ކުރިއަށް އޮތް 24 ގަޑިއިރުވެސް ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރާނެ ކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ.
މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، ރާއްޖޭގެ ހުރިހާ އަތޮޅަކަށްވެސް ވިއްސާރަކުރާނެ ކަމަށެވެ. އެހެންނަމަވެސް އެންމެ ބޮޑަށް މޫސުން ގޯސްވާނީ، އުތުރާއި މެދު ރާއްޖެ ތެރޭގެ އަތޮޅުތަކަށް ކަމަށް މެޓް އޮފީހުން ވިދާޅުވިއެވެ.
އެގޮތުން މި ސަރަހައްދުތަކަށް ވިލާގަނޑުގައި 45 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް ވިދާޅުވިއެވެ.
މެޓް އޮފީހުން ވަނީ، ޅ.އަތޮޅުން ފެށިގެން މ.އަތޮޅަށް ވައިޓް އެލާޓް ނެރެފައެވެ. އެލާޓް ނެރެފައިވަނީ، މިއަދުގެ 18:45އިން ދަންވަރު 1:30އާ ހަމައަށެވެ. މި ސަރަހައްދުތަކަށް ގަޑިއަކު 19 މޭލާއި، 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓް އޮފީހުން ވިދާޅުވިއެވެ.
Alert white for strong winds pic.twitter.com/vaAtjaRV1U
— Maldives Meteorology (@MetMaldives) May 16, 2026
ރާއްޖެއަށް ހުޅަނގު މޫސުން ފެށިފައިވާކަން މޫސުމާ ބެހޭ ޤައުމީ އިދާރާއިން ހާމަކުރައްވާފައިވާއިރު، ކަނޑު ދަތުރުތައް ކުރުމުގައި ސަމާލުވުމަށާއި އަދި ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ލިބިދާނެ ގެއްލުމަކަށް ދުރާލާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުއްވުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އިލްތިމާސް ކުރައްވާފައެވެ.