ޚަބަރު

ޗެލްސީ ބަލިކޮށް ސިޓީން އެފްއޭ ކަޕްގެ ޗެމްޕިއަންކަން ހޯދައިފި


އިނގިރޭސި އެފްއޭ ކަޕްގެ ޗެމްޕިއަންކަން މެންޗެސްޓަރ ސިޓީ އިން ހޯދައިފި އެވެ.

މެންޗެސްޓަރ ސިޓީ އިން މި މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވަނީ ލަންޑަނުގެ ވެމްބްލީ ސްޓޭޑިއަމްގައި މިރޭ ކުޅުނު ފައިނަލް މެޗު 1-0 ގެ ނަތީޖާ އަކުން ކާމިޔާބުކޮށްގެންނެވެ.

83 ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުގައި ގިނައިރު ބޯޅަ ހިފަހައްޓައިގެން މެންޗެސްޓަރ ސިޓީ އިން ކުޅުނު ނަމަވެސް މުޅި މެޗުގައި ޗެލްސީ އިން ވަނީ ސިޓީގެ ގޯލަށް ނުރައްކާތެރި ހަތަރު ހަމަލައެއް ފޮނުވާލާފަ އެވެ.

މި މެޗުގައި ފެނިގެން ދިޔަ ހަމައެކަނި ލަނޑަކީ މެޗުގެ 72 ވަނަ މިނިޓުގައި އަރިމަތިން އާލިން ހާލާންޑް ނަގައިދިން ހުރަހެއް އެންޓޮއިން ސެމެންޔޯ ގޯލުގެ ތެރެއަށް ފޮނުވާލައިގެން ކާމިޔާބުކޮށްފައިވާ ލަނޑެކެވެ.

ޗެލްސީ މި ފަހަރުގެ ފައިނަލުން ބަލިވެފައިވާއިރު މިއީ އެ ޓީމު އެފްއޭ ކަޕްގެ ފައިނަލުގައި ޖެހިޖެހިގެން ބަލިވި ހަތަރުވަނަ ފަހަރެވެ. އަދި މި ސީޒަނުގައި އެ ޓީމަށް ތައްޓެއް ހޯދުމަށް ލިބުނު ހަމައެކަނި ފުރުސަތުވެސްމެ އެވެ.

މެންޗެސްޓަރ ސިޓީ އިން އެފްއޭ ކަޕްގެ ޗެމްޕިއަންކަން ހޯދިއިރު އެ ޓީމުން ވަނީ މި ސީޒަނުގައި އިނގިރޭސި ލީގު ކަޕް ނުވަތަ ކަރަބާއޯ ކަޕްގެ ޗެމްޕިއަންކަން ވެސް ހޯދާފަ އެވެ.