑީެފުންވަނީ އެދިވަޑައިގެންފައެވެ.

އެމްއެންޑީއެފްގެ ސްޓާފް ސާޖެންޓް މުހައްމަދު މަހުދީއަށް މަގާމުގެ ކުރިއެރުން ދެއްވައި ސާޖަންޓް ފަސްޓް ކްލާސް ރޭންކަށްވަނީ ބަދަލުކުރައްވާފައެވެ.

މި އޮޕަރޭޝަނުގައި އެމްއެންޑީއެފަށް އެހީތެރިވުމަށް އިޓަލީގެ 2 ތަޖުރިބާކާރުން ވެސް ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ބައިވެރިވަނީ ޑީޕްސީ ރެސްކިއު އެކްސްޕާޓަކާއި ކޭވް ޑައިވިން އެކްސްޕާޓެއް ކަމަށް ބޭރުގެ މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ.