ޚަބަރު

ލީގަށް ތައްޔާރުވާން ވިކްޓްރީ ލަންކާއަށް


  • ވިކްޓްރީން ނުކުންނާނީ ހުރިހާ މުބާރާތެއް ކާމިޔާބުކުރުމުގެ އަޒުމުގައި

  • ޓްރެއިނިން ކޭމްޕުގައި ވިކްޓްރީން މެޗުތަކެއް ކުޅޭނެ

މި މަހު 10 ގައި ފަށާ ދިވެހި ޕްރިމިއާ ލީގަށް ތައްޔާރުވާން ވިކްޓްރީ ސްޕޯޓްސް ކުލަބް ސްރީލަންކާއަށް ފުރައިފިއެވެ.

މި ފަހަރުގެ ސީޒަނަށް އެންމެ ބޮޑަށް ތައްޔާރުވި އެއް ކުލަބަކީ ވިކްޓްރީއެވެ. އެގޮތުން އެ ޓީމުގެ ސްކޮޑަށް ބޮޑެތި ބަދަލުތަކެއް ގެނަސް ގިނަ ކުޅުންތެރިންތަކެއްގެ ސޮއި ވިކްޓްރީއިން ވަނީ ހޯދައިފައެވެ. އެގޮތުން މާޒިޔާއަށް ކުޅުނު ގައުމީ ޓީމުގެ އިތުބާރު ފޯވާޑް ހަމްޒާ މުހައްމަދު (ހަމްޕު)، ނާއިޒް ހަސަން (ދާދު)، ހަސަން ނަޒީމް ގާސިމް (ޗޯޓު)، ހުސެއިން ނިހާން (ނިހާޓް)، އަހްމަދު ރިޒްވާން (ރިޒޭ)، ހުސެއިން ސިފާއު ޔޫސުފް (ކުރޯ) އަދި ކީޕަރު މުހައްމަދު ޝަފީއު (ޗެކް) ގެ ސޮއި ވިކްޓްރީއިން ވަނީ ހޯދައިފައެވެ.

ވިކްޓްރީ ގޮވައިގެން މި ސީޒަނުގައި އެ ޓީމަށް އިރުޝާދު ދޭނީ ތަޖުރިބާކާރު ކޯޗު މުހައްމަދު ސިޔާޒް (މޯހަން) އެވެ. މީގެ ކުރިން ޕީއެސްއެމް ނިއުސްއަށް ދިން އިންޓަވިއުގައި ޝިޔާޒް ވަނީ ވިކްޓްރީއިން ރަނގަޅު ސްކޮޑެއް އެކުލަވާލާ ލީގަށް ނުކުންނާނީ ހުރިހާ މުބާރާތެއް ކާމިޔާބުކުރުމުގެ އަމާޒާއެކުގައި ކަމަށް ބުނެފައެވެ. އެކަމަކު އެ ޓީމަށް ކޮމްޕެޓިޓިވް މެޗެއް ނުލިބި ލީގަށް ނުކުންނަން ޖެހުން ވާނީ ބޮޑު ގޮންޖެހުމަކަށް ކަމަށްވެސް ޝިޔާޒް ފާހަގަކުރިއެވެ.

ވިކްޓްރީ އިން މައުލޫމާތުދޭ ގޮތުގައި ހަފުތާއެއްގެ ދުވަހަށް ކުރިއަށް ގެންދާ މި ޓްރެއިނިންގް ކޭމްޕުގައި އެ ޓީމުން ސްރީލަންކާގެ ކުލަބުތަކާއެކު މެޗުތަކެއް ކުޅުމަށް ވަނީ ނިންމާފައެވެ. އޭގެ ސަބަބުން ލީގަށް ނުކުންނައިރު، ޓީމުގެ ފިޓްނަސް ރަނގަޅުވާނެ ކަމަށް ކޯޗު ޝިޔާޒް ގަބޫލުކުރެއެވެ.

ވިކްޓްރީއިން ވަނީ އެ ޓީމުގެ ސްކޮޑް ވަރުގަދަ ކުރުމަށް ބިދޭސީ ތިން ކުޅުންތެރިންވެސް ޓީމަށް ގެނަސްފައެވެ. އެގޮތުން އުޒްބެކިސްތާންގެ ޑިފެންޑަރު ފުރްކަތޯން ހަސަންބޮއޭވް، ބްރެޒިލްގެ ޑިފެންޑަރު އާތޫރް އަރަައުހޯ އަދި އުޒްބެކިސްތާންގެ މިޑްފީލްޑަރު މިރްޖަލޯލް ކަސީމޯވް ގެ ސޮއި ވިކްޓްރީން ވަނީ ހޯދައިފައެވެ.

ދިވެހި ޕްރިމިއާ ލީގަށް ވިކްޓްރީން ނުކުންނައިރު، އެ ޓީމަށް އައި ބޮޑު ބަދަލާއެކު އެ ޓީމު ވެގެންދާނީ މުބާރާތުގެ ފޭވަރިޓުންގެ ތެރޭގައި ހިމެނޭ ޓީމަކަށެވެ. އަދި މިއީ ދިވެހި ފުޓުބޯޅައިގައި ވިކްޓްރީގެ އަސްލު މަގާމަށް އެ ޓީމު ގެންދިޔުމަށް އަޅާ މުހިންމު ފިޔަވަޅެއް ކަމަށް ކޯޗު ޝިޔާޒް ވެސް ގަބޫލުކުރެއެވެ.