ޚަބަރު

ކޮޗިންއާއި ޓްރިވެންޑްރަމަށް މޯލްޑިވިއަންގެ ދަތުރުތައް ހަފުތާއަކު 6 ދުވަހު


  • ދަތުރުތައް އިތުރުކުރާނީ، ޑިސެންބަރު 13 އިން ފެށިގެން

  • މި 2 މަންޒިލަށް މިހާރު ބާއްވަނީ ހަފުތާއަކު 5 ދަތުރު

ޤައުމީ އެއަރލައިން މޯލްޑިވިއަންއިން އިންޑީއާގެ ޓްރިވެންޑްރަމް އަދި ކޮޗިންއަށް ކުރާ ދަތުރުތައް އިތުރުކުރުމަށް ނިންމައިފިއެވެ. މި ދަތުރުތައް އިތުރު ކުރުމަށް ނިންމާފައިވަނީ ޑިސެންބަރު މަހު 13 އިން ފެށިގެންނެވެ.

ޤައުމީ އެއަރލައިން މޯލްޑިވިއަން އިން އިންޑިއާގެ މަންޒިލްތަކަށް ކުރަމުންދާ ދަތުރުތައް ފުޅާކުރުުގެ ތެރެއިން އެ ޤައުމުގެ ޓްރިވެންޑްރަމަށާއި ކޮޗިންއަށް ކުރަމުންދާ ދަތުރުތައް އަންނަ ޑިސެންބަރު މަހުގެ 13 އިން ފެށިގެން އިތުރު ކުރަމުން ނިންމައިފިއެވެ. މިހާރު މި ދެމަންޒިލަށް ހަފުތާއަކު 5 ދަތުރު ކުރާއިރު، އެދުވަހުން ފެށިގެން ހަފުތާއަކު 6 ދަތުރަށް އިތުރު ކުރުމަށް ވަނީ ނިންމާފައެވެ.

މިހާރު މޯލްޑިވިއަން ދަތުރުތައް އިންޑިއާގެ ޓްރިވެންޑްރަމް އަދި ކޮޗިންއަށް ކުރަމުންދަނީ ހޯމަ، ބުދަ، ބުރާސްފަތި ހުކުރު އަދި ހޮނިހިރުއެވެ. ނަމަވެސް އަންނަ ޑިސެންބަރު މަހުގެ 13 އިން ފެށިގެން އާދީއްތަ ދުވަހުވެސް ދަތުރުކުރާނެއެވެ.

އިންޑިއާއަށްކުރާ ދަތުރުތައް މިއަހަރު ޑިސެންބަރަށް އިތުރުކޮށްފައިވާއިރު، މި ދަތުރުތައް ހަފުތާއަކު 5 ދުވަހު ކުރާ ގޮތަށް މޯލްޑިވިއަންއިން ބަދަލުކުރީ މިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ 19 ގައެވެ. އިންޑިއާކީ ގިނަ އަދަދަކަށް ދިވެހިން ދަތުރުކުރާ ޤައުމެއް ކަމުން މި ދަތުރުތަކުގެ ޑިމާންޑު އަބަދުވެސް އިތުރުވެއެވެ.

މޯލްޑިވިއަނުން ވަނީ، މި ދަތުރުތަކަށް ޓިކެޓް ބުކް ކުރުމުގެ ފުރުޞަތު މިހާރު ހުޅުވާލާފައެވެ. ޤައުމީ އެއަރލައިން މޯލްޑިވިއަނުން މިވަގުތު ޝެޑިއުލް ދަތުރުތައް ކުރަނީ، ބައިނަލްއަޤްވާމީ 4 ޤައުމެއްގެ 7 މަންޒިލަކަށެވެ. އެއީ، އިންޑިއާގެ 2 ސިޓީއަކަށާއި، ބަންގްލަދޭޝްގެ ޑާކާއަށާއި، ޗައިނާގެ 3 ސިޓީއަކާއި އޮސްޓްރޭލިއާގެ މެލްބަންއަށެވެ.

މޯލްޑިވިއަނުން ދަނީ، އެ ކުންފުނީގެ ދަތުރުތައް ބައިނަލްއަޤްވާމީ ގިނަ ޤައުމުތަކަކަށް ފުޅާކުރުމުގެ މަސައްކަތް ކުރަމުންނެވެ.