ޙާޖީންނަށް ދޭ ޞިއްޙީ ޚިދުމަތުގެ ފެންވަރާ ގުޅޭ އުސޫލުތައް ހަރުދަނާކޮށް، އަހަރުން އަހަރަށް މި ޚިދުމަތް އަންނަނީ ހަރުދަނާކުރަމުންނެވެ. އެގޮތުން މިއަހަރުވެސް ޞިއްޙީ ޚިދުމަތްތައް އިތުރަށް ހަރުދަނާކޮށް، އަދި ކްލިނިކަށް ބައެއް ޚިދުމަތްތައް ވަނީ އިތުރުކޮށްފައެވެ.
ޙާޖީންނަށް މިއަހަރު ޞިއްޙީ ޚިދުމަތް ދިނުމުގެ އިންތިޒާމުތައް ޙައްޖު ކޯޕަރޭޝަނުން ކުރިއަށްގެންދަނީ ސައުދީގެ ނެޝަނަލް ހޮސްޕިޓަލާއި ގުޅިގެންނެވެ.
އެގޮތުން ޙާޖީންނަށް ދޭ ޞިއްޙީ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށް ސަޢުދީންވެސް މިއަހަރު ވަނީ ސިއްޙީ ޚިދުމަތް ދޭ ތަންތަނުގެ ފެންވަރު އިތުރަށް މަތިކޮށް ހަރުދަނާކޮށްފައެވެ.
ދިވެހިންނަށް ޞިއްޙީ ޚިދުމަތް ފޯރުކޮށްދޭ ކްލިނިކް ޤާއިމުކޮށްފައިވަނީ ޙާޖީން ތިބޭ އަޖިޔާދް ހޮޓަލުގެ ފުރަތަމަ ފަންފިލާ (އެމް.ފްލޯ)ގައެވެ.
މިއީ ވަރަށް ފެންވަރު ރަނގަޅުކޮށް ހަދާފައިވާ، ޚިދުމަތްތައް ފުރިހަމަ ކްލިނިކެވެ. އެގޮތުން ކްލިނިކްގައި ޓްރައޭޖްގެ ޚިދުމަތް ނުވަތަ ބަލިމީހާ ކްލިނިކަށް އައިސް ޑޮކްޓަރު ކޮޓަރިއަށް ދިއުމުގެ ކުރިން އާއްމު ސިއްޙަތު(ވައިޓަލް) ބެލޭނެ ޓްރައޭޖް ފެސިލިޓީ ވަނީ ޤާއިމުކޮށްފައެވެ.
މީގެއިތުރަށް ކްލިނިކްގައި މިފަހަރު މުޅިން އަލަށް ވަނީ، ބަލިމީހާ ބާއްވައިގެން (އައިސޮލޭޓްކޮށްގެން) ފަރުވާ ދެވޭ ކޮޓަރިއެއްވެސް ވަސީލަތްތަކާއެކު ޤާއިމުކޮށްފައެވެ.
ކްލިނިކްގައި ދެން ހިމެނެނީ ޑޮކްޓަރު ބަލާ ކޮޓަރިއާއި، ފަރުވާދޭ ކޮޓަރިއަކާއި ބޭސް ފިހާރައެވެ.
ޙައްޖުވެރިންގެ ޚިދުމަތުގައި 4 ޑޮކްޓަރުންނާއި 5 ނަރުހުން މަސައްކަތްކުރާނެއެވެ. އެގޮތުން އެޑްވާންސް ޓީމުގައާއި ފުރަތަމަ ފްލައިޓްގެ ޙާޖީންނާއެކުވެސް ޑޮކްޓަރުންނާއި ނަރުހުން އައިސްފައިވެއެވެ.
ދަތުރުތަކުގައާއި މަޝާއިރުތަކުގައިވެސް ޞިއްޙީ އެހީތެރިންގެ މިޓީމް ހަރަކާތްތެރިވާނެއެވެ.
ހޮޓަލާއި މަޝާއިރުގެ އެންމެހާ ވަގުތުތަކުގައިވެސް 24 ގަޑިއިރު ޙާޖީންގެ ޚިދުމަތުގައި މަސައްކަތް ކުރާނެއެވެ.
ކްލިނިކުން ފަރުވާ ނުދެވޭ ކުއްލި ޙާލަތްތަކުގައި ބަލިމީހާ ވަގުތުން ހޮސްޕިޓަލަށް ފޮނުވޭގޮތަށް އަބަދުވެސް ހޮޓަލުގައި އެމްބިއުލާންސެއް ތައްޔާރީ ޙާލަތުގައި އޮންނާނެއެވެ.