ޚަބަރު

އޭޝިއަން ގޭމްސް އަށް އުތުރު ކޮރެޔާ އިން 100 އެތުލީޓުން


އޭޝިއަން ގޭމްސް އަށް އުތުރު ކޮރެޔާއިން 100 އެތުލީޓުން ފޮނުވަން އެ ގައުމުގެ ސަރުކާރުން ނިންމައިފި އެވެ.

ޖަޕާނުގައި މި މަހު ބާއްވާ ގޭމްސްގައި 14 ކުޅިވަރެއްގައި ވާދަ ކުރަން ވެސް ކޮރެޔާއިން ވަނީ ނިންމައިފަ އެވެ.

މިއީ ނިއުކްލިއަ ބާރެއްގެ ގޮތުގައި އޮތް ކޮރެޔާއިން ކޮވިޑް19 އަށް ކުޅިވަރުތަކަށް އެތުލީޓުން ފޮނުވުން ހުއްޓާލުމަށްފަހު ގައުމުން ބޭރުގެ ބޮޑު މުބާރާތަކަށް އެތުލީޓުން ފޮނުވާ ތިން ވަނަ ފަހަރެވެ. މީގެ ކުރިން ވަނީ 2023 ވަނަ އަހަރު ޗައިނާގައި އޮތް އޭޝިއަން ގޭމްސް އާއި ޕެރިސް އޮލިމްޕިކްސްގައި ވެސް ބައިވެރިވެފަ އެވެ.

މި ފަހަރު ކޮރެޔާގެ އެތްލީޓުންގެ ތެރޭގައި ޖަޕާނު ދަރިކޮޅުގެ މީހުން ވެސް ހިމެނެ އެވެ.

"އަންހެން އަދި ފިރިހެން ކުޅުންތެރިން ހިމެނޭހެން އަހަރުމެންގެ ކޮންޓިންޖެންޓްގައި 100ވުރެ ގިނަ އެތުލީޓުން ހިމެނޭނެ. އަހަރުމެން ބައިވެރިވާ ކުޅިވަރުތަކުގެ ތެރޭގައި ފުޓުބޯޅަ، ބަރުއުފުލުން، ބޮކްސިން އަދި ރެސްކިން ހިމެނޭނެ،" ކޮރެޔާގެ އޮލިމްޕިކް ކޮމިޓީގެ ފަރާތުން ސެކްރެޓަރީ ޖެނެރަލް ކޯ ހޯ ފާހަގަކުރިއެވެ.

އޭނާ ބުނީ ޗައިނާގައި މީގެ ތިން އަހަރު ކުރިން އޮތް ގޭމްސް އަށް ފޮނުވި އެތުލީޓުންނަށްވުރެ މިފަހަރު ކޮރެޔާގެ އެތުލީޓުން މަދު ނަމަވެސް ކުރިއަށްވުރެ ރަނގަޅު ކާމިޔާބީ އަކަށް އުއްމީދު ކުރެވޭ ކަމަށެވެ.

"އަހަރުމެންގެ އެތުލީޓުން ދަނީ ވަރަށް ބުރަކޮށް މަސައްކަތް ކުރަމުން. ކުރީ ފަހަރަށްވުރެ މާ ރަނގަޅު ކާމިޔާބީ އެއް ލިބޭނެ ކަމަށް އަހަރުމެން އުއްމީދުކުރަން،" ހޯ ބުންޏެވެ.

ޗައިނާގައި އޮތް ގޭމްސްގައި ކޮރެޔާ އަށް ލިބުނީ 11 ރަންމެޑަލް އެވެ.