ޚަބަރު

އެސްޓީއޯގެ ހިއްސާއަކަށް 85ރ. ބަހަން ފާސްކޮށްފި


  • އަހަރީ އާންމު ޖަލްސާގައި 263 މެންބަރު ބައިވެރިވި

  • މިދިޔަ އަހަރުގެ މާލީ ހިސާބުތަކާއި ޑިރެކްޓަރުންގެ ރިޕޯޓު ފާސްކުރި

  • ހިއްސާދާރުންގެ އިންވެސްޓްމެންޓްތައް ވަނީ އިންފްލޭޝަނުން ރައްކާތެރިވެފައި

ދައުލަތުގެ ވިޔަފާރި ކުންފުނި ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން، އެސްޓީއޯއިން ހިއްސާއަކަށް 85 ރުފިޔާ ބަހަން ފާސްކޮށްފިއެވެ.

އެކުންފުނިން މިގޮތަށް ފާސްކޮށްފައިވަނީ، މިރޭ ބޭއްވި އެކުންފުނީގެ މިއަހަރުގެ އަހަރީ އާންމު ޖަލްސާގައެވެ. މިއީ، އެކުންފުނިން އާންމުކޮށް ހިއްސާ ވިއްކަން ފެށިތާ 25 އަހަރު ފުރޭ އަހަރުކަން އެސްޓީއޯއިން ފާހަގަކުރެއެވެ.

ޑުސިޓް ޑީ-2 ފޭދޫ މޯލްޑިވްސްގައި ބޭއްވި މިއަހަރުގެ އެކުންފުނީގެ އަހަރީ އާންމު ޖަލްސާގައި އެކުންފުނީގެ ހިއްސާދާރުންނާއި، ހިއްސާދާރުންގެ ޕްރޮކްސީން ބައިވެރިވެފައިވެއެވެ. އެގޮތުން ޖަލްސާގައި ޖުމްލަ 263 ހިއްސާދާރުން ބައިވެރިވިއެވެ. އެއީ، ހާޒިރުވެގެން ބައިވެރިވި 176 ހިއްސާދާރުންނާއި ޕްރޮކްސީކޮށް ބައިވެރިވި 87 ހިއްސާދާރުންނެވެ.

މި ޖަލްސާގައި ކުންފުންޏަށް ލިބުނު ފައިދާއިން ހިއްސާއަކަށް 85 ރުފިޔާ ބެހުމަށް ފާސްކޮށްފައިވަނީ، ޖަލްސާގައި ބައިވެރިވި ހިއްސާދާރުންގެ ވޯޓުންނެވެ. މިއީ، ފަހުގެ ތާރީޚެއްގައި އެންމެ ގިނަ އަދަދަކަށް ފައިދާއިން ހިއްސާދާރުންނަށް ބަހަން ނިންމި ފަހަރުކަން އެސްޓީއޯއިން ފާހަގަކުރެއެވެ.

މިދިޔަ އަހަރު އެކުންފުނިން ކޮންމެ ހިއްސާއަކަށް ބަހާފައިވަނީ، 80 ރުފިޔާއެވެ. އެސްޓީއޯގެ ސާފު ފައިދާއިން ހިއްސާދާރުންނަށް 85 ރުފިޔާ ބެހުމަށް ކަނޑައެޅިއިރު، މިދިޔަ އަހަރު އެސްޓީއޯއަށް އާމްދަނީގެ ގޮތުގައި 15.55 ބިލިޔަން ރުފިޔާ ލިބިފައިވެއެވެ. އަދި ސާފު ފައިދާގެ ގޮތުގައި އެކުންފުނިން 763 މިލިޔަން ރުފިޔާ ހޯދާފައިވެއެވެ.

މި ޖަލްސާގައި 2024 ވަނަ އަހަރުގެ ޔައުމިއްޔާ ވަނީ، ފާސްކޮށްފައެވެ. އަދި 2025 ވަނަ އަހަރުގެ އޮޑިޓްކޮށްފައިވާ މާލީ ހިސާބުތަކުގެ އިތުރުން ޑިރެކްޓަރުންގެ ރިޕޯޓުވެސް ފާސްކޮށްފައިވެއެވެ. މީގެ އިތުރުން ކުރިއަށް އޮތް އަހަރަށް ކުންފުނީގެ އެކްސްޓާނަލް އޮޑިޓަރެއްގެ ގޮތުގައި އާނެސްޓް އެންޑް ޔަންގ ހަމަޖައްސާފައިވާއިރު، އެ ކުންފުންޏަށް އުޖޫރައެއްގެ ގޮތުގައި 1،009،800 މިލިޔަން ރުފިޔާއަށް ދިނުމަށްވެސް މި ޖަލްސާގައި ވަނީ ނިންމާފައެވެ.

މިޖަލްސާގައި ކުންފުނީގެ ބޯޑުގައި އާންމު ހިއްސާދާރުން ތަމްސީލް ކުރާނެ ފަރާތެއް ވަނީ، ހިއްސާދާރުންގެ ވޯޓުން އައްޔަންކޮށްފައެވެ. ކުންފުނީގެ ބޯޑުގައި އާންމު ހިއްސާދާރުން ތަމްސީލް ކުރުމަށް ހިއްސާދާރުންގެ ފަރާތުން ކަނޑައެޅީ، މުޙައްމަދު އަޙުސަން ސަލީމެވެ.

މިޖަލްސާގައި ވާހަކަ ދައްކަވަމުން އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޝީމާދު އިބްރާހީމް ވަނީ، ވޭތުވެދިޔަ 60 އަހަރު ދެމެހެއްޓެނި ގޮތެއްގައި އެކުންފުނިން ވިޔަފާރި ކުރުމުގެ ސަބަބުން ކުންފުނީގެ ހިއްސާދާރުންނަށް ބޮޑު ފައިދާއެއް ލިބޭކަން ފާހަގަކުރައްވާފައެވެ. އެގޮތުން ފުރަތަމަ ހިއްސާ ގަތް ފަރާތްތަކަށް މިހާރު ކެޕިޓަލް 500 އިންސަންތަ އިތުރުވެފައިވާ ކަމަށް ވިދާޅުވިއެވެ. އަދި އެކުންފުނީގެ އިންވެސްޓްމެންޓުތަކަކީ، އިންފްލޭޝަނުން ރައްކާތެރި އިންވެސްޓްމެންޓްތަކެއް ކަމަށް އެސްޓީއޯއިން ވިދާޅުވިއެވެ.

އެސްޓީއޯއިން ވިދާޅުވީ، ކުންފުނިން މިހާރު މަސައްކަތް ކުރަމުން ދަނީ، 5 އަހަރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭނެއްގެ ދަށުން ކަމަށެވެ. އަދި ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ކުންފުނީގެ ފައިދާ މިހާރަށްވުރެ ބޮޑަށް އިތުރުކޮށް ވިޔަފާރި ފުޅާކުރުމަކީ އަމާޒެއް ކަމަށްވެސް އެކުންފުނިން ވިދާޅުވިއެވެ.